ގއ. ވިލިނގިލިން ގާނޫނާއި ގަވާއިދާ ހިލާފަށް ބިމެއް ނަގައިގެން ސްލިޕްވޭއެއް ހަދައި އޭނާގެ ބޯޓު އެހެލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ކޯޓުން އަމުރުކުރުމުން ގާޒީ އަށް ބިރުދައްކައި މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.
ވިލިނގިލީ ހުޅަނގު ދެކުނު ސަރަހައްދުން ކައުންސިލްގެ ހުއްދަ ނެތި އެ ރަށު އިރުމަތީއާގޭ، ޝުހޫދު އަހްމަދު، ބިމެއް ނެގި މައްސަލަ ކޯޓަށް އިއްޔެ ވައްދާފައިވަނީ ކައުންސިލުންނެވެ. އެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ބެލުމަށް ފަހު، ބޯޓު އެހެލުމުގެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އޭނާގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. އަދި އެ ގޮތަށް އަމަލުނުކޮށްފި ނަމަ ތަނުގެ މަސްލަހަތު ހިފެހެއްޓުމަށް އެ އަމުރު ތަންފީޒުކޮށްދިނުމަށް ފުލުހުންނަށް ވެސް އަމުރުކޮށްފައިވެ އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސައިން ވިދާޅުވީ އެ މައްސަލަ ކުރިއަށްގެންދިޔަ ގާޒީ އަށް އިންޒާރު ދީފައިވަނީ ކޯޓު ބަންދުކުރަން އުޅެނިކޮށް ކަމަށެވެ. އެ އިންޒާރާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ކޯޓުން އަމުރުނެރުމުން ފުލުހުން ރޭގެ ވަގުތެއްގައި ޝުހޫދު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުލުސް އޮފީހުން ވެސް އެކަން ކަށަވަރުކޮށްދިނެވެ.
ވިލިނގިލީގައި، ޔުޓިލިޓީ ކުންފުނީގެ ތެޔޮ ތާނގީ ބެހެއްޓުމަށް ދޫކުރަން ނިންމާފައިވާ ބިމުގައި ކޮންކްރީޓުން ސްލިޕްވޭއެއް ހަދައި، ބޯޓު އެހެލާ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ތަކުރާރުކޮށް އެކަން ހުއްޓުމަށް ޝުހޫދަށް އެންގުމުން ވެސް އަމަލުނުކޮށްގެން ކަމަށް ކައުންސިލުން ބުންޏެވެ.
ސްލިޕްވޭ މައްސަލާގައި ހުކުމް އިއްވި ގާޒީ އަށް މަރުގެ އިންޒާރު ދިނުމުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ