ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ އަމީން ހުރީ ރާއްޖޭން ބޭރުގައި ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ އަމީން ހުރީ ރާއްޖޭން ބޭރުގައި

ޒުވާން އަންހެނަކު އިމާރާތަކުން ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި މުޒާހަރާ ކުރަން ފަށައި، އެ މައްސަލައިގެ ތަހުގީގަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރަމުން އަންނައިރު، ހާދިސާ ހިނގި ރޭ އަމީން ހުންނެވީ ރާއްޖެއިން ބޭރުގައިކަން އެނގިއްޖެ އެވެ.
އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ހ. ފެންޓެނޯއީ އިން ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު މައްސަލާގައި ފުރުން މަނާކޮށް، ތަހުގީގަށް ފޯނު އަތުލާފައިވާ މީހުންގެ ތެރޭގައި މިނިސްޓަރު އަމީންގެ އާއިލީ ބަޔަކު ހިމެނެ އެވެ. އެ ރޭ، އެ މީހުން ފުރަތަމަ ޕާޓީކުރީ މިނިސްޓަރު އަމީން ދިރިއުޅޭގެ، ގ. މާންދޫގޭ ދެކުނުބައިގަ އެވެ.
ތަފާތު އެކި މަސްދަރުތަކުން އެއްކުރި މައުލޫމާތުތަކުން ކަށަވަރު ކުރެވޭ ގޮތުގައި އެ ރޭ އަމީން ގެންދެވީ ގަތަރުގެ ވެރިރަށް ދޯހާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރައްވަމުންނެވެ. އޭނާ ދަތުރު ކުރައްވަމުން ގެންދެވީ ގަތަރު އެއާވޭސްގެ ފްލައިޓު "QR676" އިންނެވެ. އެ ފްލައިޓު ހުޅުލޭ އެއާޕޯޓަށް ޖެއްސީ ހުކުރު ދުވަހުގެ ހެނދުނު 08:30 ހާއިރު އެވެ.
އަމީން ދޯހާއަށް ވަޑައިގެންނެވީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ފެސިލިޓޭޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ. އެ ކޮންފަރެންސްގައި އޭނާ ތަގުރީރު ވެސް ކުރެއްވި އެވެ. އެ ހާދިސާ ހިނގި ދުވަހުގެ ރޭ މާލޭގައި ނެތްކަން އަމީން ވެސް އަދަދު އަށް ޔަގީން ކޮށްދެއްވި އެވެ.
އޭޕްރީން 24 ވަނަ ދުވަހު، މާންދޫގޭގެ ދެކުނު ބައިގެ ބައެއް އެޕާޓްމެންޓުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލަމުން ދިޔަ ވަގުތު، އަމީން، އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއުއަށް އަދި ހޯމް މިނިސްޓަރު އިހުސާން އަށް ގުޅުއްވިކަން ވަނީ އެނގިފަ އެވެ،
އެކަމާ ގުޅިގެން އަދަދު އަށް މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހުސާނަށާއި އޭރުގެ ޕޮލިސް ކޮމިޝަނަރަށު އަލީ ސުޖާއުއަށް އޭނާ ގުޅުއްވީ ކޯޓު އަމުރެއް ނެތި ވެސް ގޭގެ އެޕާޓްމަންޓުތައް ބަލައި ފާސްކުރެވޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ކަމަށެވެ.
ޔުމްނު ވެއްޓުނު މައްސަލައާ އެކަމާ ގުޅޭ އެހެން ތަހުގީގުތަކަށް އަމީން ނުފޫޒު ފޯރުވަން އުޅޭ ކަމަށް، ތުހުމަތުކޮށް އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ޒުވާނުންގެ މުޒާހަރާގެ ބައިވެރިން ވަނީ ޑިމާންޑުކޮށްފަ އެވެ. ނަމަވެސް، އޭނާ ވަނީ އިސްތިއުފާ ދިނުމާ ގުޅޭގޮތުން ނުވިސްނާ ކަމަށް އަދަދު އަށް އިއްޔެ އަމީން ވިދާޅުވި އެވެ. އެއީ ހިނގައިގެން އުޅޭ އެއްވެސް ހާދިސާ އަކާއި އޭނާ ސީދާކޮށް އަދި ނުސީދާކޮށް ވެސް ގުޅުމެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ