ރައީސް މައުމޫނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ގާނޫނާ ޚިލާފަށް ބަންދުކުރިތާ 50 ދުވަސްވީއިރު ވެސް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނާ ޚިލާފަށް، ފާރިސްއާ ދޭތެރޭ އަމަލުކުރަމުންދާ ގޮތް ބަލައިނުގަނެވޭ ކަމަށެވެ. އަދި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ހައި ކޯޓުން ނިންމާލިތާ 27 ދުވަސް ވެފައިވާ އިރު އެ މައްސަލައިގެ ހުކުމް އިއްވުން ލަސްވާ މައްސަލަވެސް މައުމޫން ފާހަގަކޮށްފައިވެއެވެ.
ފާރިސް ބަންދުކޮށްފައި ވަނީ އެއްވެސް ހެއްކެއް އަދި ގަރީއާއެއް ނެތި ޤާނޫނާއި ޙިލާފަށް ކަމަށާއި އެކަމާ މެދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ރައްޔިތުންގެ މަޖިލީހުން ވެސް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށް ރައީސް މައުމުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުގައި ފާރިސް ހުށަހެޅުއްވި އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން މިދިޔަ މަހުގެ 20 ގައި ބާއްވަން ނިންމުމަށް ފަހު ކުއްލި ގޮތަކަށް ކެންސަލްކުރީ ޖާއިޒު އެއްވެސް ސަބަބެއް ނެތި ކަމަށެވެ.
ފާރިސް ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ލަސްވާތީ ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ. ރިޝްވަތުގެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެއެވެ.
ޤާނޫނާއި ޙިލާފަށް ހައްޔަރުކުރިތާ 50 ދުވަސް ވީއިރުވެސް ފާރިސް އަށް އިންސާފު ނުލިބޭ : ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ