އިސްލާމް ދީން ހުއްދަ ނުކުރާ ވާހަކަތައް ރާއްޖޭގައި ދެކެވިގެން ނުވާނެ: ހުތުބާ

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ވާހަކަތައް މި ދިވެހި އިސްލާމީ މުޖުތަމައުގައި ދެކެވިގެން ނުވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. މިއަދު ރާއްޖޭގެ މިސްކިތްތަކުން އިއްވި ހުތުބާ ބިނާކޮށްފައިވަނީ، "ބަދު އަހްލާގީ އަމަލުތަކަށް ގޮވާލުމާއި ފެތުރުމުގެ ނުބައިކަން" މި މަޟޫއުގެ މައްޗަށެވެ. ހުތުބާގައި ބުނެފައިވަނީ މިނިވަން ކަމަކީ ތިމާ ބޭނުން ގޮތަކަށް ބޭނުން އެއްޗެއް ބުނުމުގެ މިނިވަން ކަން އޮތުން ނޫން ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ހޯދުމުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ވާހަކަތައް ރާއްޖޭގައި ދެކެވިގެން ނުވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. "މިނިވަންކަމީ ފަހުރުވެރިކަމާ އެކު ވިހުރޭ ދިދައެއް ހެން އެއްކޮޅުން ނުހަނު ގަދަ އަށް ބަނދެ، މުޅި ދިދަ ހޫރުވެން ދޫކޮށްލާފައި ހުރުން،" މިނިވަންކަމުގެ ހުދޫދެއްގެ ތެރެއިން އޮންނަ ޖެހޭ ކަމަށް ބުނެ މިސާލު ޖައްސަވަމުން ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ، އިފަތްތެރި އަބުރުވެރި މުޖްތަމައުއެއް ބިނާ ކުރުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަށް އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އިސްލާމީ މުޖްތަމައުގައި ހުރުން އެކަށީގެން ނުވާ ކިތަންމެ ކަމެއް މިއަދު އަޅުގަނޑުމެންގެ މި އިސްލާމީ މުޖްތަމައުގައި ފެތުރެމުންދާ ކަމީ ހިތާމަ ހުރި ކަމެއް ކަމަށެވެ. "މިފަދަ ނުބައި ކަންކަމަށް ގޮވާލުމަކީ އިންސާނުންގެ ފިތުރަތާއި ޝަރީއަތުގެ ހުކުމްތަކާ ދެކޮޅަށް ނުކުމެ، ހިންގޭ ނުބައި ޖަރީމާއެއް ކަމުގައި މެނުވީ ނުވާނެ،" ހުތުބާގައި ބުނެފައިވެ އެވެ. ނުބައި ކަންކަމަށް ގޮވާލައި، ބާރުއަޅައި އުޅޭ މީހުންނާއި އެ ކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ މީހުންނަށް މާތްﷲ ގެ ކޯފާ އައުމަކީ މާ ދުރުގައިވާ ކަމެއް ނޫން ކަމަށްވެސް ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ، ބަޔަކު އިންސާނީ ހައްގަތަކުގެ ގޮތުގައި ކަނޑައަޅާ ކޮންމެ ހައްގަކީ އިންސާނީ ހައްގެ ނޫން ކަމަށާއި އެފަދަ ބައެއް ކަންކަމަކީ ފިކުރީ އަޅުވެތި ކަން ކަމަށެވެ. އަދި އިސްލާމް ދީނަކީ ފިތުރަތުގެ ދީން ކަމަށާއި އިސްލާމް ދީނުގައި އެއްވެސް ކަމެއް ފިތުރަތާ ހިލާފަށް ހުއްދަ ނުކުރެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ އެފަދަ ބައެއް ކަންކަމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ފާހިޝް އަމަލަކަށް އަރައިގަންނަ އަމަލުތަކެއް ކަމަށެވެ. އަދި ބައެއް ކަންކަމަކީ މުޅި އިންސާނީ ނަސްލު ފަނާ ކޮށްލާ ފަދަ އަނިޔާވެރި އަމަލުތަކެއް ކަމަށް ހުތުބާގައި ބުންޏެވެ. "އެއް ޖިންސުން ކައިވެނި ކުރުމާއި ގުޅުން ހިންގުމުގެ ނަތީޖާ އަކީ މުޅި އިންސާނީ ނަސްލު މި ހަސްތީން ފުހެވިގެން ދިޔުން،" ހުތުބާގައި ބުނީ ޖިންސީ އެދުންވެރިކަމުގައި ފިތުރަތާ ހިލާފުވި މީހުންގެ މައްޗަށް މާތްﷲ ފޮނުއްވި ގަދަފަދަ އަޒާބުގެ ވާހަކަ ޤުރުއާނުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ