ބީއެމްއެލްގެ ޑެޕިޔުޓީ ސީއީއޯގެ މައްސަލަ ތަޙުޤީޤު ކުރެވޭނެ: ރައީސް ނަޝީދު

ބޭންކްއޮފް މޯލްޑިވްސްގެ ޑެޕިޔުޓީ ސީއީއޯ މުޙައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އޮޅުވާލައްވައިފައިވާކަން މިހާރު އެނގިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަން އެނގިވަޑައިގެންނެވުމުން ޝަރީފްގެ މައްސަލަ ތަޙުޤީޤު ކޮށްދެއްވުމަށް އެދިވަޑައިގެން މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ހުށަހަޅާފައިވާ މައްސަލަ އަނބުރައި ގެނައުމުގެ ބަދަލުގައި އެމައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޝަރީފް އިތުރުފުޅު ހައްދާވާފައިވަނީ މިމަހު 16 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެހެންނަމަވެސް އެފަހުން މަޖިލީހަށް ޝަރީފް ފޮނުވާފައިވާ ސިޓީއަކާއި މާލިއްޔަތު ކޮމިޓީގެ އެދުވަހުގެ ޔައުމިއްޔާ ބެއްލެވިއިރު ޝަރީފް އިތުރުފުޅު ނުވަތަ އޮޅުވާލައްވާފައިވާކަން އެނގެން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޝަރީފު ފަހުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބައުންސް ޗެކަކަށްވާނެ ގޮތުގައި ވާހަކަ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މަރަދޫދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ތަކުރާރު ކޮށް ކުރެއްވި ސުވާލަށްވެސް ބީއެމްއެލްގެ ޑެޕިޔުޓީ ސީއީއޯ ޝަރީފް ތެދުބަހުން ޖަވާބު ދެއްވާފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުޙައްމަދު ޝަރީފް ފަހުން ވިދާޅުވެފައިވަނީ މާލިއްޔަތު ކޮމިޓީގައި އެދުވަހު ދެއްކެވި ވާހަކަތަކީ އޭރު ލިބިވަޑައިގެންފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާ ކުރައްވައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށެވެ.
މުޙައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީއަށް ދޮގު މަޢުލޫމާތު ދެއްވި މައްސަލައިގައި އޭނާގެ މައްޗަށް ތަޙުޤީޤު ހިންގުމަށް އެންމެފުރަތަމަ ވެސް ވަނީ ފުލުހަށް ހުށަހަޅުއްވައިފައެވެ. އެހެންނަމަވެސް  ޗެކްތަކަކާ ބެހޭ ތެދު މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެ އޭނާ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވުމުން އޭނާގެ މައްސަލަ އަނބުރައި ނަންގަވަން ވިސްނަވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމަނިކުފާނު މިއަދު މިނިންމެވީ އެމައްސަލަ ނުނަންގަވައި ކުރިއަށް ގެންދެވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ