ރާއްޖެ އަށް މަލްޓިޕާޓީ ޑިމޮކްރަސީއައުމާ އެކު ތައާރަފްވި އެއްކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދޮގު ހެދުން "އޯކޭ" ވުމެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ވެރިން ހައްދަވާ ކޮންމެ ދޮގަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އެބޭފުޅުންނަށް ތާއީދު ކުރާ މީހުން ބުނާނީ އެއީ "ސިޔާސީ ގޮތުން ދެއްކި ވާހަކައެއް" ކަމަށާއި އެހެންވީމާ "އޯކޭ" ކަމަށެވެ.
ރައްޔިތުންގެ މި "އޯކޭ" ވުމުގެ ފައިދާ ސިޔާސީ ވެރިން ގެންދަވަނީ ފުރިހަމައަށް ނަންގަވަމުންނެވެ. އެގޮތުން އެބޭފުޅުން އެހިނދަކަށް ދައްކަވަނީ އެހިނދެއްގައި ކުރައްވަން ބޭނުންފުޅުވާ ކަމެއް ކުރައްވަން މަގުކޮއްޓަވާނެ ވާހަކަ ފުޅެކެވެ. ފަހުން އެއާ ދިމާ އިދިކޮޅަށް އަމަލުކުރައްވަން ޖެހިވަޑައިގެންނެވިވަސް އެއްވެސް މައްސަލައެއް ނޯންނާނެ ކަން ކަށަވަރު ކުރައްވައިގެންނެވެ.
ސިޔާސީ ވެރިންގެ ތެރެއިން މިގޮތުން އެންމެ ފާހަގަކޮށްލެވޭ ފަދަ ވާހަކަފުޅުތަކެއް ދައްކަވާފައި ދެބޭފުޅުންނަކީ ކުރީގެ ދެރައީސުން ކަމަށްވާ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބުން ރައީސް މައުމޫނު ބަލިވެވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޕާޓީގެ ލީޑަޝިޕް އެމަނިކުފާނުގެ ނައިބު އަހުމަދު ތަސްމީނު އަލީއާ ހަވާލުކުރެއްވި އެވެ. އެއަށް ފަހު ވިދާޅުވީ "ސިޔާސީ ކަންތައްތަކުން ދުރަށް ވަޑައިގެންނެވީ" ކަމަށެވެ.
ނަމަވެސް ހަމަ ދާދި އަވަހަށް އެމަނިކުފާނު އެވަނީ އަލުން ސިޔާސީ ހަރަކާތްތަކަށް އެނބުރި ވަޑައިގެން އާ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ. އެގޮތުން އޭރު އެމަނިކުފާނު ވިދާޅުވި ވާހަކަފުޅު އެވަނީ ސިޔާސީ ގޮތުން ދެއްކެވި ވާހަކަފުޅަކަށްވެ، "އޯކޭ" ކަމަކަށް ވެގެން ގޮސްފަ އެވެ. އެމަނިކުފާނުގެ ފަހަތްޕުޅުން ޑީއާރުޕީގެ އެތައް އާއްމު މެމްބަރުންނެއް ގޮސްފައި އެވަނީ އެހެންވެ އެވެ.
ރައީސް ނަޝީދު ދައްކަވާ އެފަދަ ވާހަކަތައް ވެސް ގިނަ އެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕޭނު ކުރައްވަމުން ގެންދެވި އިރު އެމަނިކުފާނު ވިދާޅުވީ "އިންތިހާބުގައި މައުމޫނަށް 2000 ވޯޓް ލިބުނަސް ދެން ސިޔާސީ އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެ" ކަމަށެވެ. ނަމަވެސް އެއިންތިހާބުގައި ރައީސް މައުމޫނަށް 80،000 އަށް ވުރެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ފަހުން ވެސް ރައީސް ނަޝީދު އަވަދިނެތި އުޅުއްވަނީ ސިޔާސީ ހަރަކާތްތަކުގަ އެވެ.
ރައީސް ނަޝީދު އެންމެ ފަހުން ދެއްކެވި އެފަދަ ވާހަކަފުޅަކީ "ރައީސް ވަހީދަށް 10،000 ވޯޓް ލިބިވަޑައިގެންނެވިޔަސް ސިޔާސީ ކަންތައްތައް އެނގިވަޑައި ނުގަންނަވަނީ ކަމަށް އަމިއްލަ ފުޅަށް ގަބޫލުކުރައްވާނެ" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.
"ބަޣާވާތް ކުރި ހުރިހާ ބޭފުޅުން އެއްބައިވިއަސް ރައީސް ވަހީދަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެއްވޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ ކިތަންމެ ބޮޑު ކޯލިޝަނެއްގެ ތެރެއިން ވަޑައިގެންނެވި ނަމަވެސް. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި 10،000 ވޯޓު ލިބިވަޑައިގަތަސް އަޅުގަނޑަށް ސިޔާސީ ކަންކަން ނޭނގެނީ ކަމަށް ގަބޫލުކުރާނަން،" ދާދިފަހުން ސަންއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ނޫނަސް ސިޔާސީ ގިނަ ވެރިން ގެންދަވަނީ ތަކުރާރުކޮށް މިފަދަ ވާހަކަފުޅުތައް ދައްކަވަމުންނެވެ. އެއްދުވަހު އެއްޕާޓީގައި އަނެއް ދުވަހު އަނެއް ޕާޓީގައި ތިއްބަވައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ދައްކަވަނީ ހަމަ އެފަދަ ވާހަކަ ތަކެވެ.
އެބޭފުޅުން ދައްކަވަމުން ގެންދަވާ އެފަދަ ވާހަކަތަކުން ފެންނަ އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގެ ރައްޔިތުންނަކީ އެބޭފުޅުން ޖައްސަވާހާ ބެރަކަށް ގުނބޯތަކެއް ހެން ނަށާނެ ބައެއް ކަމަށް އެބޭފުޅުން ގަބޫލުކުރައްވާ ކަމެވެ. މީހުންގެ ހަނދާން ހުންނަނީ ކުރު މުއްދަކަށް ކަމަށްވާތީ އެކަމުގެ ފައިދާ އެބޭފުޅުން ނަންގަވާކަމެވެ.
ސިޔާސީ ވެރިން ކުރަން އޮތް ކަމަކީ ރައްޔިތުން ގުނބޯހެއްދުންތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ