ވަންނާނެ އިމާރާތެއް ނެތި ސްކައުންޓުން އުޅެން ޖެހުމަކީ ވެގެންވާނެ ގޮތެއް ނޫން: ރައީސް

ސްކައުޓް އެސޯސިއޭޝަނުން ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމަކީ ވެގެންވާނެ ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއާ ހުރިހާ ބޭފުޅުން، އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަ ތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ދެއްވުމުގެ ރަސްމިއްޔާތު 
އެ މަނިކުފާނުގެ ސްކޫލް ދައުރުގައި ސްކައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެ ހަރަކާތުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާ ވެސް ހިއްސާ ކުރެއްވި އެވެ. އަދި ވިދާޅުވީ ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމަކީ އެކަން ވެގެންވާންޖެހޭނެ ގޮތް ނޫން ކަމަށެވެ.
ރާއްޖޭގައި މިދިޔަ ފަސްދޮޅަސް ނުވަ އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތް ހިންގިއިރު، ވަރަށް ފަހުރުވެރި ކާމިޔާބީތަކެއް މުޖުތަމައަށް ސްކައުޓް ހަރަކާތުގެ ތެރެއިން ހޯދައިދީފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއް ވިއެވެ. އެގޮތުން ކުދި ކަންކަމުން ފެށިގެންގޮސް، ބޮޑެތި ގައުމީ ކާރިސާތަކުގައިވެސް ސްކައުޓް ހަރަކާތަކީ ރާއްޖޭގައި ޔަގީނުންވެސް ވަރަށް ބޮޑަށް ޝާމިލުވެފައިވާ، އެހީތެރިކަންދީފައިވާ އަދި ދެމުންވެސްދާ ހަރަކާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވި އެވެ.
ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް ދެއްވުމުގެ ރަސްމިއްޔާތު 
މިއަދުގެ ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑރ. މުހައްމަދު މުޢިއްޒުއަށް ވާލްޑް ސްކައުޓް ބެޖް އެރުވީ އެ އެސޯސިއޭޝަންގެ ރައީސް މުގައްމަދު ނަޒީފެވެ.
މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ