ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ ބާތިލް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި

ސިވިލް ސާވިސްގައި ހިމެނޭ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައި އޮތް ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ ބާތިލް ކުރުމަށް ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ.
ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ ބާތިލް ކުރުމުގެ މައްސަލަ ހައި ކޯޓަށް ވައްދާފައި ވަނީ މުހައްމަދު ހާނިމެވެ. އޭނާ އެ މައްސަލަ ކޯޓަށް ވެއްދީ ޑީއާރްޕީގެ ކެމްޕޭނެއްގައި ބައިވެރިވުމުން އޭނާ ޔޫތު މިނިސްޓްރީގައި ހުންނެވި މަގާމުން ޑީމޯޓް ކުރުމުން، މީގެ އަހަރުތަކެއް ކުރިންނެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގައި ބުނެފައި ވަނީ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން އެއްވެސް ގައިދެއް ނެތި، މުތުލަގުކޮށް ލިބިދީފައިވާ ކަމަށެވެ. އެހެންނަމަވެސް ސިވިލް ސާވިސްގައި ހިމެނޭ އެއްވެސް މުވައްޒަފަކަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށް ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައި އޮތުމުން، ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ހ. އިން ލިބިދީފައިވާ ހައްގުން ސިވިލް ސާވިސްގެ މުވައްޒަފުން މުޅިން މަހްރޫމްކޮށް، އެ ހައްގުން އެ މީހުން މުޅިން ނިގުޅައިގެންފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ސިވިލް ސާވިސް ގާނޫނުގެ 53 ވަނަ މާއްދާ ބާތިލް ކުރުމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދު ކުރުމަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރައްވާ ކަމަށެވެ.
އެ މައްސަލަ ބައްލަވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންނާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އެ މައްސަލައިގައި ތަފާތު ރައުޔެއް ނެރުއްވާފައި ވަނީ ފަނޑިޔާރު މުއުތަސިމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ