އިޓަލީގެ ފުޓްބޯޅަ ކުލަބު، ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި މަހުގެ 10ގައި ރާއްޖެ އަ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި އެ ކްލަބުގެ ސަޕޯޓަރުންގެ ތެރެއިން ހޮވާލެވުނު ބަޔަކާ އެކު ރާއްޖެ އަށް ކުރި ދަތުރުގައި ޔުވެންޓަސްގެ ކުރީގެ ތަރި، ނެދަލެންޑްސްގެ އެޑްގާ ގާވިސް ވެސް ބައިވެރިވި އެވެ.
މި ދަތުރަކީ ކްލަބުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދާ 'އެކްސްޓްރީމް ފީލްޑްސް' ހަރަކާތުގެ ދަށުން މަހިބަދޫގައި އޮންނަ 'ޕެލޭ ސްޓޭޑިއަމް'ގައި މެޗެއް ކުޅުމަށް ކުރި ދަތުރެކެވެ. އެކްސްޓްރީމް ފީލްޑްސް ހަރަކާތް ދެން ކުރިއަށް ގެންދަން ނިންމާފައިވަނީ އެމެރިކާގެ ނިއުޔޯކު އަދި ޑެންމާކުގަ އެވެ.
މަހިބަދޫ އަށް ކުރި ދަތުރާ އެކު ޔުވެންޓަސްގެ ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގެ ރީތި ކަމާއި ދަތުރުގައި ކުރި ތަޖުރިބާގެ ހިތްހަމަޖެހުން ހިއްސާކޮށްފަ އެވެ.
ކުޑަ ފިނޮޅެއްގައި، ކުޑަ ދަނޑެއް ކުރަހައިގެން ބޯޅަ ކުޅެން ލިބުމުގެ އުފާވެރި ތަޖުރިބާ އެ ކްލަބުގެ ޓިކްޓޮކްގައި ހިއްސާކޮށްފައިވަނީ ރާއްޖޭގެ ހުދު ދޮންވެލީގެ ގޮނޑުދޮށާއި ވިލު ނޫކުލައިގެ ސާފު މޫދު އެންމެ ފުރިހަމައަށް ފެންނާނެ ގޮތަށެވެ.
އެ ވިޑިއޯ އިން ކުރެވެނީ، ދަތުރު ގޮސް އުޅޭއިރު އާންމުކޮށް ދިވެހިން ފުޓްބޯޅަ ކުޅެ އުޅޭ ގޮތުގެ އިހުސާސެވެ.
މީގެ އިތުރުން މަހިބަދޫގެ ފެލޭ ސްޓޭޑިއަމް އޮންނަ ސަރަހައްދުގެ ރީތިކަން ވެސް އެ ކްލަބުން އާންމުކޮށްފައިވާ ވީޑިއޯތަކުން ދައްކާލަ އެވެ. ރީތިި ގޮނޑުދޮށާ ކައިރީ އޮންނަ އެ ފުޓްބޯޅަ ދަނޑަކީ ދުނިޔޭގެ އެންމެ 'ބެސްޓް ފުޓްބޯޅަ ޕިޗަށް ވެދާނެ' ކަމަށް ފްރީ ސްޓައިލާ ބެން ބްލެކު އެ ވީޑިއޯގައި ބުނެ އެވެ.
ޔުވެންޓަސްގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ރާއްޖޭގެ ވީޑިއޯތަކަށް އެތައް ހާސް ވިއުސް އެއް މިހާރު ވެސް ލިބިފައިވެ އެވެ.
އެ ކްލަބުން ރާއްޖެ އަށް ކުރި ދަތުރާއެކު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި ކްލަބުގެ ފޭނުންނަށް ރާއްޖޭގެ ރީތިކަން ދައްކާލައިފި އެވެ. ދަތުރުގައި ބައިވެރިވި ޔުވެންޓަސްގެ ސަޕޯޓަރުންގެ ޓީމުގެ ހިތްތައް ވެސް ރާއްޖެ އަށް ދޫވެއްޖެ އެވެ.
ޔުވެންޓަސް އިން ބުނެފައިވާ ގޮތުގައި އެ ކްލަބގެ 'އެކްސްޓްރީމް ފީލްޑްސް' ހަރަކާތް ފެށިގެން މި ދިޔައީ ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލުންނެވެ. މަހިބަދުއަށް ކުރި ދަތުރުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ޔުވެންޓަސްގެ ޓީމަށް ލިބުނު މެހުމާނުދާރީ ވެސް އެ ކްލަބުން ވަނީ ފާހަގަކޮށްފަ އެވެ.
ޔުވެންޓަސް އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކޮށް ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތުތައް ހޯދުމާ ގުޅޭ ގުޅޭގޮތުން އެ ކްލަބުގެ އޮފިޝަލުންތަކަކާ އެކު ރާއްޖޭގެ ކަމާ ބެހޭ އިސް ބޭފުޅުން މިދިޔަ ނޮވެމްބަރު މަހު މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ޔުވެންޓަސްގެ ދަތުރުން ރާއްޖޭގެ ރީތިކަން ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ