ބަދުއަހްލާގީ ކުށް ސާބިތުވި ކުރީގެ ގާޒީ ހުކުމާ މެދު ހިތްހަމަނުޖެހިގެން އިސްތިއުނާފަށް

ކުރީގެ މަދަނީ ކޯޓުގެ ގާޒީ މުހައްމަދު ހިލްމީ އާއި އޭނާގެ އަނބިކަނބަލުން އާމިނަތު އަލީގެ މައްޗަށް އާންމު ތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުށުގެ އަދަބެއްގެ ގޮތުން ހަ މަސް ދުވަހަށް އަރުވާލަން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ގާނޫނީ އަދި ޝަރުއީ ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ ހުކުމް އިސްތިއުނާފަށް ހުށަހަޅަން ނިންމަވައިފި އެވެ.ހިލްމީ ފޮނުއްވި އީމެއިލްއެއްގައި ވިދާޅުވީ "މައްސަލައިގެ ހުކުމަށް ބަލާއިރު ދޭހަވަނީ ދަައުވާ ސާބިތުކުރުމަކީ ދަައުވާކުރާ ފަރާތުގެ ޒިންމާއެއް ނޫންކަމާއި ކުށުން ބަރީއަވުމަކީ ދައުވާލިބޭ ފަރާތުގެ ޒިންމާއެއް" ކަމަށެވެ. ހިލްމީ އާއި އާމިނަތުގެ ނަމުގައި ފޮނުއްވި މެއިލްގައި ވިދާޅުވެފައި ވަނީ މިއީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލާއި ހިލާފު ގޮތެއް ކަމަށެވެ."މީގެ އިތުރުން މުޅި މި މައްސަލާގައި ފުލުހުންގެ ހެކިބަހުގައި ހުރި ދެކޮޅުނުޖެހޭ ކަންކަމާއި، ކޯޓަށް ސިއްރުކުރަން ދައުލަތުން މަސައްކަތް ކުރި ހެއްކާއި ގަރީނާ އާއި އަދި އަޅުގަނޑުމެންގެ ފަރާތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކޮށްފައިނުވާ ކަންވެސް ފާހަގަކުރަމެވެ."ހިލްމީ ވިދާޅުވީ  މި މައްސަލާގައި މިއަދު ނިޔާ ކަނޑައެޅުއްވި ގާޒީ އަބްދު ﷲ ދީދީ އަކީ ހިލްމީ "ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުކަމުން ވަކިކުރެއްވުމަށް ޖުޑިޝަލް ސަވިސް ކޮމިޝަނުން ނިންމެވި އެ ކޮމިޝަނުގެ ވެސް މެންބަރެއް" ކަމަށެވެ. އެހެންވެ ކުރީގައި ނިންމެވި ނިންމެވުން ނަފީވާ ފަދަ ނިންމެވުމެއް، ފެންނަ ފެނުމުގައި މި މައްސަލާގައި ނިންމެވޭނެކަމާއި މެދު ސުވާލު އުފެދޭ ކަމަށް ހިލްމީ ވިދާޅުވެފައިވެ އެވެ. ހިލްމީ ވިދާޅުވީ އޭނާ ފަނޑިޔާރުކަމަށް އައްޔަންކުރީ އާ ޤާނޫނުއަސާސީގެ ދަށުން ކަމަށާއި އެ ގާނޫނުއަސާސީގެ ދަށުން  އައްޔަންކުރެވޭ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ ބާރު ޖުޑިޝަލް ސަވިސަސް ކޮމިޝަނަށް ލިބިގެން ވެސް ނުވާ ކަމާއި އެ ބާރު އޮތީ ރަައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.ހިލްމީ އާއި އާމިނަތުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 15 އެތިފަހަރުން ތައުޒީރު ކުރުމާއެކު ހަ މަސް ދުވަހަށް އަރުވާލުމަށެވެ. ނަމަވެސް ހުކުމް ތަންފީޒުކުރުން ވަނީ ތިން އަހަރަށް ފަސްކޮށްފަ އެވެ.ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ނޮވެމްބަރު 12، 2009 ވަނަ ދުވަހުގެ ރޭ 11:30 އެހާއިރު ހިލްމީ އާއި އައިމިނަތު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ކުނިގޮނޑުގެ އިރުމަތީ ފަރާތު ހޭޅިފަށުގައި ބައްދައިގެން ތިއްބާ ކަމަށެވެ. އަދި އެ ދެ މީހުން ދައުވާ އަށް އިންކާރުކުރި ނަމަވެސް ހައްޔަރުކުރި ވަގުތު ނަގާފައިވާ ފޮޓޯތަކާއި މަންޒަރު ދުށް ފުލުހުންގެ ހެކި ބަހުން ޝަރީއަތަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.މަދަނީ ކޯޓުގެ ގާޒީކަމާ ސެޕްޓެމްބަރު 21، 2008ގައި ހަވާލުވެވަޑައިގެންނެވި ހިލްމީ ހައްޔަރު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ އައިމިނަތު އަލީއާ ކައިވެނި ބައްލައިވައިގެންފަ އެވެ. އަދި މިހާރު އެދެމަފިރިންގެ ކުއްޖަކު ވެސް ހުރެ އެވެ. ހައްޔަރު ކުރިއިރު އައިމިނަތު އަލީ މަސައްކަތްކުރައްވަނީ ޕީޖީ އޮފީހުގަ އެވެ. ނަމަވެސް އޭރު ވަކާލާތު ކުރުމުގެ ހުއްދައެއް ނޯވެ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ހުއްދަ ހޯދައި، ބައެއް މައްސަލަތަކުގައި ވަކާލާތު ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ