ސަރުކާރުގެ ލޯން ސްކީމްގެ ދަށުން ސްޕެއިންގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކޯސް ފީތައް ނުދެއްކި، އޭގެ ތެރެއިން ބައެއް ދަރިވަރުން ކޯސްތަކުން ވަކިކޮށްފައިވާތީ، އެ ދަރިވަރުންނަށް ކިޔެވުމުގައި ދިމާވަމުންދާ ދަތިތަކަށް ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އަނެއްކާވެސް މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ ލޯން ސްކީމްގެ ދަށުން ސްޕެއިންގެ އީއެސް ބާސެލޯނާ އަދި ފްލައިބައިގައި ޕައިލެޓުކަން ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް، މުހައްމަދު އިބްރާހިމް މިދިޔަ 15 އެޕްރީލްގައި އެ ދަރިވަރުންގެ ފަރާތުން މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުއްވި އެވެ.
އެކަމަށް މިހާތަނަށް ހައްލެއް ނުލިބި އޮތުމުން ބައެއް ދަރިވަރުންގެ ކޯސް ފީ ނުދެއްކި، ބައެއް ދަރިވަރުން ކޯސްތަކުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި މިއަދު އަނެއްކާވެސް މަޖިލީހަށް އޭނާ ވަނީ ސިޓީއެއް ފޮނުވާފަ އެވެ.
ތަފްސީލް - މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް ފޮނުވާފައިވާ އެ ސިޓީގައި ވަނީ، އެ މައްސަލާގައި ހުށަހަޅާފައިވާ ޕެޓިޝަނަށް ފަހު ވެސް، އެކަމަށް މަޖިލީހުން ހައްލެއް ނުލިބި އުޅެނިކޮށް މިދިޔަ މޭ މަސްތެރޭ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އޮންލައިންކޮށް ދަރިވަރުންނާ ބައްދަލުކޮށް ވާހަކަދެއްކެވި ކަމަށެވެ.
އެ ބައްދަލުވުމުގައި، ދަރިވަރުންގެ ހުރިހާ ޝަކުވާތަކަށް ހައްލު ހޯދައިނުދެވުނަސް ގިނަ ކަންކަމަށް ވީހާވެސް އަވަހަކަށް ހައްލު ހޯދައިދެވޭތޯ ބައްލަވާނެ ކަމަށާއި އެކަމުގެ އަޕްޑޭޓްތައް ވެސް ދެއްވާނެ ކަމުގެ ޔަގީންކަން ހައިދަރު ދެއްވި ކަމަށް ސިޓީގައި ވެ އެވެ. އެކަމަކު މިއަދާ ހަމަަޔަށް ވެސް ހައްލެއް ލިބިފައި ނުވާ ކަމަށާއި ދަރިވަރުންގެ އެއްވެސް ސުވާލަކަށް ޖަވާބުދެމުންނުދާ ކަމަށް ވެސް ސިޓީގައި ވެ އެވެ.
ސިޓީގައި ވާގޮތުން:
ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ހައިދަރު ވިދާޅުވި އެއްވެސް ކަމެއްގައި އަމަލީ ސިފައެއް ނާދޭ
އަލަށް ހުށަހެޅި ސްޓޫޑެންޓް ލޯން އަދި ޓޮޕްއަފް ލޯނުގެ އެއްވެސް ހަބަރެއް ނެތް
ކިޔެވުމުގެ އާ އަހަރެއް ފެށޭއިރު ދަރިވަރުން ތިބެންޖެހިފައިވަނީ ވާނުވާގައި؛ ސުވާލުތަކަށް ޖަވާބު ނުލިބި އަހަރުތަކެއް ދަނީ ބޭކާރުވަމުން
ޔޫރޯގެ އަގު މަތިވަމުންދާއިރު ދަރިވަރުންނަށް އެކަމުގައި ވެސް ހައްލެއް ނުލިބޭ
ބީއެމްއެލް ކާޑުން ޑޮލަރު ނޫން ކޮންމެ ޕޭމަންޓެއް ހަދާއިރު %10 އިތުރަށް ނަގަމުންދޭ
ދަރިވަރުންގެ ހާލެއް ނުބަލާ؛ ބައެއް ދަރިވަރުންގެ ޕޭމަންޓުތައް ނުދެއްކި، ހަދަމުންދިޔަ ކޯސްތަކުން ވަނީ ވަކިކޮށްފައި
ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންތަކެއްގެ ކިޔެވުމާ ގުޅޭ މި ހައްސާސް މައްސަލައަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިނުދެވުމަކީ މަޖިލީހަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ސިޓީގައި ވެ އެވެ. އަދި ހައިދަރު އެ ދަރިވަރުން ނާއުންމީދުގެ ތެރެއަށް ވައްޓާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދެކޭ ކަމަށް ސިޓީގައި ވެ އެވެ.
މުހައްމަދު އިބްރާހިމް އެދިވަޑައިގަތީ އެކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ވީހާވެސް އަވަހަކަށް ބަލައި، ހައްލު ހޯދައިދިނުމަށެވެ.
އެނގުން މުހިންމު - ސަރުކާރުގެ ސްޓޫޑެންޓް ލޯނުގައި ފަންސާހަކަށް ދަރިވަރުން ބާސެލޯނާގައި ޕައިލެޓްކަން ކިޔަވަ އެވެ. އެ ދަރިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް ހިމަނައި މިދިޔަ މާޗު މަސްތެރޭ ހައިދަރަށް ސިޓީއެއް ފޮނުވާފައި ވެ އެވެ.
'ދައުރު'އާ އޭރު ވާހަކަ ދެއްކި ބައެއް ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ދަތިތަކަށް ހައްލެއް ނުލިބި ދިގުލައިގެންދާ ނަމަ ކިޔެވުން ހުއްޓާލައި، އެނބުރި ރާއްޖެ އަންނަން ޖެހިދާނެކަމެވެ.
މީގެ އިތުރުން ސަރުކާރުގެ ސްކޮލަޝިޕްގައި ޕައިލެޓްކަން ކިޔަވާ ބައެއް ދަރިވަރުންގެ ކޯހުގެ ފައިސާ ނުލިބޭކަން ޕައިލެޓްކަން ކިޔަވާ ސްކޫލުން ދަރިވަރުންނަށް އަންގާފައިވާ ކަމަށް ބުނެ ވެސް އެ ދަރިވަރުން އޭރު ކަންބޮޑުވުން ފާޅުކުރި އެވެ.
ކޯސް ފީ ނުދެއްކި ސްޕެއިންގައި ތިބި ޕައިލެޓް ދަރިވަރުންނަށް ހައްލު ހޯދައިދޭން އަނެއްކާވެސް މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ