ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ދުނިޔޭގެ އެންމެ މަގުބޫލު އެއް ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ބުކިން ޑޮޓް ކޮމް [booking.com] އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓޫރިޒަމް އިޝްތިހާރުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން މަސައްކަތްކުރާ ސަރުކާރުގެ ކުންފުނި އެމްއެމްޕީއާރުސީ އިން ބުކިން އާއެކު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން މަތީފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ވެގެންދާނެ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ އެވެ. ބުކިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މެނޭޖަރު ސަންތޯޝް ކުމާރު އެވެ.
މާދަމާއިން ފެށިގެން މާޗު 1، 2027 ގެ ނިޔަލަށް ވި މި އެއްބަސްވުމުގައި ދަށުން ދެ ކުންފުނި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަގުސަދަކަށް ވެގެންދާނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެވެސް އިތުރުކުރުމެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
އަލަށް އެކުލެވާލި އެއްބަސްވުމުގެ ދަށުން ބުކިން ގައި ރާއްޖޭގެ ފެސިލިޓީތަކަށް ހާއްސަ އޮފާތަކެއް އިސްތިހާރު ކުރުމުގެ އިތުރުން ގުޅިގެން ހިންގޭ މާކެޓިން ކެމްޕޭނުތަކާއި ހުނަރު އިތުރުކުރުމަށް ވޯކްޝޮޕްތައްވެސް ހިންގޭނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިއުރީ ވަނީ މިއީ ރާއްޖޭގެ ރީތިކަން އިޝްތިހާރު ކުރުމުގައި އެޅިގެންދާ އިތުރު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ބުކިން ޑޮޓް ކޮމްގެ ބިޔަ ނެޓްވޯކުގެ ބޭނުން ހިފައި ރާއްޖެ އަންނަ ޓޫރިސްޓުންގެ ނަމްބަރުތައް އިތުރުކުރުން. އަދި، މި މަސައްކަތުގެ ތެރެއިން މިހާރަށްވުރެ ބޮޑު އޯޑިއަންސަކަށް ރާއްޖެ އިޝްތިހާރު ކުރުމަކީވެސް ހާސިލްވާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ އިން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ބުކިން އިން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނުތަކެއް ދީ، ބައިނަލްއަގުވާމީ ޓްރެވަލް ޓްރެންޑުތަކުގެ އަދާހަމަތައް ހިއްސާކުރާނެ އެވެ. މި މައުލޫމާތުތައް ވެގެންދާނީ ރާއްޖެ އިޝްތިހާރުކުރާ މައި ކުންފުންޏަށް ލިބިގެންދާ އިތުރު ބާރަކަށެވެ.
ރާއްޖެ އިސްތިހާރުކުރުމަށް ބުކިން ޑޮޓް ކޮމާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި ރާއްޖެ އިސްތިހާރުކުރުމަށް ބުކިން ޑޮޓް ކޮމާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ