ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށް ބޭރު ކުންފުންޏަކާ ހަވާލުކުރަނީ

މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށްޓަކާ މިހާރު އޮތް ކަރަންޓް ސިސްޓަމާ ގުޅޭ ދިރާސާއެއް ހެދުމަށް ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މާލެއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ކޭބަލަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޮޑު ދެ ޖަނަރޭޓަރު ނިވި މާލޭގެ ބޮޑު ބަޔަކު ރޭ 11:15 ހާއިރު ވަނީ ކަރަންޓް ކެނޑިގެން ގޮސްފައެވެ. އެ މައްސަލަ ހައްލުކޮށް ކަރަންޓް އަނބުރާ ދީފައި ވަނީ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުންނެވެ. ރޭ ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ، މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރަން މިހާރު މާލޭގައި އޮތް ކަރަންޓް ސިސްޓަމްގެ ދިރާސާއެއް ހަދަން ރާއްޖޭން ބޭރުގެ ކުންފުންޏަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. "މާލޭގެ ބޮޑު ބަޔަކަށް އިފްކެޓް ކުރަމުން އަންނާތީ މާލޭގައި މިހާރު އޮތް ސިސްޓަމާއި މާލޭގެ ޕަވާރ ސިސްޓަމްގެ ވަރަށް ބޮޑު ދިސާރާއެއް ހެދުމަށް ބޭރުގެ ބޮޑު ކުންފުންޏަކާ ވާހަކަދެކެވި އަގުތަކާ އެއްޗެހި ހޯދިފައިވަނީ،" ނާޝިދު ވިދާޅުވިއެވެ. މާލޭގައި މިހާރު ބޭނުން ކުރަމުންދާ ސިސްޓަމަކީ ގިނަ ދުވަސްވެފައިވާ ސިސްޓަމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ، މިހާރު މާލެއިން ކަރަންޓް ކެނޑުނު ނަމަވެސް އެކަން ހައްލުކުރަން ޖެހެނީ އިންޖިނިއަރުން އެތަންތަނަށް ގޮސްގެން ކަަމަށެވެ. އަދި އެކަމަށް ވަގުތު ނަގާއިރު ސިސްޓަމްތައް އޮޓޮމޭޓް ކުރަން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ސްޓެލްކޯގައި މިހާރު ހުރީ ވަގުތުން ލައިވްކޮށް ނެޓްވޯކް ފެންނަ ގޮތަށް ހުންނަ ސިސްޓަމެއް ނޫން. އެހެން ގައުމުތަކުގައި ކޭބަލް ސެކްޝަނެއް ހަލާކުވެއްޖެނަމަ ސިސްޓަމަކުން ފެންނަ އިންނާނެ މި ސެކްޝަނޭ ފޯލްޓީ. މިހާރު މިޖެހެނީ ފިޒިކަލީ ތަންތަނަށް ގޮސްގެން އިންޖިނިއަރުން ފޮނުވައިގެން ބަލައިގެން ރަނގަޅު ކުރަން،" ނާޝިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސްޓެލްކޯއަކީ ހަރަދު ދެކޮޅު ޖެއްސޭ ކުންފުންޏެއް ނޫން ނަމަވެސް ސްޓެލްކޯއަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ މި ކުރަނީ ކަރަންޓް އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ސިސްޓަމްގައި ހުރި މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާތަކަށް ބަލައި މިހާރު ބޭނުން ކުރަމުންދާ ސިސްޓަމް ރީ ޑަޒައިން ކުރުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. އަދި މާލެ-ހުޅުމާލެ އިންޓަ ކަނެޓް ޕްރޮޖެކްޓު އަދި ހުޅުމާލޭގައި ބަހައްޓާ 50 މެގަވޮޓްގެ ޕަވާ ޕްލާންޓުގެ ސަބަބުން މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ