އެމެރިކާގެ ސިޔާސީ ބޭނުމަށް ގާޒާ ސާފުކުރުމަށް 15 އަހަރު ނަގާނެ ކަމަށް ބުނާ ބުނުން ދޮގު

ގާޒާގެ އާބާދީ އެ ގާޒާ ސްޓްރިޕުން ނެރުމަށް، ސިޔާސީ ބޭނުމަށް، އެމެރިކާއިން ގެންގުޅޭ އެއް އުކުޅަކީ ވީރާނާވެފައިވާ އިމާރާތްތައް ސާފުކުރުމަށް 15 އަހަރު ނަގާނެކަމަށް ދެއްކުމެވެ. އެކަމަކު ގާޒާއަށް ބޭނުންވާ މެޝިނަރީ ވެއްދުމަށް އިޒްރޭލުން ހުއްދަދީ، ބްލޮކޭޑް ނައްތާލައިފިނަމަ ވީރާނާވެފައިވާ ތަންތަން ސާފުކުރުމަށް ދެ އަހަރަށްވުރެ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެ އެވެ.
ވީރާނާވެފައިވާ ތަންތަން ސާފުކުރުމަށް 15 އަހަރު ނަގާނެކަމަށް އެމެރިކާ ބުނަނީ ސިޔާސީ ބޭނުމަކު
ވީރާނާވެފައިވާ އިމާރާތްފަދަ ތަންތަން ސާފުކުރުމަށް މަދުވެގެން 15 އަހަރު ނަގާނެކަމަށް އ.ދ.ގެ އިމާރާތްކުރުމުގެ އޮފިޝަލަކު ބުނެފައިވާ ބުނުމަކީ، ގާޒާގެ 2.2 މިލިއަން ފަލަސްތީނު މީހުން އެ ރަށުން ނެރުމަށް އެމެރިކާއިން ބޭނުންކުރާ ބަހަނާއެއްކަމަށް އެ އޮފިޝަލް ވަނީ ބުނެފަ އެވެ.
"މިއީ އަހަރެން އަޑުއެހި އެންމެ މަތީ އަދަދު، އަދި މިހާރު މިކަން ވަނީ ސިޔާސީ ކަމަކަށް ވެފައި،" އެކްސްކަވޭޓަރު ފަދަ ބޭނުންތެރި މެޝިނަރީ ގާޒާއަށް ވެއްދުން އިޒްރޭލުން މަނާކޮށްފައި ވާތީ، އ.ދ.ގެ މާހިރެއް ބުންޏެވެ. "ބްލޮކޭޑް ނައްތާލެވިއްޖެނަމަ މާ ކުރު މުއްދަތެއްގައި ވީރާނާވެފައިވާ ތަންތަން ސާފުކުރެވިދާނެ."
އަންރުވާގެ އަންދާޒާ
ފަލަސްތީނު ރެފިއުޖީންގެ ކަންކަމާ ބެހޭ އ.ދ.ގެ އިދާރާ (އަންރުވާ) އިން ލަފާކުރި ގޮތުގައި ގާޒާ ސާފުކުރުމަށް 15 އަހަރު ނަގާނެ އަދި 500 މިލިއަން އިން 600 މިލިއަން ޑޮލަރަށް ޚަރަދުވާނެ ކަމަށް އ.ދ.ގެ ތިމާވެށީގެ ޕްރޮގްރާމްގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ގަތަރުގެ އިންޖިނިއަރުގެ ރައުޔު
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ނޫހަކާ ވާހަކަދައްކަމުން، ގަތަރުގެ ޚާރިޖިއްޔާގެ ގާޒާ އިމާރާތްކުރުމުގެ ކޮމިޓީގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު އަހްމަދު އަލް ދަލޫ ވިދާޅުވީ، އެމެރިކާއިން 15 އަހަރުގެ މުއްދަތު ބޭނުންކުރަމުންދާ ގޮތަކީ "އަވަހަށް އަލުން އިމާރާތްކުރުމުގެ ނިޔަތެއް ނެތްކަމުގެ ހެއްކެއް" ކަމަށެވެ.
"ގާޒާގެ އިމާރާތްކުރުމުގެ މަސައްކަތްކުރި އިންޖިނިއަރެއްގެ ހައިސިއްޔަތުން އަހަރެންގެ ލަފައަކީ، ބޭނުންވާ އިކްވިޕްމަންޓް ލިބި، ގައްޒާ ސަރަހައްދުތަކަކަށް ބަހާލައިގެން މަސައްކަތްކޮށްފިނަމަ، ގިނަވެގެން ދެ އަހަރުން ހުރިހާ ތަނެއް ސާފުކުރެވިދާނެ. ހަލާކުވެފައިވާ އިމާރާތްތައް ނައްތާލުމުގެ މަސައްކަތް އެއްފަހަރާ ކުރެވިދާނެ،" އޭނާ ބުންޏެވެ.
އަލް ދަލޫ އިތުރަށް ބުނީ އިމާރާތްކުރުމާއި ވީރާނާވެފައިވާ ތަންތަން ސާފުކުރުމަށް ބޭނުންވާ ގިނަ އިންސާނީ ވަސީލަތްތައް މިހާރުވެސް ގާޒާގައި ހުރި ކަމަށެވެ.
 ނުގޮވާހުރި ހަތިޔާރުގެ ނުރައްކާ
ވީރާނާވެފައިވާ ތަންތަން ނައްތާލުމަށް ޚާއްސަ ޓާސްކް ފޯހެއް އުފައްދާފައިވާ އ.ދ.އިން ބުނެފައިވަނީ ވީރާނާވެފައިވާ ތަންތަނުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑުގެ ބައިތަކާއި ނުގޮވާ ހުރި ހަތިޔާރު ހުރުމުން މީހުންނަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށެވެ.
ނަމަވެސް، މިކަން ވަނީ އެމެރިކާއިން ސިޔާސީކޮށް، ގާޒާގެ މުޅި އާބާދީ އެތަނުން ނެރުމަށް ވަކާލާތުކުރުމަށް ބޭނުންކުރާ ކަމެއްގެ ގޮތުގައި، އ.ދ.ގެ މަސްދަރުން ބުންޏެވެ. "އެމެރިކާއިން މި ހަގީގަތް ބޭނުންކުރަނީ ގައްޒާގެ މީހުން ނުކުންނަން ޖެހޭނެ ކަމަށް ބުނުމަށް،" އެ މަސްދަރު ބުންޏެވެ.
ގާޒާއަށް އެނބުރި އައުން މަނާ 
 ސީސްފަޔާ އެއްބަސްވުމުގެ ދަށުން މޭ މަހުން ފެށިގެން ބަންދުކޮށްފައި އޮތް ރަފަހް ބޯޑަރު ކްރޮސިން ފުރަތަމަ ފަހަރަށް ހުޅުވުނެވެ. މިގޮތުން އެހީ ވަނުމަށާއި ބަލިމީހުން ބޭރުގެ ފަރުވާއަށް ފުރުމަށް މަގުފަހިވި އެވެ. ނަމަވެސް ގާޒާއަށް އެނބުރި ދާން ބޭނުންވާ މީހުންނަށް އަދިވެސް ނުވަދެވެ އެވެ.
"އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ އިމާރާތްކުރުމަކީ ސީސްފަޔާ އެއްބަސްވުމުގެ ތިންވަނަ މަރުހަލާކަން، އެހެންވީމާ އިޒްރޭލްގެ ޕްލޭނަކީ މީހުން އަމިއްލައަށް ގައްޒާ ދޫކޮށް ދިއުމަށް މަޖުބޫރުކުރުން. އެކަން ކުރާނީ އިމާރާތްކުރުން ލަސްކޮށްގެން، އެތާ ދިރިއުޅެން އެއްވެސް އެއްޗެއް ނެތުމުން މީހުން ނުކުމެދާނެތީ،" އ.ދ.ގެ މަސްދަރު އިތުރަށް ބުންޏެވެ.
އިމާރާތްކުރުން ލަސްކުރުމުގެ ރޭވުން
ސީސްފަޔާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ތެރޭގައި 60,000 ކެރަވަނާއި 200,000 ޓެންޓް ގާޒާއަށް ވެއްދުން ހިމެނެއެވެ. ނަމަވެސް އެއްބަސްވުން ތަންފީޒުވިތާ 17 ދުވަސް ވީއިރުވެސް އެކަމެއް ނުވެ އެވެ.
"އެއްބަސްވުމުގެ އިންސާނީ ޕްރޮޓޮކޯލްގެ ދަށުން ވަގުތީ ބޯހިޔާވަހިކަމާއި ޓެންޓްތަކުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ބޮޑެތި އިކްވިޕްމަންޓް ގާޒާއަށް ވެއްދުން އިޒްރޭލުން ދަނީ ލަސްކުރަމުން،" އެ މަސްދަރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ