ބޭސްފަރުވާއަށް ގާސިމް ބޭރަށް ފުރޭނެގޮތް އަވަސްކޮށްދިނުމަށް އިދިކޮޅު ޕާޓީތަކުން ގޮވާލައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލާ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވީ އެނެމް އަވަހަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭނެ މަގު ފަހިކޮށްދިނުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ގޮވާލައިފިއެވެ. ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ހުކުމްގައި ސާފުކޮށް އެމަނިކުފާނަށް ބޭނުންވާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭނެ މަގު ފަހިކޮށްދުނުމަށް އަމުރުކޮށްފައިވާ ކަމަށާއި އެހެން ކަމުން ލަސްނުކުށް އެ އަމުރަށް ތަބާވުމަށް ކަމަބޭހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. "އެބޭފުޅުން ގާސިމް އިބްރާހިމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް ކޮށްފި ކަމަށް ގަބޫލުކުރައްވާ ނަމަ އެހުކުމްގައި އެންމެ ފަހުން އަންނަ ސިއްހީ ކަންކަމަށް އެދޭން ޖެހޭ އެއްބާރުލުން ދީ ރާއްޖެއިން ބޭރުން ބޭސްފަރުވާ އަށް ފުރުވުމަށް އެއްބާރުލުން ދީ އެކަންކަމަށް މަގުފަހިކޮށްދޭން ޖެހޭ،" އޭނާ ވިދާޅުވިއެވެ. މަހްލޫފް ވިދާޅުވީ ގާސިމަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ކޮމިޝަނާ އޮފް ޕްރިޒަން އާއި ހޯމް މިނިސްޓަރު ނަންގަވަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކޮންމެ ވެސް ދުވަހަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. ގާސިމްގެ ސިއްހީ ހާލާގުޅޭ ގޮތުން މަހްލޫފް ވިދާޅުވީ އޭޑީކޭ އިން ގާސިމްގެ ބޭސްފަރުވާއަށް ބޭރަށް ދިއުމަށް ލަފާދިނުމަށް ސަރުކާރުން މީގެ ކުރިން ވަނީ ސުވާލު އުފައްދާފައި ކަމަށާއި ނަމަވެސް މިހާރު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން އެމަނިކުފާނަށް އިތުރު ފަރުވާ ނުލިބެއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބުނުމުން ގާސިމްގެ ސިއްހީ ހާލައި މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށެވެ. ގާސިމަށް މިވަގުތު ބޭސްފަރުވާއަށް ބޭރަށް ނުދެވި ލަސްވަމުން ދަނީ ކަރެކްޝަނުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ނުކުރެވިގެން ކަމަށް މަހްލޫފް ތުހުމަތު ކުރެއްވިއެވެ. ރިޝްވަތު ދިނުމަށް ހެށެހެޅި ކަމުގެ ކުށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޣައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ގާސިމް އިބްރާހިމަށް ބޭސްފަރުވާއަށް ދެވޭނީ ކަރެކްޝަންގެ މެޑިކަލް ބޯޑުން ހުއްދަ ދިނުމުން ކަމަށް އެސާވިސް އިން މިއަދު ވަނީ ބުނެފައެވެ. ގާސިމް ޖަލަށްލުމަށް ކުރި ހުކުމްގައި ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް ހަމޖައްސައިދޭންޖެހޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ