މަތީ ފަންތީގެ ރިސޯޓެއްގެ ހަރަދުގައި ނައިބު ރައީސްގެ އާއިލާ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރައްވައިފި މަތީ ފަންތީގެ ރިސޯޓެއްގެ ހަރަދުގައި ނައިބު ރައީސްގެ އާއިލާ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރައްވައިފި

މަތީ ފަންތީގެ ރިސޯޓެއްގެ އޯނަރުންގެ ދައުވަތަކަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުގެ އާއިލާ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރައްވައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސް ޗުއްޓީއަށް ވަޑައިގަތީ މި ހިނގާ އޭޕްރީލް މަހުގެ ކުރީކޮޅެވެ. ޗުއްޓީ ހޭދަ ކުރެއްވީ ފަސް ތަރީގެ ރިސޯޓެއްގައި އެ ރިސޯޓުގެ އޯނަރުން އެރުވި ދައުވަތަކަށް ރިސޯޓުގެ ހަރަދުގަ އެވެ.
ނައިބު ރައީސް ހުންނެވީ ގާތްގަނޑަކަށް ރެއަކަށް 5000 ޑޮލަރުގެ ރޭޓުގައި ވިއްކާ ކޮޓަރިއެއްގަ އެވެ. އެމަނިކުފާނު ހަތަރު ރޭ އެ ރިސޯޓުގައި ހުންނެވި އެވެ. އެހެންކަމުން ނައިބު ރައީސްގެ އާއިލާ ހުންނެވި ކޮޓަރިއަށް ހަތަރު ރެއަށް 20،000 ޑޮލަރު ޖެހޭނެ އެވެ.
އޭގެ އިތުރުން އެމަނިކުފާނާއެކު އެމްއެންޑީއެފްގެ ތިން ބޮޑީގާޑުން ވެސް ވަޑައިގެންނެވި އެވެ. ބޮޑީގާޑުން ތިބީ ރެއަކަށް 1700 ޑޮލަރުގެ ރޭޓުގައި ވިއްކާ ކޮޓަރިއެއްގަ އެވެ. އެހެންކަމުން ބޮޑީގާޑުން ތިބި ކޮޓަރިއަށް 6800 ޑޮލަރު އަރާނެ އެވެ.
ނައިބު ރައީސް ހުންނެވި ރިސޯޓުގައި އާންމުކޮށް މެންދުރުގެ ކެއުން އަދި ރޭގަނޑުގެ ކެއުމަށް 150 ޑޮލަރު އަރަ އެވެ. ހެނދުނުގެ ނާސްތާ އުޅެނީ 70 ޑޮލަރުގަ އެވެ. އެހެންކަމުން ނައިބު ރައީސްގެ އާއިލާ އަދި ބޮޑީގާޑުންގެ ކެއުމަށް ޖުމްލަ 8880 ޑޮލަރު އަރާނެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސް ވަޑައިގެންނެވީ ޓީއެމްއޭގެ މޫދަށް ޖައްސާ ބޯޓެއްގަ އެވެ. ޓީއެމްއޭ އިން އެމަނިކުފާނުގެ އާއިލާ އަދި ބޮޑީގާޑުންނަށް ދަތުރުކޮށްދިނީ ހިލޭ ކަމަށްވެ އެވެ. ޓީއެމްއޭއިން އެ ހިސާބަށް ދަތުރުކޮށްދެނީ ކޮޅަކަށް 1700ރ. އަށް ކަމަށްވެ އެވެ. އެއީ ދިވެހިންނަށް ހާއްސަ އަގެކެވެ. އެހެންކަމުން އެ ދަތުރުގެ އަގަށް ވެސް 20،400ރ. އަރާނެ އެވެ.
ނައިބު ރައީސް ވަޑައިގެންނެވި ޗުއްޓީގެ މުޅި ޖުމްލަ ހަރަދަށް 35،680 ޑޮލަރު އަދި 20،400ރ. އަރާނެ އެވެ. ދިވެހި ރުފިޔާއިން ބަލާ ނަމަ އެއީ 550،185ރ. އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ