ކޮރޯނާ ވައިރަސްއާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީއަތްައް މެދުކަނޑާލައިފި

ހަލުވި ކަމާއިއެކު މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކުގެ އަޑުއެހުންތައް މިވަގުތައް ކުރިއަށް ނުގެންދަން އެ ކޯޓުން ނިންމައިފިއެވެ. 
ސުޕްރީމް ކޯޓުން މިއަދު ބުނީ، މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ތާވަލް ކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެ އަޑުއެހުންތައް ވީއެންމެ އަވަހަކަށް ތާވަލް ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުން މި ނިންމުން ނިންމިއިރު، ސަރުކާރު އެއް ހަފްތާ އަށް ބަންދުކުރަން އިއްޔެ ކެބިނެޓުން ވަނީ ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ.
13 މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ