ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ކަމަށް ބުނާ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ހަޔާ ކުރި ލޯ ފާމެއް ކަމަށްވާ ގްރާންޓް ތޯންޓަން އަށް ސަރުކާރުން 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 154.2 މިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަން ހާމަވެއްޖެ އެވެ.
ސަން އޮންލައިންއަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ސަރުކާރުން އެ މައްސަލައިގައި ހޯދާފައިވާ ގާނޫނީ ލަފަޔަށް ބިލު ފޮނުވާފައި ވަނީ މިދިޔަ ހަފުތާތެރޭގަ އެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލް ދެއްވަމުން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުގެ އެސެޓް ރިކަވަރީގެ މައްސަލަތަކެއް ބެލުމަށް 2010 އަކާއި 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރުވާފައިވާ މަސައްކަތްތަކަށް 4.6 މިލިއަން ޕައުންޑްގެ ބިލަކާއި 358،000 ޑޮލަރުގެ ބިލެއް ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތްތަކުގެ ރިޕޯޓު ވެސް އެ ފަރާތުން އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
"އެހެންކަމަށް ވަންޏާ އަޅުގަނޑުމެންނަށް މި ދެއްކެނީ 8 މިލިއަން ނޫނީ 10 މިލިއަން ޑޮލަރުގެ ވާހަކަ، މިއީ ގްރާންޑް ތޯންޓަންއާ ހަވާލުކޮށްގެން ރާއްޖޭގެ އެސެޓް ރިކަވަރީ، ނޫނީ ކުރީގެ ސަރުކާރުން ކޮށްފައި ހުރި ހިޔާނާތުގެ ކަންކަން ތަހުގީގު ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުން މިހާތަނަށް ސަރުކާރަށް ފޮނުވާފައިވާ އިންވޮއިސް، އަދި އެ ފަރާތުގެ ރިޕޯޓެއް ސަރުކާރަކަށް ނުލިބޭ، މިއީ މިހާހިސާބަށް އެކި ސަރުކާރުތަކުން ކޮށްފައި ހުރި އެކި މަސައްކަތްތައް،" އާޒިމާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ގްރާންޑް އެންޑް ތޯންޓަންއަށް އެ މަސައްކަތް ހަވާލުކުރި ކަމުގެ ލިޔެކިޔުންތައް ވެސް ސަރުކާރުގެ ހަމަޔަކަށް ފެންނާކަށްނެތެވެ. ކުރީގެ ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ އެ ކުންފުންޏާއި ހަވާލުކުރި ބައެއް މަސައްކަތްތަކުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ގްރާންޑް އެންޑް ތޯންޓަންއަށް 415 މިލިއަނަށް ރުފިޔާ ދައްކަން ޖެހިފައިވާކަން ހާމަވިއިރު އިނގިރޭސި ވިލާތުގެ ކުރީގެ އެޓާނީ ޖެނެރަލެއް ކަމަށްވާ ބެރޮނެސް ސްކޮޓްލެންޑަށް މިހާރުގެ ސަރުކާރުން ދެ ހަފްތާގެ މަސައްކަތަކަށް 75000 ޕައުންޑް (1.8 މިލިއަން ރުފިޔާ) ހަރަދުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ ކަމަނާގެ ލަފާ ހޯދާފައި ވަނީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނާފައިވާތީ އެ މައްސަލައިގައި ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.
މައުމޫން ސަރުކާރުގެ ހިޔާނާތްތައް ކަމަށް ބުނާ މައްސަލަތަކުގައި ގާނޫނީ ލަފާ ހޯދި ކުންފުންޏަށް 10 މިލިއަން ޑޮލަރު ދޭން ޖެހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ