ހެލްތު މިނިސްޓްރީން ވަނީ ބޭސް ވިއްކާ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ފީތައް ބޮޑުކޮށް، ބޭހާ ބެހޭ އާ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ފަށާފައިވަނީ މުއިއްޒު އަންގައިގެންނެވެ. ސިޔާސީ މުއައްޒަފުންނާއި، މުއިއްޒު ކުރާ ދަތުރުތަކަށް ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.
ބޭސް ވިއްކާ ކުންފުނިތަކުން ފާޅުކުރާ ކަންބޮޑުވުންތަކުގައި، މި އާ ގަވާއިދުގައި ބޭސް ރަޖިސްޓްރީ ކުރުމާއި އެނޫންވެސް ޚިދުމަތްތަކަށް “ދެކޮޅު ނުޖެހޭ” އަގުތަކެއް ކަނޑައަޅާފައިވާ ކަމަށް ބުނެއެވެ.
މި ގަވާއިދުގައި ބޭސް ރަޖިސްޓްރޭޝަން ސަބްމިޝަން، ބޭސް ރަޖިސްޓްރޭޝަން އަދި އަލުން ބޭސް ރަޖިސްޓްރީ ކުރުން ހިމެނޭގޮތަށް 17 ޚިދުމަތެއްގެ އަގު ބޮޑުކުރުމަށް ހުށަހަޅާފައިވެއެވެ. ވިޔަފާރިވެރިންގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ގަވާއިދު މިހާރު އޮތްގޮތަށް ގެޒެޓުކޮށްފިނަމަ، މިފަދަ ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދު 1096 ޕަސެންޓު އިތުރުވާނެއެވެ.
“މިހާރު އަޅުގަނޑުމެން މި ކަންކަމަށް ޚަރަދުކުރަނީ 69,000 ރުފިޔާ ވަރު. އެކަމަކު މި ގަވާއިދަށް ޢަމަލުކުރަން ފަށައިފިނަމަ، އަށް ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދެއް ޚަރަދުކުރަން ޖެހޭނެ,” މި ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިވެރިއެއް ނަން ހާމަނުކުރުމުގެ ޝަރުތުގައި ބުންޏެވެ.
ބޭހުގެ ފީތައް ބޮޑުކުރުމުގެ ގަވާއިދެއް އެކުލަވާލަމުންދާއިރު، މިހާރުވެސް ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ވަރަށް ބޮޑެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި މީގެ އެއް ސަބަބަކީ ބޭސް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާތައް މުއިއްޒު އައިސް ދަތިކޮށްފައި ހުރުމެވެ.
ރާއްޖޭގައި ބޭހެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާނަމަ، އެ ބޭހަކާބެހޭ ހުރިހާ ލިޔެކިޔުމެއް ސަރުކާރަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް، ރާއްޖެފަދަ ކުޑަ މާކެޓަކަށް ޓަކައި މި ހުރިހާ ލިޔެކިޔުމެއް ފޯރުކޮށްދިނުމަށް ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުން ޖެހިލުންވާކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ބޭސް ލިބުމުގެ ދަތިކަން ކުރިމަތިވާ އަނެއް ސަބަބަކީ، ބައެއް ބާވަތްތަކުގެ ބޭސް ވިއްކުމުގެ ހުއްދަ ހަމައެކަނި އެސްޓީއޯއަށް ދީފައި އޮތުމެވެ. އެސްޓީއޯއިން އިމްޕޯޓްކުރާ ބޭހުގެ މިންވަރު މާކެޓުގެ ޑިމާންޑާ އެއްވަރަށް ނުހުންނަކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ.
ބޭހުގެ އަގު މައްޗަށް ޖެހި، އާންމު ރައްޔިތުންނަށް އިތުރު ބުރައެއް އުފުލަންޖެހޭ ގޮތަށް މިފަދަ ގަވާއިދެއް ތަޢާރަފުކުރަނީ، “މެޑިކަލް މާފިއާ” އަށް ބޭހުގެ އަގު ބޮޑުކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ވިދާޅުވެ، ރައީސް މުޙައްމަދު މުޢިއްޒު ބޭސް ވިއްކާ ކުންފުނިތަކަށް ފާޑުކިޔުއްވުމަށްފަހުގައެވެ. ދިވެހިން ބޭހަށް ޖައްސައި، ބޭހުގެ އަގު ބޮޑު ކުރަމުން މިދަނީ މިހާރު މެޑިކަލް މާފިޔާއަކުންނެއް ނޫނެވެ. ސީދާ މުއިއްޒުއެވެ.
ބޭސް ނުލިބިގެން ބައެއް ފަރާތްތަކުން ދިގު މުއްދަތަށް ކަމުން ދިޔަ އެތައް ބޭހެއް ހުއްޓާލާފައި، މަރުވާނީ އިރާދަ ކުރެއްވި އިރަކުން ކަމަށް ބުނެ، ތިބި އެތައް ރައްޔިތަކު ހިތްދަތި ހާލުގައި އެބަތިއްބެވެ.
ރައްޔިތުން ބޭސް ނުލިބިގެން އުޅެނިކޮށް، ބޭހުގެ އަގު ބޮޑުވާހެން، %1096 ބޮޑު ފީ އެއް ނެގުމަށް މުއިއްޒު އަންގައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ