ކްރިތީގެ ބްރޭންޑަށް ހީނުކުރާ ވަރުގެ ފައިދާއެއް
މިދިޔަ އާދީއްތަ ދުވަހު އުމުރުން 35 އަހަރު ފުރުނު ބޮލީވުޑް ބަތަލާ ކްރިތީ ސެނޮންގެ އުފަންދުވަހު އެކްޓަރަށް ލިބުނު އެންމެ ބޮޑު އުފަލަކީ އަމިއްލަ ސްކިންކެއާ ބްރޭންޑަށް ވިޔަފާރީގެ ގޮތުން ލިބުނު ކާމިޔާބީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ހަފުތާ ފެށުނީއްސުރެ ބަތަލާ ހަފުތާގެ ދުވަސްތައް ހޭދަކުރަމުން ދިޔައީ އުފަންދުވަހާ ގުޅިގެން އެކި ފަރާތްތަކުން ފޮނުވަމުންދިޔަ ހެޔޮ އެދުންތަކާ އެކު ކަމަށް ކްރިތީ ވަނީ ބުނެފައެވެ. ނަމަވެސް، ބަތަލާއަށް ލިބުނު އުފާވެރިކަން އެތައް ގުނައެއް އިތުރުވީ އަމިއްލަ ސްކިންކެއާ ބްރޭންޑަށް ލިބުނު އާމްދަނީގެ އަދަދު 400 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 48.19 މިލިއަން އެމެރިކާ ޑޮލަރު) ފަހަނައަޅާ ދިއުމުން ކަމަށް ކާމިޔާބު ބަތަލާ ވަނީ ބުނެފައެވެ. ކްރިތީގެ ބްރޭންޑު ތައާރަފުކުރުމަށް ފަހު އާއްމުންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާ އެކު ވޭތުވެދިޔަ ދެ އަހަރު ބަތަލާގެ ގިނަ ވަގުތު ހުސްކުރީ އެ ބްރޭންޑަށް ހެޔޮ ބަދަލުތަކެއް ގެނެސް ކަސްޓަމަރުންނަށް ވީހާ ވެސް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ކްރިތީ ވަނީ ބުނެފައެވެ. ބަތަލާ ކްރިތީ ސެނޮން އިޝްތިހާރެއްގެ ޝޫޓިންގްތެރޭ. މި އަހަރަކީ ކްރިތީގެ އަމިއްލަ ސްކިން ކެއަ އުފެއްދުމަށް އެންމެ ބޮޑު ފައިދާއެއްވި އަހަރު--ފޮޓޯ/ވެރައިޓީ މިދިޔަ އަހަރު ކްރިތީގެ ސްކިންކެއާ އުފެއްދުންތައް ބޭނުންކުރާ މީހުންގެ އަދަދު އެއް މިލިއަނަށް އަރާފައިވާއިރު މި އަހަރު މިހާތަނަށް އެ ބްރޭންޑު ބޭނުންކުރާ މީހުންގެ އަދަދު ވަނީ ހަތަރު މިލިއަނަށް އަރާފައެވެ. އިންޖިނިއަރިންގް ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ބަތަލާއަކީ ކުރިމަގުގައި ވިޔަފާރީގެ ދާއިރާގައި ވަރަށް އުޖާލާ މުސްތަގްބަލެއް އޮތް ފިލްމީ ތަރިއެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ކްރިތީގެ ބްރޭންޑުން ތައާރަފުކުރާ އުފެއްދުންތަކަކީ މުޅިން ވެސް ސައިންސް ފޯމިއުލާތަކަށް ބިނާކޮށް ޕްލާންޓް-ބޭސްޑް މާއްދާތައް އެކުލެވޭ ގޮތަށް އުފައްދާ ބާވަތްތައް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ބަތަލާވެފައިވަނީ ފިލްމު އިންޑަސްޓްރީގެ ބަތަލާއިންގެ ތެރެއިން އަމިއްލަ ބްރޭންޑެއް އެންމެ ކާމިޔާބު ކަމާއެކު ހިންގާ އެއް ފިލްމީ ތަރިއަށެވެ. ކްރިތީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނިން ގެނެސްދިން ފިލްމު "ދޯ ޕައްތީ"އިންނެވެ. ކްރިތީ އަންނަނީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ތެރޭ އިޝްޤް މޭ"ގައި މަސައްކަތް ކުރަމުންނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ