އެޕިސޯޑް 11
އިއްޔެގެ ބަޔާ ގުޅޭ
އަތްތިލަ އޮތީ ބެޑްޝީޓް ތެރޭގަ އެވެ. އަތް ނެރުނެވެ. ޔަޒްދާއަށް ހަޅޭއްލަވައިގަނެވުނެވެ. ޝިފާޒްގެ އަތް އޮތީ ބުރިކޮށްލާފަ އެވެ. ޔަޒްދާއަށް ބިރުން ގޮސް ހުރެވުނު ތަން ވެސް ނޭނގުނެވެ. ދުރަށް ޖެހިފައި ގޮސް އަލަމާރި ބުޑަށް ތިރިވި އެވެ. މުޅި މީހާގެ ހަރަކާތް ހުއްޓުނެވެ. އެ ވަގުތު އެ ތަނަށް ބުޝްރީ އާއި ނަސީފަށް އާދެވުނެވެ. ޝިފާޒް އޮތް ގޮތް ފެނުމުން އެ ދެ މީހުން ވެސް ތިބީ އަނގައިން ބަސް ހުސްވެފަ އެވެ. ޝިފާޒް އޮތީ "ކޮށާލާފައި" އޮންނަ ކަހަލަ ގޮތަކަށެވެ. މުޅި މޭމަތީގައި އޮތީ ވަކި ދަމާފަ އެވެ. ބަނޑުން ގޮހޮރުގެ ބައެއް ވެސް އޮތީ ނުކުމެފަ އެވެ. ދެ އަތް ވެސް އޮތީ ބުރި ކޮށްލާފަ އެވެ. އެވަރުގެ ކަމެއް ކުރަން ކެރޭނީ ކާކަށް ހެއްޔެވެ؟ އެންމެން އެކަކު އަނެކަކަށް ބަލައިލި އެވެ. ޔަޒްދާ އިނީ ހުއްޓިފަ އެވެ. އެކަކަށް ވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެ މީހުން މަޑުމަޑުން ކޮޓަރި ތެރެއަށް ވަނެވެ. އަދި ޝިފާޒް އޮތް އެނދު ކައިރިއަށް ދިޔަ އެވެ. ޝިފާޒް އޮތް ގޮތް ފެނިފައި ކޮންމެ މީހަކު ވެސް ބިރުގަންނާނެ އެވެ. ނަސީފްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.
ޝިފާޒްގެ ހިނެވުމުގެ ކަންތައް ނިމުނު އިރު ފަތިސް ވެއްޖެ އެވެ. ޔަޒްދާ ގާތުގައި ތިބީ ވަހީދާ އާއި ބަދޫރާ އެވެ. ހެނދުނު ވީ އިރު ވެސް ޔަޒްދާގެ ދުލުން އެންމެ ބަހެއް ވެސް ބޭރެއް ނުވެ އެވެ. ލޮލުން ކަރުނައެއް ނުހިކެ އެވެ.
"ޔަޒޫ ހިތްވަރު ކޮށްބަލަ، ދެން ނުރޮއި. ހިތްވަރު ކުރަންވާނެ،" ވަހީދާ ބުންޏެވެ. ބަދޫރާ ވެސް ހިތްވަރު ދިނެވެ. ޔަޒްދާއަށް އެއްވެސް އަޑެއް ނީވޭ ކަހަލަ އެވެ. މުޅި ދުވަސް ނިމިގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އެއްވެސް އެއްޗެއް ނުދިރެ އެވެ. ބޭނުން ވަނީ ޝިފާޒެވެ. ދެން ޝިފާޒް އެނބުރި ނާންނާނެކަން އެނގޭ އިރު ވެސް ޔަޒްދާއަށް އެ ހިތި ތެދު ގަބޫލު ކުރަން އުނދަގުލެވެ.
ރަށުތެރޭގައި އަޑު ފެތުރިފައިވަނީ ކޮންމެވެސް މީހަކު ޝިފާޒް މަރާލީ ކަމަށެވެ. އެކަމަކު ގިނަ މީހުން ބުނަނީ އެއީ އިންސާނެއްގެ އަމަލެއް ނޫން ކަމަށެވެ. އެއީ ޝިފާޒްގެ ހަށިގަނޑު ފެނުނު ގިނަ މީހުންނެވެ.
"އޭނާ އޮތީ ކޮށާލާފަޔޯ ދޯ؟" ރަށުގެ ދުވަސްވީ މީހަކު ބުންޏެވެ. އަތިރިމަތީގައި ހުރި އަށީގައި ދިހަ ވަރަކަށް މީހުން ތިއްބެވެ.
"އެ ވާނީ ހަމަ މި އުޅޭ ޕާޓޭ ސޮރުމެންނަށް. ވައްކަން ކުރަން ވަދެ އުޅެނިކޮށް ފެނުނީ ކަންނޭނގެ،" އެހެން މީހަކު ބުންޏެވެ.
"އެކަމަކު އެހާ އިހާނެތި ގޮތަކަށް އެ މީހުން ވެސް ނުމަރާނެ. އެ ވާނީ ހަމަ ޖިންނިއެއްގެ ކަމަކަށް. އެ މީހުން މިތާ ކައިރި ހުރާގަނޑަށް ދިޔަ ވާހަކަ މަ އަޑުއެހިން."
"މަ ވެސް އަޑުއެހިން. އެއީ ހަމަ ތެދެއްތަ؟ އެ މީހުންނަށް އެ ކުޑަކުއްޖާ ފެނުނުތަ؟" މީހަކު އަހާލި އެވެ.
"ތިއެއް ނޭނގެ. އެކަމަކު އެ ތަނަށް ދިޔުމުން ވެސް ލިބޭ ގެއްލުމެއް ކުޑައެއް ނުވާނެ،" އެހެން މީހަކު ބުންޏެވެ.
ޔަޒްދާއަށް ހަމަހޭވެރިކަން ވީ ދެ ދުވަސް ފަހުންނެވެ. އޭރު އޭނާ ހުރީ އެއްވެސް އެއްޗެއް ނުކައި ފެންފޮދެއް ބޯލައިގެންނެވެ. މީހާ ވަރުދެރަކަމުން ހިރުވާލަން ވެސް އުނދަގުލެވެ. މަޑުމަޑުން ހިނގަމުން ގޮސް ކާ ކޮޓަރިއަށް ވަނެވެ. އަދި ނޫޑްލުސް ކޮޅެއް ހަދައިގެން އެ ކާން އިނެވެ. ޔަޒްދާއަށް ކާން ވަރަށް އުނދަގޫވި އެވެ. ޝިފާޒް މަތިން ހަނދާންވާ ވަރުން ލޮލުން ކަރުނައެއް ނުހިކެ އެވެ. ކެވުނު ވަރަކަށް ކައިފައި ބާކީ ބައި ޑަސްބިނަށް އަޅާލި އެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތައް ކާ ކޮޓަރި ތެރެއަށް ކޮންމެވެސް ވަރަކަށް ވިއްސަ އެވެ. އެއީ ކުޑަދޮރު ހުޅުވާފައި ހުރުމުންނެވެ.
ޔަޒްދާ ބޭރަށް ބަލާލި އެވެ. ހީވީ މީހަކު ފެންނަން ހުރި ހެންނެވެ. ޔަޒްދާ ދެލޯ އުނގުޅާލި އެވެ. އަނެއްކާވެސް ބޭރަށް ބަލާލި އެވެ. އޭރު ވެސް އެ ތަނުގައި މީހަކު ހުރިހެން ހީވެ އެވެ. ބޯ ގަސްތަކުގެ ތެރެއިން އެ ހިޔަނި ހުރީ ކޮންމެވެސް ވަރަކަށް ދިއްލިފަ އެވެ. އެއީ ޔަޒްދާއަށް ހީވާ ގޮތެއް ނޫނެވެ. ޔަގީނުން ވެސް އެތަނުގައި މީހަކު އެބަ ހުއްޓެވެ. ޔަޒްދާ ބޭރަށް ނުކުމެލި އެވެ. އަދި އެ ދިމާއަށް ހިނގައިގަތެވެ. ވާރެއާ ތެމުމުން މުޅި މީހާ ހީކަރުވައިގަތެވެ. އެކަމަކު ވެސް ކެތްކޮށްލައިގެން ހިނގަމުން ދިޔަ އެވެ. ހިޔަންޏާ ކައިރިވި ވަރަކަށް އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. ޔަޒްދާ ހީކަރުވަމުން ގޮސް ދަތްދޮޅި ތެޅެން ފެށި އެވެ. ވަކި ހިސާބަކުން ހިޔަނި ގެއްލުނެވެ. ޔަޒްދާއަށް ހުރެވުނީ ގަސްތަކުގެ މެދުގަ އެވެ. ވަށައިގެން ހޯދާލި އެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ޔަޒްދާ ގަސްތަކު ތެރެއިން ނުކުތެވެ. ކުރިމަތީ ހުރީ ބުޝްރީ އެވެ. އޭނާ ވެސް ހުރީ ތެމިގެންނެވެ. އެއްވެސް އެއްޗެއް ނުބުނެ އެވެ. ޔަޒްދާ ކުޑަކޮށް ޖެހިލުންވި އެވެ. ނަމަވެސް ކުރިއަށް ހިނގައިގަތެވެ. ބުޝްރީއާ އަނގައިންނެއް ނުބުނެ އެވެ. ހިނގަމުން ގޮސް ކާ ކޮޓަރިއަށް ވަނެވެ. ދެން ފަހަތް ބަލާލި އެވެ. އޭރު ބުޝްރީ ހުރީ ޔަޒްދާގެ މޫނާއި މޫނު ޖެހޭހާ ކައިރީގަ އެވެ. އޭނާ ލާ ނޭވާ ޔަޒްދާގެ މޫނުގައި ބީހިލަ އެވެ. ޔަޒްދާއަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިހުސާސެކެވެ. ނަމަވެސް އަމިއްލަ ނަފުސު ކޮންޓްރޯލް ކުރި އެވެ. ފިރިމީހާ މަރުވިތާ އަދި މި އުޅެނީ ދެތިން ދުވަސް ނުވެގެންނެވެ. ޔަޒްދާ ފަހަތަށް ޖެހިލި އެވެ. ބުޝްރީ ދިޔައީ ޔަޒްދާއާ ކައިރި ވަމުންނެވެ. ޔަޒްދާ ޖެހިލުންވި އެވެ.
"ބުޝްރީ، ކިހިނެއް ވެގެން ތި އުޅެނީ؟" ޔަޒްދާއަށް ބުނެވުނެވެ.
"ކިހިނެއްވީ؟ އަހަރެންނަކަށް ކަމެއް ނުވޭ؟" ބުޝްރީގެ އަޑު އައީ ކާ ކޮޓަރިއަށް ވަންނަ ދޮރާ ދިމާއިންނެވެ. ޔަޒްދާ ބަލާލި އެވެ. އޭރު ބުޝްރީ ހުރީ އެ ދޮރު ކައިރީގަ އެވެ. ޔަޒްދާ ދެން ބަލައިލީ ކުރިމައްޗަށެވެ. ކުރިމަތީގައި ހުރި "ބުޝްރީ" އެއް ނެތެވެ. ޔަޒްދާ އަނބުރައިގަތެވެ. އަދި ވެއްޓުނެވެ. ބުޝްރީ ދުވެފައި އައިސް ޔަޒްދާ ނެގި އެވެ. އަދި ކޮޓަރިއަށް ގެންދިޔަ އެވެ.
ވެހެންމުން ދިޔަ ވާރޭ ތުނި ކޮށްލި އެވެ. ބުޝްރީ އިނީ ޔަޒްދާ ގާތުގަ އެވެ. މޫނުގައި ފެން ފޮދެއް އުނގުޅައިދިނެވެ. އިރުކޮޅެއް ނުވެ ޔަޒްދާ ހޭ އެރި އެވެ. ބުޝްރީ ވަގުތުން އެނދުން ތެދުވެ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ޔަޒްދާއަށް ގޮވާލެވުނީ ޝިފާޒަށެވެ. އެ ހިތުގައި ޝިފާޒްގެ ހަނދާންތައް މުޅި އުމުރަށް ރައްކާ ކުރެވިފައި ހުންނާނެ އެވެ. އެ ހިތަކުން ޝިފާޒްގެ ހަނދާންތައް ދުވަހަކު ވެސް ފިލައިގެން ނުދާނެ އެވެ. އެއީ އޭނާގެ ހަޔާތުގައި އެންމެ ލޯބިވި މީހާ އެވެ. ޝިފާޒްގެ ލޯތްބަށް އާނއެކޭ ބުނީ މުޅި އުމުރަށް އެކުގައި އުޅެން ވައުދު ވަމުންނެވެ. ދިމާވާ ކޮންމެ ދެރައެއްގެ އެއް ކޮޅުގައި ހިފާނަން ކަމަށް ބުނަމުންނެވެ. ބޭނުންވާ ކޮންމެ ވަގުތެއްގައި ކައިރީގައި ހުންނާނަން ކަމަށް ބުނެ ހުވާ ކުރަމުންނެވެ. ނަމަވެސް މިއަދު އޭނާ ދޫކޮށްލާފައި ޝިފާޒް ދިޔުމުން ކިހާ އެކަނިވެރި ހެއްޔެވެ؟ ގާތުގައި ޝިފާޒް ނެތުމުން ކިހާ ފަޅު ހެއްޔެވެ؟ ޔަޒްދާއަށް ކެތްކުރަން ވަރަށް އުނދަގުލެވެ. އޭނާ ވެސް ބޭނުންވަނީ ޝިފާޒްއާ އެކު މި ދުނިޔެ ދޫކުރާށެވެ. ޝިފާޒްއާ ނުލައި އެންމެ ހިނދުކޮޅެއް ވެސް ހޭދަ ކުރުން ވަނީ އޭނާއަށް ބޮޑު ބުރައަކަށް ވެފަ އެވެ. އެކަމުން ސަލާމަތްވާނެ ގޮތެއް ވިސްނުމަކަށް ނާދެ އެވެ. ގާތުގައި މައިންބަފައިން ތިބި ނަމަވެސް މީހާއަށް ތަންކޮޅެއް ހިތްހަމަޖެހުން ލިބުނީހެވެ. ނަމަވެސް މިއަދު ގާތުގައި ތިބީ ރައްޓެހިންނެވެ. އެ މީހުންނަކީ މާދަމާ ވެސް މޫނު އަނބުރާލައިފި ނަމަ ބީރައްޓެހިންނެވެ. ޔަޒްދާއަށް ވިސްނެނީ އެހެންނެވެ. އެއްވެސް މީހަކަށް އިތުބާރު ކުރަން ޔަޒްދާ ޖެހިލުންވެ އެވެ. ބިރުގަނެ އެވެ. ނަމަވެސް އެ ނޫން ގޮތެއް މިއަދަކު ނެތެވެ. ޔަޒްދާ ކިތަންމެ ބޭނުން ނުވިޔަސް އެހީ އާއި މަދަދަށް އެދެން ތިބީ ހަމަ އެ ރަހުމަތްތެރިންނެވެ.
"އެއްޗެއް ކައިފިންތަ؟" އޯގާތެރިކަމާ އެކު ބުޝްރީ އަހައިލި އެވެ.
އެއްޗެއް ނުބުނެ ޔަޒްދާ އިނީ އެވެ. ރަތްވެފައިވާ ދެލޮލުން އޭރު ވެސް ކަރުނަތައް ފައިބަމުން ދިޔަ އެވެ.
"ޔަޒޫ. އަހަރެންނަށް އެނގޭ މިއީ ބުނަން ފަސޭހަ އެކަމަކު ކުރަން އުނދަގޫ ކަމެއްކަން. އެހެން ވިޔަސް ޔަޒޫ ޖެހޭނެ ކެތްކުރަން. ހިތްވަރު ކުރަން. ކޮންމެ މީހަކަށް ވެސް މި ދުވަސް އަންނާނެ. ތަފާތު ގޮތަކަށް ކަމަށް ވިޔަސް. މަރަކީ އެއްވެސް މީހަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން. ގާތުގައި ހުރި އެންމެ ލޯބިވާ މީހާ ދިޔުމުން ކޮންމެ މީހަކަށް ވެސް އަސަރު ކުރާނެ. އަހަރެން ނަމަވެސް ވާނެ ތިހެން. އެކަމަކު އަހަރުމެންނަށް އޮންނާނީ ކެތްތެރިވުން،" ބުޝްރީ ނަސޭހަތް ދިނެވެ. "ހިނގާ ކޮންމެ ވެސް އެއްޗެއް ކާލަން. އެއްޗެއް ގެނެސްދެންތަ؟"
"އަހަރެން ކައިފިން،" މެށިފައިވާ އަޑަކުން ޔަޒްދާ ބުންޏެވެ.
"ކީއްވެތަ ޔަޒޫ ތެމިފައި ތި ހުރީ؟" ބުޝްރީ އަހައިލި އެވެ.
"ވާރެއަށް ނުކުމެލީ."
"އެ ކީއް ކުރަން؟ ތިހެން އުޅެނިކޮށް މީހާ މާ ބޮޑަށް ބަލިވެދާނެ،" ކުލުނުން ފުރިފައިވާ ރާގަކަށް ބުޝްރީ ވާހަކަ ދެއްކި އެވެ.
-ނުނިމޭ-
ވާހަކަ: ގަބުރުސްތާނު - އެގާރަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ