ކަލާ ފެނިލުމުން... 52
"ހޫ ނޯސް، ހަމަ ރަނގަޅު ޕްރޮޕޯޒަލްއެއް ލިބުނިއްޔާ އައި މައިޓް ގެޓް މެރީޑް ހަމަ…" ބުނާނެ އެއްޗެއް ނޭނގި އަޒްލަފްއަށް އިނދެވުނު ހިނދު ލުޔޫނާ އަނެއްކާވެސް އިތުރުކޮށްލިއެވެ. އޭނާ ހީވަނީ ކަމެއް އަޒްލަފްއަށް އަންގައިދޭން ބޭނުންވެގެން އުޅޭހެންނެވެ. އެއާއެކު އަޒްލަފްގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ. ލުޔޫނާއަށްޓަކައި ހިތުގައި ވި އިޙްސާސްތައް އަމިއްލަ މީހާއަށް ކޮންޓްރޯލް ނުކުރެވޭ ފަދަ ޙާލަތަކަށް ދާން ފެށިހެން އަޒްލަފްއަށް ހީވީ އެހިތުގެ ޙާލަތު ލުޔޫނާއަށް ހާމަކުރުމަށް އެ ހިތް މަޖުބޫރުކުރަމުން ދިޔުމުގެ ސަބަބުންނެވެ. އެހެންނަމަވެސް، ކެތްތެރިކަން އިޚްތިޔާރުކުރަމުން އޭނާ ހަމަޖެހިލިއެވެ. ވާހަކައެއް ބުނާއިރު ތަނާ ޙާލަތަށް ރިއާޔަތްކުރަން ޖެހޭނެކަމުގައި އަޒްލަފްއަށް ވިސްނުނެވެ. ވަކިން ޚާއްސަކޮށް އެ ވާހަކަ ރައްދުވާ ފަރާތުން ހީކޮށްފާނެ އެއްޗެއް ނޭނގޭ ހިނދުގައެވެ. މި ވީކެންޑްގަ ބިޒީތަ؟" އިރުކޮޅެއް ދީފައި ލުޔޫނާއަށް ބަލަމުން އަޒްލަފް ސުވާލުކޮށްލިއެވެ. އޭނާ ބަލަން ބޭނުންވީ ލުޔޫނާ ޑިއުޓީ ތޯއެވެ. "ހޮނިހިރު ދުވަހު ފްރީވާނެ." ލުޔޫނާ ބުނެލިއެވެ. އަޒްލަފް ހީނލުމަށްފަހު އޭނާ ގުޅާނަން ކަމުގައި ބުނެލިއެވެ. ލުޔޫނާވެސް އާބަސް ދީފައި ކޮފީ ތަށި ތުމުގައި ޖެހިއެވެ. ***** އެސައިންމެންޓް ހެދުމަށްޓަކާ އިތުރު ގޮތެއް ނެތުމުން އަފްނާންއާއި ޔޫޝައު އާ ދެމީހުން، އެ ދެމީހުންނަށް ވާ ބައި ބަހައިލީ ދެމީހުންވެސް އެކަކު އަނެކަކާ ކުރިމަތިލާން ބޭނުންނުވާތީއެވެ. ޚާއްސަކޮށް ކަންތައްވީ ގޮތުން އެކަކު އަނެކަކުގެ މޫނުވެސް ދެކޭކަށް ބޭނުމެއް ނޫނެވެ. ލައިބްރަރީއަށް ގޮސް އެކަންތައް ކޮށް ނިންމާލާފައި އަފްނާން އެއްޗެއް ނުބުނެ ހިނގައިގަތުމުން ޔޫޝައުވެސް އިތުރަށް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އަފްނާން ލައިބްރަރީއިން، ނުކުތްގޮތަށް މިސްރާބުޖެހީ ކޮލެޖުން ނުކުތުމަށެވެ. އޭރު މެންދުރު ދޭއް ޖަހަނީއެވެ. މެންދުރުގެ އެންމެ ހޫނު ގަދަ އެ ވަގުތު އާވި ހޫނެއްގެ އަސަރު ފަޒާގައި ހިފާލާފައިވާއިރު، ދެލޯ ރަނޅަކަށް ހުޅުވާލައިގެން ހިނގާލުމަކީވެސް ދަތިކަމެކެވެ. ގޭޓާ ހިސާބަށް އަފްނާން ހިނގައިގަތް ވަގުތު، އެއްފަރާތުގައި ހުރި ހިޔާގަނޑެއްގެ ދަށުގައި މަޑުކޮށްލައިގެން ތިބި ދެ ކުއްޖެއްގެ ވާހަކަ އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އެކަކީ އާހިލްއެވެ. އާހިލްއަކީ އޭނާ ފޯނު ހަލާކުކޮށްލި ޒުވާނާއެވެ. އެ ދުވަހުގެ ހާދިސާއަށްފަހު އާއިލްއާއި އަފްނާންއާ ދެމެދުވެސް ވަނީ ނަފްރަތުގެ ހުޅު ރޯވެފައެވެ. އޭގެ ފަހުން އާހިލް އަފްނާންއާ ދިމާކުރުން ހުއްޓައެއް ނުލައެވެ. އެހެންނަމަވެސް، އަފްނާން، އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އެއްޗެއް ބުނާ ޚިޔާލު ނުކުރަނީ ދެވަނަ ފަަހަރަށް އެފަދަ އަރައިރުންގަނޑެއް ތަކުރާރުވާން ބޭނުން ނުވާތީއެވެ. މައުވާއާ އޭނާއާ ގުޅުވާފައި އާހިލް ކުއްލިއަކަށް ދައްކަން ފެށި ވާހަކައަކުން އަފްނާންގެ ފިޔަވަޅުތައް މަޑުޖެހި އޭނާއަށް އެ ދިމާލަށް ބަލައިލެވިއްޖެއެވެ. އެއާއެކު އާހިލް އަތް މައްޗަށް ނަގައިލަމުން ތުންފަތަށް ނުލަފާ ވައްތަރެއްގެ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަފްނާން އެއްޗެއް ނުބުނަން ކިތަންމެ ހިތްވަރުކުރިނަމަވެސް، އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީ އޭނާ އަފްނާންއަށް ނިސްބަތްކޮށްލި ހުތުރު ބަހުގެ ސަބަބުންނެވެ. ދެ އަތް މުށްލަވާލުމަށްފަހު އޭނާ އެ ދިޔަ ގޮތަށް އާހިލްގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ. "އޭތް. މޮޔަވީތަ؟ ދޫކުރޭ…. ތީ ކަލޭގެ ފެންވަރަކީ. އެއްޗެކޭ ބުނާއިރަށް އައިސް ގަތަށް ބޮލަށް އެރުން." އާހިލް އަފްނާންގެ އަތް ފޮޅުވައިލިއެވެ. އޭރު އާހިލްގެ ގާތުގައި ހުރި ޒުވާނާ ވެސް އެވާހަކައިގައި ބައިވެރިވެލިއެވެ. "އޭނަ ބަހައްޓާ އާހިލް. ކަންތައް ވާގޮތް ނޭނގި އައިސް އެހެން މީހުންނާ ތަލާފޮޅުން ނޫންކަމެއް ކުރާކަށް ނޭނގޭނެ. ލެޓްސް ގޯ." އޭނަ ބުނެލިއެވެ. އެހެންނަމަވެސް، އަފްނާންއާ ކުރިމަތިނުލާ ދާން ބޭނުންނުވެފައި ހުރި، އާހިލް ނޫނެކޭ ބުނެފައި އަފްނާންއާ އަނެއްކާވެސް ކުރިމަތިލިއެވެ. "ކަލޭ މަގޭ ގައިގަ ކިތަންމެ ވަރަކަށް ތެޅިޔަސް ކަލޭ މައުވާއަށް އެހެން ނުހަދާކަމަކަށް ނުވާނެ. އެ ވީޑިއޯތައް މުޅި ޔުނިވާސިޓީގަ ދައުރުނުވާކަމަކަށްވެސް ނުވާނެ. އަދި ކަލޭގެ އަގު ޔުނިވާސިޓީގަ ނުވެއްޓޭކަމަކަށް ވެސް ނުވާނެ." އާހިލް ބުންޏެވެ. "އަހަރެން ބުނަންތަ ވާހަކައެއް؟ އަސްލު ކަލޭ ތިވަނީ އެންމެންގެ ކުރިމަތީގައި ބޭޒާރުވެފަ. އިނގޭތަ؟ މައުވާއެއް ނޫން ބޭޒާރުވީ. ކަލޭ…" އާހިލް ހީވަނީ އަފްނާން ރުޅި އަރުވަން އުޅޭހެންނެވެ. އޭނާގެ ވާހަކަތައް އޭނާ ބައްޓަން ކުރީ އެފަދަ ގޮތަކަށެވެ. އާހިލްގެ ވާހަކަތަކުން އަފްނާންގެ ދަތްކުނޑިވިކިއްޖެއެވެ. އޭނާ އަލިފާން ކަހަލަ ބެލުމަކުން އާހިލްއަށް ބަލައިލިއެވެ. އޭރުވެސް އާހިލް ހުރީ ހިނިއައިސްފައެވެ. އަފްނާން ބޭޒާރުކޮށްލެވުމުން އޭނާ ހިތްހަމަޖެހުނުކަން އެ މޫނުމަތީގެ އަސަރުތަކުން ހާމަވަމުން ދިޔައެވެ. "ގެޓް ލޮސްޓް…" އަފްނާން އެއްޗެއް ނުބުނެ އެހެން ބަލަހައްޓައިގެން ހުންނަތާ އިރުކޮޅެއް ވީފަހުން އާހިލް އަފްނާންގެ މޭމަތީގައި ޖަހާ ބާރަކަށް ފަހަތަށް ކޮށްޕައިލިއެވެ. ނުވިސްނާ ހުރި އަފްނާން ފަހަތަށް ގޮސް ނުވެއްޓުނީ ކިރިޔާއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް އެކީގައި އަފްނާންއަށް ދޫކޮށްލެވުނު ހިސާބަކީ އެއީއެވެ. އޭނާ އެ ދިޔަ ބާރިމިނުގައި ގޮސް ކުރީ ފަހަރެކޭ އެއްގޮތަށް އާހިލްގެ އަނގަމަތި ފަޅާލައިފިއެވެ. "ސީ. ކެލެއަށް ކުރަން އެނގޭނެކަމަކީ ތީ…" ތުންފަތް މަތިން ލޭ އަންނަމުންދިޔަ ޙާލުވެސް އާހިލް ބުނެލިއެވެ. އެ ދެމީހުން ތަޅާފޮޅަން ފެށި މަންޒަރު އިސާހިތަކު ކެންޕަސްތެރޭގައި ތިބި ކުދިންގެ ލޮލުގައި އަޅައިގަނެ އެތަނަށް ޖަމާވާން ފަށައިފިއެވެ. ކުދިންތަކުގެ ތެރެއަށް ވަތް އާހިލްގެ ލޯބިވެރިޔާ ސަމާގެ ލޮލުގައިވެސް އިސާހިތަކު އެ މަންޒަރު އަޅައިގަނެއްޖެއެވެ. އެއާއެކު އޭނާ ގޮސް އެ ދެމެދަށް ވަނެވެ. "ދޫކުރޭ ހަމަ މިހާރު…" އަފްނާންގެ އަތުގައި ހިފައްޓަމުން ސަމާ ހަޅޭއްލަވައިގަތެވެ. ވާނުވާ އެނގުމާއެކު އޭނާ ވާހަކަ ދައްކަން ފެށީ ރުޅި އައިސް ހުރެއެވެ. "އެ ވީޑިއޯ ވައިރަލްވެގެން އަމިއްލަ މީހާގެ އަގު ވެއްޓުނީ އާހިލްއާ ހެދިއެއް ނޫނޭ. އަންނަ ގޮތަށް އައިސް އާހިލްގައިގަ ކޮންމެ ފަހަރަކު ތި ތަޅައިގަންނަނީ. ކަމާ ނުވެސް ވާ މީހަކާއޭ ރުޅިގަނޑު ތި ބާލަނީ." ސަމާ ހަޅޭއްލަވައިގަތެވެ. "ތިހާ ކެރެންޏާ ގޮސް އެ ވީޑިއޯތައް ވައިރަލްކުރި މީހާއާ ގޮސް ސުވާލުކޮށްބަލަ…. ގޮސް އޭނަ ކައިރީ އަހާބަލަ ސަބަބަކީ ކޮބައިހޭ؟ އަމިއްލަ މީހާއާ އެއްކޮށް އުޅުނު މީހުންނޭ އެކަން ކުރީ. ޕްލީޒް އަފްނާން…ބީ އަ މޭން…. ނޮޓް އަ ކައުވާރޑް. " ސަމާގެ ވާހަކައިން އަފްނާން މަޑުޖެހިލިއެވެ. ފުރުސަތުގެ ބޭނުން ހިފާ އާހިލް އަފްނާންގެ އަތް ފޮޅުވައިލިއެވެ. އެއަށްފަހު، އޭނާ ތުންފަތް މަތިން އައިސްފައި ހުރި ލޭތައް ފުހެލިއެވެ. "ވަޓް ޑޫ ޔޫ މީން؟ ކާކު އެކަން ކުރީ؟" އަފްނާންއަށް ސުވާލުކޮށްލެވުނެވެ. "ތި ސުވާލުކޮށްބަލަ ޔޫޝައު ކައިރިން. އޭނައޭ އެ ވޯޑިއޯތައް ވައިރަލްކުރީ. މަގޭ އެކުވެރިއަކަށް ދީގެން. އިނގިއްޖެ…" ސަމާ އޭނާއަށް އެނގޭ ހަޤީގަތް ހާމަކޮށްލިއެވެ. އެއާއެކު އަފްނާންއަށް ލިބުނީ ޝޮކެކެވެ. ޔޫޝައު އޭނާ ދެކެ ކިތަންމެ ރުޅިއައެއްކަމަކު އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަކަށް އޭނާއަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ. އެކުވެރިޔާއާ ދެމެދު ނުތަނަވަސްކަން ވިޔެއްކަމަކު އެ ވަރުގެ އިތުބާރެއް އޭނާއަށް އޮތީތީއާވެސް އެކުގައެވެ. އެހެންނަމަވެސް ކަންތައް މިވީ ހީކުރި ގޮތަކަށް ނޫނެވެ. ޔޫޝައު އެގޮތަށް ކަންތައް ކުރި ސަބަބަކީ ކޮބައިކަން އެހިތަށް ފަހުމްވުމާއެކު އަފްނާން އެތަނުގައި ހުރެފައި، ދުރަށް ހިނގައިގަތެވެ. އޭނާ ގޮސް ޔުނިވާރސިޓީން ބޭރަށް ނުކުމެލިއެވެ. އަދި ގޮސް ޔުނިވާސިޓީގެ ކައިރީގައި އޮންނަ ޕާކިން އޭރިޔާގައި ޕާކުކޮށްފައި ހުރި ސައިކަލު ކައިރީގައި މަޑުކޮށްލިއެވެ. އެ ހުރިހާކަމެއް ސިކުނޑީގެ ތެރޭގައި "ޕްރޮސެސް "ކުރުމަށް އޭނާ ވަގުތުކޮޅެއް ބޭނުންވާ ފަދައެވެ. ޔޫޝައު އެވަރުކަމެއް ކޮށްފާނެހެއްޔޭ އަމިއްލަ ނަފްސާ ސުވާލުކޮށްލި ވަގުތު ހިތުން އެ ސުވާލުގެ ޖަވާބުވެސް އޭނާއަށް ދީފިއެވެ. ޔޫޝައު މައުވާ ދެކެ ލޯބިވެއެވެ. އެކަމަށް އޭނާ ވަނީ އިޢުތިރާފުވެސް ވެފައެވެ. އެހެންކަމަށްވާނަމަ އެކަމުގެ ސަބަބަކީވެސް އެއީ ހެއްޔެވެ؟ އާއެކެވެ. މައުވާ ދެކެ ވާ ލޯބީގައި އޭނާއާ މައުވާގެ ގުުޅުމަށް އިތުރު ފުރުސަތެއް ދޭންވެސް ޔޫޝައު ބޭނުން ނުވަނީއެވެ. އެގޮތަށް އެކަންތައް ކުރަންޖެހޭ އިތުރު ސަބަބެއް ވެސް ނެތެވެ. ޔޫޝައުއަކީ މީގެ ކުރިން އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކިތަންމެ ރުޅި އައިނަމަވެސް، ކޮންމެވެސް ވަރަކަށް ދެރައާއި މާޔޫސީ އަސަރުތައް އޭނާއަށް ވެރިވީ އެހެންވެގެންނެވެ. ޔޫޝައު އޭނާގެ ކިބައިން ބަދަލު ހިފީއެވެ. އޭނާ މައުވާ ބޭޒާރުކޮށްލި ގޮތަށް ޔޫޝައު އޭނާވެސް ބޭޒާރުކޮށްލީއެވެ. އެންމެންގެ ކުރިމަތީގައި ލަދުގަންނުވާލީއެވެ. މުޅި ޔުނިވާސިޓީއާއި އަމިއްލަ އާއިލާގެ ކުރިމަތީގައިވެސް އިސް އިފުލާލަން ނުކުރެވޭ ވަރަށް އޭނާގެ އަގު ވައްޓައިލީއެވެ. އަފްނާންއަށް ހަށި ފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ޔޫޝައު ޔުނިވާސިޓީއިން ނުކުތީ އަފްނާން ބޭރުގައި ހުއްޓައެވެ. އޭނާ އައީ ސީދާ އަފްނާންއާ ދިމާލަށެވެ. އަފްނާންވެސް ކަޅި ޖަހާނުލާ ޔޫޝައުއަށް ބަލަހައްޓައިގެން އިނީ ޔޫޝައު އެ އަންނަނީ އޭނާއާ ދިމާލަށް ކަމަށް ހީކޮށެވެ. އެހެންނަމަވެސް، ވީ އެހެންނެއް ނޫނެވެ. ޔޫޝައު އައީ އޭނާގެ ސައިކަލާ ދާދިކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލާ ދިމާލަށެވެ. އަފްނާންއަށް އަވަސް ނަޒަރެއް ދީފައި އެއްޗެއް ނުބުނެ ޔޫޝައު ސައިކަލަށް އަރާ ހެލްމެޓް އަޅައިލަން އުޅުނީ އޭނާ ހުޅުމާލެ ދާން ޖެހިގެންނެވެ. "އެހެންވީމަ ކަލޭ ދޯ އެކަން ކުރީ؟" އަފްނާންއަށް ހިމޭނުން ހުރުންވީ އުނދަގޫކަމަކަށެވެ. ސުވާލުކޮށްލެވުނީ އެހެންވެގެންނެވެ. "ވަޓް ޑޫ ޔޫ މީން؟ މިހާރު މަ ކީއްކުރީ؟" ހެލްމެޓް އެޅުން މަޑުޖައްސައިލަމުން ޔޫޝައު އަފްނާންއަށް ބަލައިލީ އެއްވެސް އަސަރެއް ނެތް ފަދަ ގޮތަކަށެވެ. "މާ ނޭނގޭކަމަށް ހެދޭނެ ކަމެއް ނެތް. ކަލޭއެއްނު، އެ ވީޑިއޯތައް ވައިރަލް ކުރީ… " އަފްނާން ސީދާ މައުޟޫއަށް ވާހަކަ ދައްކަން ފެށިއެވެ. ދުރުދުރުން ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. "ކޮން ވާހަކައެއް ތި ދައްކަނީ؟ ބޭކާރު ވާހަކަ ދައްކާކަށް ވަގުތެއް ނެތް.…" ޔޫޝައު ހުރީ ވަރަށްވެސް ހަމަޖެހިލާފައެވެ. އަފްނާންގެ ވާހަކަތަކުން ހައިރާންކަމުގެ އަަސަރެއްގެ އިތުރުން ކީއްކުރަން ކަންބޮޑުވުމެއްގެ އަސަރުވެސް އެމޫނުމައްޗަކުން ފާޅެއް ނުވިއެވެ. "ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެފައިވީނަމަވެސް، އަހަރެން ހީކުރީ އަހަރެމެންގެ އެކުވެރިކަން… ސޮރީ އައި މީން އަހަރެެމެންގެ ކުރީގެ އެކުވެރިކަމާ މެދު ކަލޭގެ ހިތުގަ ކޮންމެވެސް އެއްޗެއް އޮންނާނެކަމަށް. އެކަމަކު އެހެންނެއް ނުވިތާ…. އަހަންނަށް އެނގޭ އަހަރެން މި ދައްކާ ވާހަކަ ނޭނގިގެން ނޫންކަން ކަލޭ ތިހެން ތިބުނަނީ. އެކަމަކުވެސް ނޭނގެންޏާ ސާފުކޮށްލަ ދީފާނަން. އެ ހުރިހާ ވީޑިއޯއެއް އަލުން ޔުނިވާސިޓީގެ ހުރިހާ ގްރޫޕްތަކަށް ވައިރަލް ހުރީ ކަލެއެއްނު…. ސަބަބަކީ ކަލޭ މައުވާ ދެކެ ލޯބިވާތީ… ނޫންތަ؟" އަފްނާން ރުޅިގަނޑު މައިތިރިކުރަން މަސައްކަތްކުރިއެވެ. "އެކުވެރިކަމޭ ކިޔާފަ އަނގަ ހުޅުވަން މިއަދު ކަލޭ ލަދުގަންނަން ޖެހޭނެ. އަހަރެމެންގެ އެކުވެރިކަން އެކީ ފުނޑުކޮށްލި މީހަކީ ކަލޭ. އެންޑް ޔެސް، އައި ލަވް ހާ… ކަލެއަށް ވުރެ ބޮޑަށް ލޯބިވޭ… " ޔޫޝައު ރައްދު ދިނެެވެ. ޖެހިލުމެއް ނެތިއެވެ. އަފްނާންގެ ކުރިމަތީގައި މައުވާ ދެކެ ލޯބިވާކަމަށް ހާމަކުރާކަށް އޭނާ މިހާރު ޖެހިލުމެއް ނުވެއެވެ. އޭނާ ހަމައެކަނި ޖެހިލުންވަނީ، މައުވާގެ ކުރިމަތީގައި އެކަމަށް އިއުތިރާފާވާށެވެ. މައުވާ އޭނާގެ ލޯބި ޤަބޫލުނުކޮށްފިނަމަ އޭނާގެ ހިތް އެކީ ހަލާކުވާނެއެވެ. މައުވާގެ ލޯޓްބަށްޓަކާ އޭނާގެ ހިތް ބޭޤަރާރުވެފައިވާ މިންވަރު އޭނާ އެހެން މީހަކަށް އިޙްސާސްކޮށްދޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ "އަހަރެން އެކަންޏެއް ނޫނެއްނު އެ ހުރިހާ ވީޑިއޯއެއް ވައިރަލްކުރީ؟ މާކުރިންވެސް އޭރު ޔުނިވާސިޓީގައި އުޅުނު އެންމެންނަށް އެ ހުރިހާ ވީޑިއޯއެއް ވާނީ ފެނިފައެއްނު. ނޫންތަ؟" ޔޫޝައު ބުނެލިއެވެ. "އަހަރެން ހަމައެކަނި ކުރިކަމަކީ އޭގެ ސަބަބު އެންމެންނަށް ހާމަކޮށްދިނުން، ކަލޭ މައުވާ ބޭޒާރުކޮށްލި ސަބަބު އެންމެންނަށް އޮޅުން ފިލުވައިދިނުން. އެކަންތައް ހިނގައި ދިޔަގޮތް ކިޔައިދިނުން، މައުވާ ކޯމާއަކަށް ދާން ޖެހުނު ސަބަބާ، އޭގެފަހުން ކަލޭ އޭނަގެ ޙާލުވެސް ބަލައިލުމެއްނެތި ފިލައިގެން ދިޔަ ދިޔުން އޮޅުންފިލުވައިދިނުން…. އަހަރެން ހަމަ އެކަނި ކުރި ކަމަކީ އެހެން މީހުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުން…. " ޔޫޝައު ޖެހިލުމެއްނެތި ހާމަކޮށްލި ވާހަކައާއެކު އަފްނާންއަށް ލިބުނީ ޝޮކެކެވެ. މައުވާގެ ލޯތްބަށްޓަކާ ޔޫޝައު އެ ދަރަޖައަށް ވެއްޓިގެން ހިނގައިދާނެކަމަށް އޭނާއަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނުވެއެވެ. ޔޫޝައު އަކީ އެކަހަލަ މީހެއް ނޫނެވެ. ޔޫޝައުގެ އެ ސިފަ އޭނާއަށް ޤަބޫލުކުރަން އެހާ ދަތިވި ސަބަބަކީވެސް އެއީއެވެ. "މިހާރު އިޙްސާސްވޭ ދޯ އެންމެންގެ ކުރިމަތީގައި އަމިއްލަ މީހާ ބޭޒާރުވެ އަގު ވެއްޓުނީމަ ވާ އިޙްސާސް. ލަދުގަންނަ މިންވަރު؟" އެއްޗެއް ބުނަން ނުކުޅެދިފައި އަފްނާން ހުންނަން ފެށުމުން ފުރުސަތުގެ ބޭނުން ހިފާ ޔޫޝައު ބުނެލިއެވެ. "އެކުށުގެ އިޙްސާސް އަހަންނަށް ކުރުވިތާ ކިތަންމެ ދުވަހެއް." މަޑުމަޑުން އަފްނާންއަށް ބުނެވުނެވެ. އޭނަ ރުޅި އަައި ނަމަވެސް، ރުޅީގެ މައްޗަށް އެހެން ކަހަލަ އިޙްސާސްއެއް އަތްގަދަ ކުރަމުން ދިޔައީތީ އެކަން އެވަގުތު ފާޅުކޮށްލުން އޭނާއަށް ދަތިވީއެވެ. އޭނާގެ ސަބަބުން މައުވާ ލަދުގަނެ ދެރަވާނެ މިންވަރު އޭނާއަށް އަންދާޒާ ކޮށްލެވުމާއެކުގައެވެ. "ކީކޭ؟ ކިޔާ އެއްޗެއް ސާފުކޮށް ކިޔަންވީނު…. " ޔޫޝައުއަށް އަފްނާން ބުނި އެއްޗެއް ސާފުނުވުމާއެކު ބުނެލިއެވެ. "ހިނެއް އެނގެނީ މާދަން ނޫންކަމެއް މައުވާ އަހަރެންގެ ހުށައެޅުން ޤަބޫލުކުރާނީ؟ މައުވާގެ ވާހަކަތަކުން ހިޔެއް ނުވޭ ދުވަހަކު ކަލެއަށް ފުރުސަތު ދީފާނެހެން. ޔޫ ބެޓަރ ފޮގެޓް އެބައުޓް ހާރ..." އަފްނާން އިތުރަށް ދެރަކޮށްލުމުގެ ނިޔަތުގައި ޔޫޝައު ބުނެލިއެވެ. ވީވެސް އެހެންނެވެ. އަފްނާންގެ މޫނުމަތިން ޔޫޝައު ބޭނުންވާފަދަ އަސަރުތަކެއް ފެނިގެން ދިޔައެވެ. އެމޫނުގެ ކުލަ އެކީ އޮއްސި މާޔޫސްކަމާއި ނާއުންމީދުގެ އަސަރުތައް އެމޫނުމަތިން ފެންނަން ފެށިއެވެ. އެހެންނަމަވެސް ޔޫޝައުއާ ދިމާލަށް އެއްޗެއް ބުނާކަށް އަފްނާންއަކަށް ނުކެރުނެވެ. އޭނާއަށް ހިމޭންވެފައި ހުރެވުނީއެވެ. އަފްނާން އެއްޗެއް ނުބުނުމުން ހެލްމެޓް އެޅުމަށްފަހު ޔޫޝައު ސައިކަލު ދުއްވައިލީ ކަންތައް ކުރެވުނީ ރަނގަޅަށްބާއޭ ހިތަށް އަރާ ޙާލުގައެވެ. އަފްނާން އެ ވާހަކަ މައުވާއަށް ހާމަކޮށްފިނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ އޭރުން މައުވާ އޭނާ ދެކެ ރުޅި އަންނާނެ ހެއްޔެވެ؟ މައުވާ އަދިވެސް ލޯބިވަނީ އަފްނާން ދެކެއެވެ. އެކަން މައުވާގެ އަމަލުތަކުން އެކަނިވެސް އެނގެއެވެ. އެހާ ހިތްދަތިކަން އަފްނާންގެ ފަރާތުން ލިބުމަށްފަހު އަދިވެސް، އެ ހިތުން އަފްނާންގެ ނަން ނުފުހެވިގެން އެ އުޅެނީ ކީއްވެހެއްޔެވެ؟ އެހެން މީހަކަށް މައުވާގެ ހިތުން ޖާގައެއް ނުދެވިގެން އެ އުޅެނީކީއްވެ ހެއްޔެވެ؟ އެހާވަރަށް އަފްނާން ދެކެ މައުވާ ލޯބިވަނީ ކީއްވެހެއްޔެވެ؟ ޝަކުވާތަކުން އޭނާގެ ހިތް ފުނިޖެހެމުން ދިޔަ ހިނދު، ޔޫޝައުގެ ހިތަށް އުނދަގުލެއްގެ އަސަރުވެސް ވެރިވިއެވެ. ޔުނިވާސިޓީގެ ސްޓޫޑެންޓް ލޯންޖުގައި އެކަނި މާއެކަނި އިން ޒާޔާ އިންތިޒާރުކުރަމުން ދިޔައީ ލެޗްޗަރާއާ ބައްދަލުކޮށްފައި ރިފާ އަންނާނެ އިރަކަށެވެ. ކްލާސް ނިމިގެން އެ ދެމީހުން މަޑުކުރަން ނިންމީ، އެސައިންމެންޓް ޑިސްކަން ކުރަން ބޭނުންވެފައިވާތީއެވެ. ރިފާ ލަސްވެގެން މެސެޖެއްކޮށްލާފައި އޭނާ ޔޫޝައުގެ ނަންބަރަށް ގުޅައިލިއެވެ. މިއަދު އަފްނާންއާ ދެމީހުން ބައްދަލުކޮށްފައި އެސްއިންމެންޓްގައި ދެމީހުން ހަދާނެ ބައި ބަހާލާނެކަމަށް ބުނެފައިވާތީ އެކަންތައް ދިޔަގޮތެއް ބަލަންވެސް އޭނާ އިނީ ބޭނުންވެފައެވެ. އަނެއްކޮޅުން މައުވާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލިކަމަށް ބުނެ އޭނާއަށް މެސެޖު ކޮށްފައި ޔޫޝައު ގާތު އެވާހަކަ ބުނަންވެސް ވަނީ އެދިފައެވެ. ޔޫޝައު ފޯނު ނުނެގުމުން އޭނާ އަނެއްކާވެސް އަދިވެސް ނުނިމެނީހޭ ބުނެ ރިފާއަށް މެސެޖުކޮށްލިއެވެ. "އެބަ ދަން…." ރިފާގެ މެސެޖެއް އޭނާއަށް ލިބުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. އަވަސްކުރާށޭ ބުނެފައި ރިޕްލައިކޮށްލާފައި، އޭނާ ގަލަމެއް ނަގާ ކުރިމަތީގައި ހުރި މޭޒު މަތީގައި ބާއްވާފައި އޮތް ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަން ފެށިއެވެ. އޭނާ އެ މަސައްކަތުގައި އިންދާ ބާރުބާރަކަށް ލައުންޖްގެ ދޮރު ހުޅުވާލާފައި ރިފާ ވަނެވެ. "ސޮރީ…." އެހެން މީހުންގެ ނަޒަރުވެސް އޭނާއަށް ހުއްޓުމުން ރިފާ މާފަށް އެދިފައި ގޮސް ޒާޔާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. "ކިހިނެއްވީތަ؟" ރިފާގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކާ އޭނާ އައި ގޮތުން ޒާޔާއަށް ސުވާލުކޮށްލެވުނެވެ. "ހޮޓް ނިއުސް…." ފުންނޭނާވާއެއް ދޫކޮށްލަމުން ރިފާ ބުނެލިއެވެ. "ކިހިނެއްވީ؟ ޔޫޝައުމެންނާ ދިމާވީތަ؟ އެއްޗެއް ބުނީތަ؟" ޒާޔާއަށް އަވަސް އަވަހަށް ސުވާލު ކޮށްލެވުނެވެ. "ނޫން.ދިމައެއް ނުވޭ…… އެކަމަކު ދިސް އިޒް އެބައުޓް ޔޫޝައު… އަހަރެން ހިޔެއް ނުކުރަން އެކަން ކުރީ ޔޫޝައުއަށް ވެދާނެޔޭ… " ރިފާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ރިފާގެ މޫނުމަތީގައިވި ހައިރާންކަމުގެ އަސަރާއެކު، ވީގޮތް އެނގެން ޒާޔާގެ ކެތްތެރިކަން ކޮޅުން ލާން ފެށިއެވެ. "ރިފާ…. ކިހިނެއްވީތަ؟ ޔޫޝައު ކީއްކުރީތަ؟" ޒާޔާއަށް އެހެން އަހައިލެވުނީވެސް ތަންކޮޅެއް ބާރަށެވެ. "އޭނައޭ އެހުރިހާކަމެއް ކުރީ… ޒާއަށް އެނގޭތަ؟ ޔޫޝައުއޭ އެ ހުރިހާ ވީޑިއޯއެއް ވައިރަލްކޮށްފަ އެކަންތައް މުޅި ޔުނިވާސިޓީއަށް އެންގީ…." ރިފާ ޒާޔާއަށް ބަލައިލިއެވެ. "އޭނ…" ފުރަތަމަ ޒާޔާއަށް އެހެން ބުނެވުނީ ހައިރާންކަމާއެކުގައެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ރިފާ އެ ބުނި އެއްޗެއް ނަގައިގަނެވުމާއެކު، އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. "މިފަހުން އަފްނާންއާ މައުގެ… ވީޑިއޯ… ޔޫޝައު؟" ޤަބޫލުނުކުރެވޭ ފަދައަކުން ޒާޔާއަށް އެހެން އަހައިލެވުނުއިރު، އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް ޝޮކެއް ލިބިފައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ