ބަލިވެ އުޅޭތީ ފައިނަލް މެޗު ދޫކޮށްލުމުން އަލްކަރާޒަށް ޗެމްޕިއަންކަން ބަލިވެ އުޅޭތީ ފައިނަލް މެޗު ދޫކޮށްލުމުން އަލްކަރާޒަށް ޗެމްޕިއަންކަން

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 19) - ސިންސިނާޓީ އޯޕަންގެ ފައިނަލު މެޗުގެ ވަކި ހިސާބަކުން ބަލި ހާލަތު ގޯސްވާތީ، އިޓަލީގެ ޖަނިކް ސިނާ މެޗު ދޫކޮށްލުމުން ސްޕެއިނުގެ ކާލޯސް އަލްކަރާޒަށް މުބާރާތުގެ ޗެމްޕިއަންކަން ލިބިއްޖެ އެވެ.
ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސިނާ އަށް ފައިނަލް މެޗުގައި ކުޅެވުނީ އެންމެ 23 މިނިޓެވެ. އެ އަށް ފަހު، އަމްޕަޔަރަށް އޭނާ އެންގީ ބަލި ހާލަތު ގޯސްވާތީވެ، މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއާ އެކު، އަމްޕަޔަރު ނިންމީ، އަލްކަރާޒް މޮޅުވީ ކަމަށެވެ.
މެޗު ކުރިއަށް ނުގެންދެވުނީތީވެ، ސިނާ ވަނީ ސަޕޯޓަރުންނާއި އޮފިޝަލުންގެ ކިބައިން މާފަށް އެދިފަ އެވެ.
"އަހަރެން ތި އެންމެންގެ ކިބައިން ވަރަށް މާފަށް އެދެން. އިއްޔެ އިން ފެށިގެން އަހަރެން މި އުޅެނީ ބަލިވެ، އުންމީދުކުރީ މިއަދު ކަންކަން ރަނގަޅުވާނެ ކަމަށް، އެކަމަކު އެ ގޮތަށް ދިމާވުމުގެ ބަދަލުގައި ހާލަތު ވީ އިތުރަށް ގޯސް،" ސިނާ ބުންޏެވެ.
މި މެޗަށް އަމިއްލަ ގިނަ ވަގުތުތަކެއް ދޫކޮށްލައިފައި، ގިނަ ބަޔަކު އަންނާނެ ކަމަށް ބެލެވޭ ކަމަށް ފާހަގަކޮށް، ސިނާ ވަނީ، އެ މީހުންގެ ވަގުތު ގެއްލުނީތީވެ އެކަމާ ހިތާމަކުރާ ކަމަށް ބުނެފަ އެވެ.
ސިނާ އުންމީދުކުރަނީ، ހަ ދުވަސް ފަހުން، ފަށާ ޔޫއެސް އޯޕަން މުބާރާތަށް އެއްކޮށް ފިޓްވެގެން، ތައްޔާރުވެ، އެ މުބާރާތުގެ ތަށި ދިފާއުކުރުމަށެވެ.
މިއީ، އަލްކަރާޒަށް ސިންސިނާޓީ އޯޕަން ތަށި ލިބުނު ފުރަތަމަ ފަހަރެވެ. އެކަމަކު، މެޗަށް ފަހު އަލްކަރާޒް ބުނީ މިއީ މި މެޗުން މޮޅުވާން އޭނާ އެދުނު ގޮތެއް ނޫން ކަމަށާއި ރަނގަޅު މެޗެއް ކުޅެގެން ކުރިއަށްދެވުުނު ނަމަ، މި ކާމިޔާބީގެ އަސްލު ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
މިއީ މި ފަހަރުގެ ޓެނިސް ސީޒަނުގައި މި ދެ ކުޅުންތެރިންގެ ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން، ފްރެންޗް އޯޕަން އާއި އިޓާލިއަން އޯޕަން އަދި، ސިންސިނާޓީ ފައިނަލުގައި، އަލްކަރާޒް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމް މުބާރާތް، ވިމްބަލްޑަން ފައިނަލުގައި ސިނާ ވަނީ ކުރިހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ