އިންޑިއާއާއި ރާއްޖޭގެ ކަރަންޓު ގުރިޑު ގުޅައިލުމުގެ ދިރާސާ ހެދިކަމެއް ނޭނގޭ: ޝަރީފު

އިންޑިއާއާއި ދިވެހިރާއްޖޭގެ ކަރަންޓު ގުރިޑު ގުޅައިލުމަށް އިންޑިއާގެ ޓީމަކުން ޓެސްޓުތަކެއް ހެދިކަން އެނގިވަޑައިނުގަންނަވާކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާއާއި ރާއްޖޭގެ ކަރަންޓު ގުރިޑު ގުޅައިލުމުގެ މަސައްކަތާ ގުޅޭ ގޮތުން "ދިޔަރެސް"އިން ސުވާލުކުރުމުން ޝަރީފު ވިދާޅުވެފައިވަނީ އެފަދަ މަސައްކަތެއް ކުރަމުން އަންނަކަން އެއްވެސް މިންވަރަކަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އިންޑިއާގެ ހަކަތައާ ބެހޭ ވުޒާރާއިން ނިމުނު ޖަނަވަރީ މަހުގެ ކުރީ ކޮޅުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޤައުމުގެ ފަންނީ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖެއާއި އިންޑިއާގެ ކަރަންޓު ގުރިޑު ގުޅުވައިލުމާ ބެހޭ ދިރާސާއެއް ހަދައި ނިންމާފައިވާ ކަމަށެވެ.
މިއަދު "ދިޔަރެސް"އިން ކުރި ސުވާލުގެ ޖަވާބުގައި ޝަރީފު ވިދާޅުވީ އެ ދިރާސާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. އެހެންނަމަވެސް ކަރަންޓާ ގުޅޭ އެފަދަ ބޮޑު ކަމެއް ކުރާނަމަ އެކަން ކުރާނީ ސްޓެލްކޯގެ ބައިވެރިވުމާއެކުކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ނަންނުޖަހާ ގޮތަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި އެންވަރަމެންޓް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ މިކަމާ ގުޅޭ ދިރާސާތައް ހެދުމަށް ރާއްޖެއަށް އައި އިންޑިއާގެ މާހިރުންގެ ޓީމުން ރާއްޖޭގެ ހަކަތައިގެ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކާ ބައްދަލުކުރި ކަމަށެވެ. އެގޮތުން ސްޓެލްކޯއާވެސް އެ ޓީމުން ބައްދަލުކުރިކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރުވެސް އެކަމުގެ މަޝްވަރާތައް ދެ ޤައުމުގެ މެދުގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަމަށާއި، އެކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ރައީސް އޮފީހުގެ އިތުރަށް ސްޓެލްކޯއިންވެސް ބައިވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ