ރިސޯޓުތަކުގެ ޢަދަދު މީހުން ދިރިއުޅޭ ރަށްރަށާ އެއް ޢަދަދަކަށް

މިހާރު އަލަށް ތަރައްޤީކުރަމުން އަންނަ ރިސޯޓްތައް ހުޅުވުމާއެކު، ރާއްޖޭގެ ރިސޯޓްތަކުގެ ޢަދަދު، މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ އަރާ ހަމަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓޫރިޒަމްގެ ރަން އަހަރާއި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖެއަކީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ބާޒާރަށް އަބަދުވެސް ހުޅުވިފައި އޮތް މަންޒިލެއްކަމަށެވެ. ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުޞަތުތައް ރާއްޖޭގައި ގިނަކަމަށާ، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ މީހުންވެސް އަދިވެސް އެބަތިބިކަމަށް ވިދާޅުވެ ރައީސް ވަނީ ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވާ ފަތުރުވެރިން ވެސް ތިބިކަން ފާހަގަކުރައްވާފައެވެ.
"ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިޞިނާޢަތު ސިންދަފާތުކުރުން. މި ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާ އާއި 13 ޓޫރިސްޓު ހޮޓަލާއި 721 ގެސްޓް ހައުސް ހިންގަމުން ދިޔަ. އޭގެ އިތުރުން ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި 147 ޓޫރިސްޓް އުޅަނދާއި 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ގެންދިޔަ. އެނދުގެ ޢަދަދަށް ބަލާއިރު އެއީ 57436 އެނދު. މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި ގެސްޓްހައުސްތައް އެބަ ހިންގާ. އިތުރު ރަށްރަށުގައި ވެސް އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް އެއަންނަނީ ތައްޔާރުވަމުން. އެހެން ނަމަވެސް އެވަރަކުން އަދި ނުފުދޭ. ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު. އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެ އަންނަނީ ކުރިއަށް." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރުމަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެވެ. އެމަނިކުފާނު ވަނީ މުޅި ރާއްޖެ ދަތުރުފަތުރުން ގުޅުވާލުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލުވެސް ހިއްސާކުރައްވާފައެވެ.
"މީގެ 12 ވަރަކަށް އަހަރު ކުރިން މަސައްކަތް ފެށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީ މިހާރު އެ އަންނަނީ ލޯމައްޗަށް ފާޅުވަމުން. ހަނިމާދޫ އެއާޕޯޓަށް މުހިންމު ބޮޑެތި ބަދަލުތަކެއް އެބަ ގެނެވޭ. އައްޑޫ ގަން އެއާޕޯޓްގެ ފެންވަރު އަންނަނީ މަތިކުރަމުން. ހުވަދުއަތޮޅަށް ވެސް ބޮޑު ބަދަލެއް ގެންނަން އެބަ މަސައްކަތް ކުރަން. އަޅުގަނޑުމެންގެ އަމާޒަކީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން، 20-30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓެއް އޮތުން.
ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މި ޖަޒީރާތަކުގެ ސިލްސިލާ ގެތިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި. އެހާރުން، ތުރާކުނު އިރުމަތީ ވަތްހޭލާ ފަށުން އައްޑޫ ގަމުގެ ދެކުނު ފުއްޓަރާ ހަމައަށް، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެންމެ ރަށެއް ވެސް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ، މި ޞިނާޢަތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، މިދިޔަ ދެ އަހަރެއްހާ ދުވަހު، ކޯވިޑް-19ގެ ޢާލަމީ ވަބާ ރާއްޖެއާއި މުޅި ދުނިޔޭގައި ފެތުރި، އެކަމުގެ ސަބަބުން ކުރިމަތިވި ދަތިތައްކަމަށް ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ތަރައްޤީއަށްޓަކައި ކުރަން ރާވާފައި ހުރި އެތައް ކަމެއް މަޑުޖައްސައިލަން ޖެހުނުކަމަށާއި، ކޯވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ރާއްޖޭގެ ރިސޯޓްތައްކަން ރައީސް ތަކުރާރުކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި އެތައް މަހަކަށް ރާއްޖޭގެ ބޯޑަރުތަކާއި ރިސޯޓްތައް ވެސް ބަންދުކުރަން ޖެހުނުކަމަށާއި، އެކަމުން އަރައިނުގަނެވިގެން އުޅެނިކޮށް މިއަހަރު ކުރީކޮޅު އެ ފެށީ ޔޫކްރޭން ހަނގުރާމަފެށުމުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވީކަމަށް ވިދާޅުވިއެވެ. އެ ހަނގުރާމައަށް 7 މަސް ވެގެން ދިޔައިރު، މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުން އަރުވާފައިވާކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އެ ހަނގުރާމައިގެ ނުސީދާ ގެއްލުންތައް ދަނީ ލިބެމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށް ރިސޯޓްތަކުންނާއި އިންވެސްޓަރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި، ގޮންޖެހުންތައް ގިނަ ނަމަވެސް، މި ޞިނާޢަތުގެ ކުރިއެރުމަށްޓަކައި މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާކަމަށެވެ. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދެވެ. ސީދާ އެ ތަންތަނުންވެސް އެތައް ހާސް ވަޒީފާއެއް އުފެދިއްޖެކަމަށާއި، އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައި އިތުރު ގޮންޖެހުންތަކެއްވެސް ހުރިކަމަށްހާމަކުރެއްވިއެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ، ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން، އަހަރުތަކެއް ވެގެން ދިޔައިރު ވެސް ތަރައްޤީނުކުރެވި އޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ، ދުރު ރާސްތާގެ ރޭވުމެއް ނެތި، ދޫކޮށްފައި ހުރި ތަންތަންކަމަށާއި، ޚާއްޞަކޮށް އެމް.އެމް.ޕީ.އާރް.ސީ މެދުވެރިކޮށް، މީގެ ހައެއްކަ އަހަރު ކުރިން ދޫކޮށްފައި ހުރި ބައެއް ރަށްތަކާއި ފަޅުތައްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލި އިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭކަމަށާއި، އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ކުރަމުން އަންނަކަން ރައިސް ފާހަގަކުރެއްވިއެވެ. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭ.ސީ.ސީން އަންނަނީ ތަޙުޤީޤު ކުރަމުންކަމަށާއި، އަލަށް ހަދާ ރިސޯޓްތައް ތަރައްޤީކުރުމަށް ބޭނުންވާނެ ފައިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
"މިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުން އަންނަތާ ދެ ހާސް އެތައް އަހަރެއްވެއްޖެ. ރާއްޖޭގެ 1100 އަށް ވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެމުން މިއަންނަނީ، އެންމެ 186 ރަށުގައި. ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްވިތާ މާދަމާ އަށް 50 އަހަރު ފުރޭއިރު، ރާއްޖޭގައި މިހާރު ހިނގަހިނގާ އޮތް 166 ރިސޯޓް އެބަ އޮތް. އަދިވެސް އިތުރު ރަށްތައް އެ އަންނަނީ ރިސޯޓްގެ ގޮތުގައި ތަރައްޤީކުރަމުން. އެ ރިސޯޓްތައް ހުޅުވުމުން، ރާއްޖޭގެ ރިސޯޓްތަކުގެ ޢަދަދު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ޢަދަދާ ދާދި އަވަހަށް އަރައި ހަމަކުރާނެ." ރައީސް ވިދާޅުވިއެވެ.
އެ ބަދަލާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ އެތައް ފުރުޞަތެއް ހުޅުވިގެން ދާނެކަމަށާއި، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަން ރައީސް ހާމަކުރެއްވިއެވެ. ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެކަމުގެ ޙަޤީޤީ މަންފާ ލިބޭނީ، ތަޢުލީމީ ދިވެހި ޒުވާނުންނާއި، ފަތުރުވެރިކަމާ ގުޅުން ހުރި ފަންނީ ދާއިރާތަކުން މީހުން އުފައްދައިގެންކަމަށާއި، ފަތުރުވެރިކަމުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އަދިވެސް އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތްކަމެއްގެގޮތުގައި ރައީސް ހާމަކުރެއްވީ ރާއްޖޭގެ ޤުރުދަތީ މުއްސަނދިކަން ރައްކާތެރިކުރުމާއި ތިމާވެށި ޙިމާޔަތްކުރުމުގެ މައްސަލައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ފަތުރުވެރިކަން އަލަށް ތަރައްޤީކުރާ ރަށްތަކުގައި ވެސް، އިޢާދަކުރަނިވި ހަކަތައަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، ރިސޯޓް އޯނަރުންނަށާއި އިންވެސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން 2030ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އެމަސައްކަތުގައި މި އިންޑަސްޓްރީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއަކާއި، ޤައުމީ ވާޖިބެއްކަން ހަނދާންކޮށްދެއްވަމުން ރައީސް ވަނީ އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުމަށް މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ރާއްޖޭގެ ޖަޒީރާތަކަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި ރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަންކަމަށާއި، އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަމާލުވުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައިސްގެ ވަހަކަފުޅުގައި، ފަތުރުވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް އައި ކުއްލި ބަދަލާއި، ރާއްޖޭގެ ތަރައްޤީގައި ފަތުރުވެރިކަން އަދާކުރާ ދައުރަށް ބަލާއިރު، 50 އަހަރުވެގެން ދިޔައިރު، ފަތުރުވެރިކަމުގެ ޤައުމީ ދުވަހެއް ފާހަގަނުކޮށް އޮތް ސަބަބާއި ގުޅޭގޮތުން ސުވާލު އުފެއްދެވިއެވެ. ނަމަވެސް 50 އަހަރު ފަހުން ވިޔަސް، އެކަން ކުރަން ފެށުމަކީ ހެޔޮ ފާލެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ