ޚަރަދު ބޮޑޭ ބުނުމަކީ ބަހަނާއެއް، އިންތިޚާބުތައް އެއްކުރަނީ ރައްޔިތެއް ކައިރިއަށް ދެން ނުދާން: މީކާއީލް

ޚަރަދު ބޮޑުވާތީ ކަމަށް ބުނެ، މި ސަރުކާރުން މައި އިންތިޚާބުތައް އެއްކޮށްލަން އުޅެނީ ރައްޔިތުން ކައިރިއަށް ދެން އިތުރަށް ދާން ނުޖެހޭނޭ ގޮތަށް ހަދަން ކަމަށާއި، އެއީ ލަދުވެތިކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ ބަހުސެވެ. އެ ބިލަށް ބަހުސްކުރައްވަމުން، މީކާއީލް ވިދާޅުވީ އިހު ޒަމާނުގައި ކަތީބުން ރަށްރަށަށް އަރާނީ ފަސް އަހަރުން އެއް ފަހަރު ކަމަށާއި މިހާރު ހުށަހަޅާފައި އޮތް ބިލަކީ އެ ސަގާފަތް އަލުން އިއާދަކުރުމަށް ހުށަހަޅާފައި އޮތް ބިލެއް ކަމަށެވެ. މިއަދު ސަރުކާރަށް ބޮޑު ކަމަކަށްވީ ރައްޔިތުންގެ ގާތަށް ދިއުން ކަމަށާއި، "ޚަރަދު ބޮޑޭ" ބުނެ އިންތިޚާބުތައް އެއްކުރަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކޮންމެހެން ކަންކަން ކުރަންނޫން ކަމަށް މީކާއީލް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީން ކުރި ބުރަ މަސައްކަތުން އެ ސަގާފަތް ބަދަލުކޮށް، ރައްޔިތުންގެ ގާތަށް ވެރިން ގޮސް، ރައްޔިތުންގެ އަޑުއަހައި، ވައުދުތައް ފުއްދައިދީ ހެދުމުގެ ސަގާފަތެއް އުފެއްދިކަން މީކާއިލް ފާހަގަކުރެއްވިއެވެ. ނަމަވެސް އަދުގެ ސަރުކާރުން އަނެއްކާވެސް އުޅެނީ އެ ސަގާފަތް ބަދަލުކުރަން ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ. އެގޮތުން އެ ބިލަކީ ޚަރަދުކުޑަކުރަން އަދި ރައްޔިތަކަށް ކަމެއް ފަސޭހަކޮށްދޭން ހުށަހެޅި ބިލެއް ނޫން ކަމަށާއި އެއީ ސަރުކާރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަންކަން ފަސޭހަކުރުމަށް ހުށަހަޅުއްވާފައި އޮތް ބިލެއް ކަމަށް މީކާއީލް ވިދާޅުވިއެވެ. އެއީ ރައްޔިތެއް ކައިރިއަށް ދެން ދާން ނުޖެހޭނޭ ގޮތަށް، ރައްޔިތަކު ކައިރީ ދެން އެއްޗެއް އަހާލަން ވެސް ނުޖެހޭ ގޮތަށް. އިއްޒަތްތެރި ރައީސް، އޭގެ ކުރިއާލާ މި ނިންމަނީ މި ބިލުން އަހަން ނުޖެހޭނޭ ކަމަށް. އިއްޒަތްތެރި ރައީސް، ހުރިހާ އިންތިޚާބެއް ވެސް އެއްކޮށްލަންވީ. މާ ފަސޭހަވާނެ. ކީއްކުރަންތޯ އިންތިޚާބެއް ބާއްވަންވީ ވެސް އިއްޒަތްތެރި ރައީސް. މާ އަގުހެޔޮ ވާނެ ނޫންތޯ؟ މާ ޚަރަދުކުޑަވާނެ ނޫންތޯ؟ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ މަޖިލީސް އިންތިޚާބު ނިމުންއިރު 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމުންއިރު 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. އެހެންވެ، އިންތިޚާބުތައް އެއްކޮށްލީމާ 120 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ހިސާބު ޖައްސަވައެވެ. މިހާރު ހުށަހަޅާފައި އޮތް ބިލުގައި ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާ، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ