ނަޝީދާ ނުލާ އެމްޑީޕީއެއް ނޯންނާނެ: ގާސިމް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ނުލައި އެ ޕާޓީ ދެމި ނޯންނާނޭ ކަމަށާއި ނަޝީދަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ރޭ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސް ނިންމުމުގެ ހަފްލާގައި ރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަން ބޭރުގެ ޕްރެޝަރުތައް ކުރިމަތިކުރުވައި ބޮޑެތި ގުރުބާނީތަކެއް ވީ އެއް ބޭފުޅަކީ ނަޝީދު ކަމަށެވެ. އެ ބޭފުޅުންގެ ގުރުބާނީ އާއި މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކީ ވެސް ގޯސް ހެދޭނޭ މީހެއް ކަމަށެވެ. އަދި ނަޝީދަށް އިޝާރާތް ކުރައްވައި ވިދާޅުވީ ތަޖުރިބާ މަދުވުމުގެ ސަބަބުން އެ މަނިކުފާނަށް ވެސް ގޯސް ހެއްދެވިފައި ހުރި ކަމަށާއި ނަމަވެސް އެކަންކަން މިހާރު ރަނގަޅު ވެފައި ހުންނާނެ ކަމަށެވެ. 
"ކެރިގެން ޑިޓާމިނޭޝަނާ އެކު މަސައްކަތްކުރުމުގެ ގޮތް، ބާވަތް ކޮންމެ ވެރިކަމެއްގައި ވެސް ހުންނަންވާނެ. އެއީ އެ މަނިކުފާނަށް [ނަޝީދަށް] އަޅުގަނޑު ސަޕޯޓްކުރާ އެންމެ ފުރިހަމަ އެއް ސިފަ އެއީ،" ގާސިމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން ފަހުރުވެރި މިވާ އެމްޑީޕީ މަނިކުފާނާ ނުލާ އޮންނާނޭ އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ އަޅުގަނޑުގެ ވިސްނުން."
ނަޝީދުގެ ވެރިކަން މެދެއްހާ ހިސާބުން ބަދަލުވުން ފަދަ ކަންކަމަކީ އިބުރަތް ހާސިލް ކުރަން ޖެހޭ ކަންކަން ކަމަށާއި އެފަދަ ކަންކަމާ ކޮންމެ މީހަކަށް ވެސް ކުރިމަތިވުމުން އިބުރަތް ހާސިލް ކުރާނޭ ކަމަށް، ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު އިސްކޮށް މަސައްކަތްކުރެއްވި ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީ އުފެއްދުމުގައި އޭނާ ވެސް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ގާސިމް ވަނީ އެމްޑީޕީން ދުރުވެ ޖުމްހޫރީ ޕާޓީ އުފެއްދުމުން އެކަމުން ރާއްޖެއަށް ކުރާ ފައިދާތައް ވިދާޅުވެ ދެއްވައިފަ އެވެ. ގާސިމް ވިދާޅުވީ ނަޝީދާ އެކު އެއް ޕާޓީއެއްގައި ހުންނެވި ނަމަ، ދުޅަހެޔޮ ޑިމޮކްރަސީއެއް ރާއްޖޭގައި ނޯންނާނޭ ކަމަށާއި އޭރުން ބުރަ މަސައްކަތުން ގެނައި ޑިމޮކްރަސީ ނެތި ހިނގައިދާނޭ ކަމަށެވެ.
"މިކަން ނެތް ނަމަ ހެލްތީ ސިޗުއޭޝަނެއް ނާންނާނެ. މި ހުރިހާ ކަމެއް ނެތި ގޮސްފައި އޮތީ. ދެއާ އިޒް ނޯއިންޓަރެސްޓް. ބައެއް މީހުން ބުނެ އުޅޭ ޕޮލިޓިކްސްގައި އޮންނަނީ ޓްރަސްޓެއް ނޫނޭ، އިންޓަރެސްޓޭ... އެކަމަކު އިންޓަރެސްޓާ އެކު ޓްރަސްޓް ވެސް ކޮންމެހެން އޮންނަން ޖެހޭނެ. އެކަމަކު ޓްރަސްޓާ ނުލާ ނޫޅެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ގުރުއާނުން ދަލީލް ދައްކަވަމުން ގާސިމް ވިދާޅުވީ މީހުންނަށް މާފުކުރަން ޖެހޭނޭ ކަމަށާއި އެންމެ ރީތި ސިފައަކީ މީހުންނަށް ހެދޭ ގޯސްތަކަށް މާފުކުރުން ކަމަށެވެ. އެހެން ނޫނީ އޮންނާނީ ދުނިޔެ މަތީގައި ފިތުނަ ފަސާދަ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރަށް ނަޝީދަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ ވިލާ ކޮލެޖްގެ ނަމުގައި ދިވެހިންގެ ތައުލީމަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީ ވެސް ނަޝީދުގެ ސަރުކާރުގައި ކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ، މި ސަރުކާރުގައި ވިލާ ކޮލެޖްގެ ބިމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ވިދާޅުވި އެވެ.
އެނގުން މުހިންމު - ގާސިމްގެ ރޭގެ ވާހަކައިގައި ވެސް ނަޝީދަށް ތައުރީފް ކުރެއްވި ނަމަވެސް، ކޯލިޝަން ހައްދަވައިގެން ހުންނެވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޅުގައި ފާޑުވިދާޅެއް ނުވި އެވެ. ގާސިމް ވިދާޅުވީ ރައީސް ސޯލިހު ގޯސް ކަމަށް އެއް ފަހަރު ވެސް ވިދާޅުނުވާ ކަމަށެވެ.
ނަމަވެސް، ވެރިކަން ކުރުމުގެ ގާބިލްކަން ނެތިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ލަސްވެގެން ގޮސްގެން ނުވާނޭ ކަމަށް ވިދާޅުވެ، ނުސީދާކޮށް ގާސިމް ސަރުކާރަށް ފާޑުވިދާޅުވި އެވެ. އަދި ޝަރީއަތްތައް ލަސްވުމަކީ އިންސާފު ނުލިބުން ކަމަށް ވެސް ގާސިމް ވިދާޅުވެ، މި ސަރުކާރުގެ ދުވެލި އެކަމާ އެއްފަދަ ކުރެއްވި އެވެ.
"އަޅުގަނޑަށް ބުނެވިއްޖެތޯ އެ ބޭފުޅާ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހު] ގޯހޭ. ކަމެއް ކުރެއްވި ވާހަކަ. އެންމެ ފަހަރަކު ވެސް އަޅުގަނޑު ދަންނަވައިފިތޯ؟ ކީއްތޯ މި ވަނީ؟،" ގާސިމް ވިދާޅުވި އެވެ.
"ހައިރާންވޭ، މަގޭ އަނބިމީހާ ވެސް އެއީ ޓްރާންސްޕޯޓް މިނިސްޓަރޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ