އަޅުގަނޑާއި ދުންޔާ، އުމަރު ނަސީރާ އެއްކޮޅަށް ވޯޓު ދިނީ ބައްޕަގެ އިރުޝާދެއް ލިބިގެނެއް ނޫން: ޣައްސާން

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ މައްސަލަ ބެލުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވުމުގައި އުމަރާ އެއްކޮޅަށް ތިއްބެވީ އެއްވެސް ގޮތަކުން ޕާޓީގެ ޒައީމް އަދި އެ ދެ ބޭފުޅުންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫންގެ އެއްވެސް އިރުޝާދެއް ލިބިވަޑައިގެން ނޫން ކަމަށް އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި ޣައްސާންގެ އިތުރުން ރައީސް މައުމޫންގެ ދަރިކަނބަލުން އަދި އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫން ވެސް އުމަރު ނަސީރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވުމަށް ވޯޓެއް ނުދެއްވަ އެވެ.
"އަޅުގަނޑު އުމަރާ ދެކޮޅަށް ވޯޓު ނުދިނީ އަޅުގަނޑު ގަބޫލެއް ނުކުރަން ޕާޓީގެ އަސާސީ ގަވާއިދު އޮތް ގޮތުން ޕާޓީގެ އެ ފެންވަރުގެ ބޭފުޅުންގެ މައްސަލަތައް ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވިދާނެ ކަމަކަށް. އެ ފަދަ ބޭފުޅުންގެ މައްސަލަތައް ބެލުމުގައި ވަކި ހަމަތަކެއް އޮންނާނެ އަސާސީ ގަވާއިދުގައި. އެ ހަމަތަކުން ދިޔަނަމަ އަޅުގަނޑު ތާއީދުކުރީސް،" ޣައްސާން ވިދާޅުވި އެވެ. "އަޅުގަނޑު އަމަލުކުރީ އަޅުގަނޑަށް ފެންނަ ގޮތަކަށް. ދުންޔާ ވެސް އަމަލުކުރެއްވީ އަމިއްލަ އަށް ފެނިވަޑައިގެންނެވި ސިޔާސީ ވިސްނުމެއްގައި. މި ކަންތައްތަކުގައި ބައްޕަގެ އެއްވެސް އިރުޝާދެއް ނެތް. ވަކި ގޮތަކަށް ވޯޓު ދެއްވުމަށް ބައްޕަ އެއްވެސް ވަރަކަށް ވިދާޅުވެފައި ނެތް."
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށާއި ޑީއާރުޕީ އަށް ފައިދާވާ ކޮންމެ ކަމަކަށް ބައްޕާފުޅު ތާއީދުކުރައްވާނެ ކަމަށެވެ.
އުމަރު ނަސީރުގެ މައްސަލަ ބެލުމަށް ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވުމަށް ނެގި ވޯޓުގައި އޭނާއާ ދެކޮޅަށް 16 ބޭފުޅަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ 11 ބޭފުޅަކު ތިއްބެވި އެވެ.
އުމަރު ނަސީރު ޑީއާރުޕީއާ ގުޅިވަޑައިގަތީއްސުރެ އާންމުކޮށް ރައީސް މައުމޫންގެ ބައެއް ބޭފުޅުން އުމަރުގެ ފަހަތްޕުޅުން ނުވަތަ އޭނާ އަށް އެކި ކަންކަމުގައި ތާއީދުކުރައްވަމުން ގެންދަވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ