މައުމޫނު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފި އެވެ.
ލަންކާގެ ރައީސްގެ އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި މައުމޫން ވަނީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނު ވެސް ބައިވެރިވެވަޑައިގަތެވެ.
މައުމޫންގެ އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ލަންކާގެ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުއްވި ގާތް ކަމަށް ވެސް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
ލަންކާގެ ރައީސް ވަނީ އެ ގައުމަށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ފަރާތުން އަބަދުވެސް އެ ގައުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސްރީލަންކާގެ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "މިތުރަ ވިބޫޝަނަ އެވޯޑް" ވެސް 2008 ވަނަ އަހަރު ލިބިވަޑައިގެންފައިވާ މައުމޫނު، މިވަގުތު ލަންކާގައި ހުންނެވި އަމިއްލަފުޅު ދަތުރުފުޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ