ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ފިޔަވައި އެހެން ހުރިހާ ހިސާބަކަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
މިދިޔަ ހަފުތާގައި "ވީނިއުސް" އާ ވާހަކަދައްކަވަމުން މެޓް އޮފީހުގެ މީޓްރޮލޮޖިސްޓަކު ވިދާޅުވީ، މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅު ތަކަށެވެ.
މިއަދު ހެނދުނު މެޓުން ހުދު ސަމާލު ނެރެފައި ވަނީ ވެސް އެ ސަރަހައްދުތަކަށެވެ. މިއަދު މުޅި ރާއްޖެއަށްވެސް ވައިގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. ވައިގެ ބާރުމިން އުޅޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށިގެންވެއެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ކަނޑުތައް ގަވަވާނެ ކަމަށް ބެލެވޭއިރު ރާޅުގެ އުސްމިން 4 ފޫޓާއި 7 ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައި ވެއެވެ. މިއަދުގެ އެކިއެކި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެން ވާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގައި ކުރާ ވިއްސާރައެވެ.
އެހެންކަމުން މެޓްގެ އިތުރުުން ދިވެހި ފުލުހުންނާއި ސިފައިންވެސް ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އިއްޔެ މެންދުރު ފަހު ފުލުހުން ނެރުނު އެޑްވައިޒަރީއެއްގައި ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އަދި ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ދަތުރަކަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުގަދަ ނަމަ ދަތުރުނުކުރުމަށްވެސް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.
މޫސުން: ދެކުނު ފިޔަވައި އެހެން ހިސާބުތަކަށް ހުދު ސަމާލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ