މާލޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ހިތްގައިމު އެއް ޕާކު ކަމަށްވާ ސަލްޓަން ޕާކު ތިން މަސްދުވަހަށް ބަންދު ކުރަން ނިންމައިފި އެވެ.
ސަލްޓަން ޕާކު ބަންދު ކުރަނީ މަރާމާތު ކުރުމަށްޓަކައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުންޏެވެ. ނަމަވެސް ކުރަނީ ކިހާ ވަރެއްގެ މަރާމާތެއް ކަމެއް މިނިސްޓްރީ އިން ނުބުނެ އެވެ.
މާލޭ ސިޓީ ކައުންސިލަށް ސަލްޓަން ޕާކު ނުބެލެހެއްޓޭ ކަމަށް ބުނެ ފެބްރުއަރީ، 2025، ގައި ސަރުކާރުން ވަނީ ޕާކާ ހަވާލުވެފަ އެވެ. ޕާކުގެ މަރާމާތް މާ ލަސްތަކެއްނުވެ ފެށޭނެ ކަމަށް އެއިރު ބުނެފައިވެ އެވެ.
ސަލްޓަން ޕާކު ނުބަލަހައްޓާތީ އެތަނުގެ ވަރަށް ގިނަ ތަންތަން ހުރީ ހަލާކުވެފަ އެވެ. ކުޑަކުދިންގެ ސްލައިޑު ކައިރީ ކުރިން ހުރި ބޮޑު އުނދޯލި ނެތްތާ ވެސް މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަދި އުސްގެކޮޅު ކައިރީ ހުރި އުނދޯއްޔެއް ވެސް މިހާރު ނެތެވެ.
ޕާކުގައި ހުރި ފެންއަރުވާ ވަޑާން ނުޖައްސާތާ ވެސް ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. ފެންއަރުވާވަޑާން މަތީގައި ހުންނަ ބޮޑު ސިޑިތަކަށް ވެސް މިހާރު ނޭރެ އެވެ.
ޕާކުގައި ހަނދުގެ ބައްޓަމަށް ދިއްލޭ ގޮތަށް ހަދާފައި ހުރި އުނދޯލިތަކުގެ ތެރެއިން ވެސް އުނދޯއްޔެއް ހުރީ ހަލާކުވެފަ އެވެ. އެކަމަކު އެންމެ ބޮޑަށް ހަލާކުވެފައި ކުޑަކުދިންނަށް އަރައިގެން މަޖާ ކުރެވޭ ގޮތަށް، ލިލީ މަގު ފަޅީގައި ހަދާފައި ހުރި ނެޓާއި އެ ސަރަހައްދުގައި ހުރި ތަކެއްޗެވެ.
ހަލާކުވި ގޮތަށް އެއްވެސް ގޮތަކަށް މަރާމާތު ނުކުރާ ކަމަށް ފާހަގަ ކުރެވެނީ ކުރިން ހައިވަރު މިސްކިތް ހުރި ތަނާ ދިމާލުގައި ހެދި ބޮޑު ސްލައިޑެވެ. ޕާކު އެއްކޮށް ބަދަލު ކުރުމަށްފަހު އޯގަސްޓު، 2017، ގައި ހުޅުވިތާ މާ ގިނަ ދުވަސްތަކެއްނުވެ އެތަން ބަންދު ކުރި އެވެ.
ސަލްޓަން ޕާކު މަރާމާތު ކުރަން ތިން މަސްދުވަހަށް ބަންދުކޮށްފި ސަލްޓަން ޕާކު މަރާމާތު ކުރަން ތިން މަސްދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ