އާސެނަލުން ފަރަގުކުޑަކޮށްފި، މާމޫޝްގެ ހެޓްރިކުން ސިޓީ އަށް މޮޅެއް އާސެނަލުން ފަރަގުކުޑަކޮށްފި، މާމޫޝްގެ ހެޓްރިކުން ސިޓީ އަށް މޮޅެއް

ލަންޑަން (ފެބްރުއަރީ 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގުކުޑަކުރިއިރު، މިސްުރުގެ ފޯވާޑް އޮމަރު މާމޫޝްގެ ހެޓްރިކާ އެކު، 4-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީ މުހިންމު މޮޅެއް ހޯދައިފި އެެވެ.
އެއް ވަނައިގައި އޮތް ލިވަޕޫލަށް 24 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 25 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓުން ކުޅުނު މެޗުން ފުލަމް އަތުން 2-1 އިން ބަލިވިއިރު، ފޮރެސްޓަށް 25 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ސިޓީ ހަތަރެއްގައި އޮތީ، 25 މެޗުން 44 ޕޮއިންޓާ އެކު އެވެ.
ފަސް ވަނައިގައި އޮތީ ސައުތެމްޓަން އަތުން، 3-1 އިން މޮޅުވި ބޯންމައުތު އެވެ. ބޯންމައުތަށް ވަނީ 25 މެޗުން 43 ޕޮއިންޓް ލިބިފަ އެެވެ. ބޯންމައުތު އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަ ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ލަނޑުގެ ތަފާތު ރަނގަޅުވުމުން ކުރީގަ އެވެ.
ލެސްޓާ ސިޓީ ދަނޑުގައި ކުޅުނު މެޗަށް ނުކުތް އާސެނަލަށް ވަނީ އަނިޔާގެ ސަބަބުން އެ ޓީމުގެ ކުރިއަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ގެއްލިފަ އެވެ. އެހެންވެ، މި މެޗުގެ ނަތީޖާ އަނބުރާލަން އެ ޓީމުން ބަރޯސާވީ މިޑްފީލްޑަރަކަށް ކުޅެމުން އައި، މިކޭލް މެރީނޯ ފޯވާޑަކަށް ކުޅުވައިގެންނެވެ.
ބެންޗުން އަރައި، އޭނާ ވަނީ ކުރިއަށް ކުޅެމުން ދެ ގޯލު ޖަހައިފަ އެވެ. މި މެޗުގައި، ލެސްޓާގެ ވިލްފްރެޑް އެންޑީޑީ އަށް ވަނީ ލަނޑުޖަހަން ދެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ޖެނުއަރީގައި ސިޓީ އަށް 65 މިލިއަން ޑޮލަރަށް ބަދަލުވި މާމޫޝް ފުރަތަމަ ހާފުގައި ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގައި ޖޭމްސް މެކްއަޓީ އެވެ.
މި މެޗުގައި، މާމޫޝް ހެޓްރިކް ހެދީ 14 މިނިޓް ތެރޭގަ އެވެ. މިއީ، 2015 ވަނަ އަހަރު ސާޖިއޯ އަގުއޭރޯ، ނުވަ މިނިޓް ތެރޭ ހެޓްރިކެއް ހެދި ފަހުން، ސިޓީ ކުޅުންތެރިއަކު ލީގުގައި އެންމެ މަދު ވަގުތުގެ ތެރޭގައި ހެދި ހެޓްރިކް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ