ސުޕްރީމް ކޯޓުގެ އަމުރު ގާނޫނު އަސާސީއާ ހިލާފު ކަމަށް މަޖިލީހުން ނިންމައިފި

ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ ރިޕޯޓް ފާސްކޮށްފައިވަނީ، އެރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެރިޕޯޓަށް ހުށަހެޅުއްވި އިސްލާހާއެކުގަ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު (ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީއާއި ދައުލަތުގެ އިދާރާތުގެ މައްޗަށް ނެރުނު ވަގުތީ އަމުރު)، އެ އަމުރު އެއީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަން، މިރިޕޯޓުގައި ހިމެނުމަށް، އަޅުގަނޑު ހުށަހަޅަން،" ހަސަން ލަތީފް އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެއިސްލާހާއެކު ޖުޑިޝަރީ ކޮމެޓީގެ އެރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 64 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ނެފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައި ނުވާއިރު، ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ހަ މެމްބަރުން ތިއްބެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުން އެކޮމިޓީ އަށް ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވާފަ އެވެ. އަދި އެކޮމިޓީން ބައްދަލުވުންތައް ބޭއްވުމަށްފަހު، މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާފަ އެވެ. އެރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަަލްސާއަށް ހުށަހަޅުއްވައި ދެއްވީ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.
އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފަ އެވެ. އަދި ފަނޑިޔަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމާއި ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްކުރުމުގެ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޖުޑީޝަރީ އިސްލާހު ކުރުމުގެ ހުރިހާ ކަމަކަށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅުމާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ