ޗެތުރީ އަލުން ގައުމީ ޓީމަށް ގެނައީ އެވަރުގެ ފޯވާޑެއް މި ވަގުތު ވެސް ލިބެން ނެތީމަ ޗެތުރީ އަލުން ގައުމީ ޓީމަށް ގެނައީ އެވަރުގެ ފޯވާޑެއް މި ވަގުތު ވެސް ލިބެން ނެތީމަ

ގޯއާ، އިންޑިއާ (މާޗް 11) - އުމުރުން 40 އަހަރުގެ ސުނިލް ޗެތުރީގެ ރިޓަޔަމަންޓް އުވާލައި، އޭނާ އަލުން އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު އަލުން ގެންނަން ނިންމީ އެ ވަރުގެ ފޯވާޑެއް މި ވަގުތަށް ބެލިޔަސް އިންޑިއާގައި ނެތުމުން ކަމަށް އިންޑިއާގެ ކޯޗު މަނޯލޯ މާކުއޭޒް ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު، އިންޑިއާ ޓީމުން ރިޓަޔާކުރި، ޗެތުރީ ވަނީ މި މަހު އިންޑިއާ އިން ކުޅޭ ދެ މެޗަށް ނެގި ސްކޮޑަށް ނަގައިފަ އެވެ. އެއީ، މި މަހު 19 ވަނަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއާ ދެކޮޅަށާއި މި މަހު 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ބަންގްލަދޭޝާ ކުޅޭ މެޗަށް ނެގި ސްކޮޑަށެވެ.
ޗެތުރީ އަލުން އިންޑިއާ ޓީމަށް ނެގުމުން މީޑިއާ އާއި ސަޕޯޓަރުންގެ މެދުގައި ހިޔާލު އޮތީ ދެކަފިވެފަ އެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ޕްރެޝަރު ހާލަތްތަކުގައި ޒުވާން ކުޅުންތެރިން ބޭނުންކޮށްގެން ނޫން ގޮތަކަށް ދެން އިތުރު ކުޅުންތެރިންތަކެއް ޗެތުރީގެ ލެވަލަށް ނުގެންދެވޭނެ އެވެ. އެހެންކަމުން، ކޮންމެ ފަހަރަކު ޗެތުރީ މި ގޮތަށް ގެންނަން ވެއްޖެނަމަ، ގެއްލެނީ އަރަމުން އަންނަ ކުޅުންތެރިންނަށް ފުރުސަތު ކަމަށް ގިނަ ސަޕޯޓަރުންތަކެއް އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ. އަނެއްކޮޅުން، ބައެއް ސަޕޯޓަރުންނާއި މީޑިއާތަކުން ދެކޭގޮތުގައި އިންޑިއާ ފުޓްބޯޅަ އަށް ނަތީޖާ ނެރެން ޖެހިފައިވާ ދަނޑިވަޅެއްގައި ޗެތުރީގެ ބޭނުންހިފުމަކީ، ރަނގަޅު ކަމެއް ކަމަށެެވެ،
"އަހަރެން ތިއަށް ބުނަން އޮތީ، ޗެތުރީ އަކީ މި ވަގުތަށް ބެލިޔަސް އިންޑިއާގައި ހުރި އެންމެ މޮޅު ފޯވާޑް. ގައުމީ ޓީމަށް އަލުން އޭނަ ގެންނަން ޖެހުނީ މި ވަގުތު ވެސް އިންޑިއާގެ ކުޅުންތެރިންނަށް ބަލާއިރު އެންމެ ސްކޯރިން އާއި މަސައްކަތަށް ބެލިޔަސް އެންމެ ރަނގަޅީ ޗެތުރީ،" ޗެތުރީ ޓީމަށް ނެގުމާ ބެހޭގޮތުން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ ގުޅޭގޮތުން، މާކުއޭޒް ބުންޏެވެ.
އޭނާ ބުނީ އޭޝިއަން ކަޕަށް ކޮލިފައިވާން އިންޑިއާ އިން ނަތީޖާ ނެރެން ޖެހޭ ކަމަށާއި އެކަން ކުރަން ބޭނުންތެރި ކޮންމެ ނިންމުމެއް ވެސް ނިންމާނެ ކަމަށެވެ.
ޗެތުރީ، އިންޑިއާ ގައުމަށް ކުޅުން ހުއްޓާލިއިރު، 146 މެޗުން 94 ލަނޑު ޖެހި އެވެ. ޗެތުރީ އަކީ ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު، ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ޗެތުރީ އަށް ވުރެ ގިނައިން ގައުމީ ޓީމަށް ލަނޑު ޖެހީ، އީރާންގެ ލެޖެންޑް އަލީ ދާއީގެ އިތުރުުން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ އެވެ.
މި ވަގުތު އިންޑިއަން ސުޕަ ލީގަށް ބަލާއިރު، އެންމެ ގިނަ ގޯލު ޖެހި އިންޑިއާ ކުޅުންތެރިއަކީ ޗެތުރީ އެވެ. ޗެތުރީ ވަނީ، 23 މެޗުން 12 ގޯލު ޖަހައިފަ އެެވެ. އޭގެ ތެރޭގައި، ކެރަލާ ކޮޅަށް ހެދި ހެޓްރިކް ވެސް ހިމެނެ އެވެ.
އިންޑިއާގެ ފިރިހެން ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރަކީ އެންމެ ރަނގަޅު އަހަރެއް ނޫނެވެ. އެ ޓީމުން ކުޅުނު، 11 މެޗުގެ ތެރެއިން މޮޅެއް ލިބިފައިނުވެ އެވެ. ފަސް މެޗުން އެއްވަރުވިއިރު، ހަ މެޗުން ވަނީ ބަލިވެފަ އެވެ. މިއީ 2014 ވަަަނަ އަހަރަށް ފަހު، ކަލަންޑަރު އަހަރެއްގައި، އިންޑިއާ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ