ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުގެ ބިލް ތަސްދީގު ކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފި އެވެ.
މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ. ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި ގިނަ ކައުންސިލްތަކަކުން ވަނީ ދެކޮޅު ހަދާފަ އެވެ. 
ކައުންސިލްތަކުގެ މާލީކަންކަން ހަނިކުރާ ބިލް ފާސްކޮށްފައި ވަނީ ވެސް އިދިކޮޅު ޕާޓީތަކާއި ވަރަށް ގިނަ ކައުންސިލްތަކުން ދެކޮޅު ހަދަމުން ދަނިކޮށެވެ. ނަމަވެސް އެ ކަންކަމަށް ބެލުމެއް ނެތި މަޖިލީހުން ވަނީ ބިލް ފާސްކޮށްފަ އެވެ. މި ބިލް ފާސްކުރީ ވެސް ވަރަށް އަވަސް އަރުވާލައިގެންނެވެ.
ބިލަށް ކަންބޮޑުވުން އޮތްއިރު އެ ބިލަށް ހިޔާލާއި ކޮމެންޓް ހުށައަޅަން ދިނީވެސް 19 ވަރަކަށް ގަޑިއިރެވެ. 
ބިލާ ދެކޮޅަށް 80 ކައުންސިލަކުން ވަނީ ބަޔާން ނެރެފަ އެވެ. ކައުންސިލްތަކުން ވަނީ ގާނޫނަށް އެ ބަދަލުތައް ނުގެނައުމަށާއި އެ ގާނޫނު ތަސްދީގު ނުކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އެ އިސްލާހުތަކުން ކައުންސިލްތަކުގެ ބާރު ހަނިވެ ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ސަރުކާރަށް ނެގޭ ކަމަށް ކައުންސިލްތަކުން ބުނެ އެވެ.
މި ބިލާއި ދެކޮޅަށް އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. 
ނަމަވެސް މި ބިލުގައިވާ އިޞްލާޙްތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށާ، މިއީ އެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެންނެވި އިޞްލާޙްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ