ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ރައީސް މައުމޫން އޭސީސީ އަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގެ އާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތަޙްޤީޤަށް ކަމަށެވެ.
ދެހާސް ހަތްވަނަ އަހަރާއި 2008 އަހަރުގެ ތީމުގޭގެ އޮޑިޓް ރިޕޯޓްގައިވާ ކަންކަން ފުރަތަމަ ތަހުގީގުކޮށްފައިވަނީ 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުންނެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ނިމި، އޭގެ ފަހުން އައި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ރިޔާސީ ކޮމިޝަން އުވާލާފަ އެވެ. އޭގެ ފަހުން މި މައްސަލައިގެ ތަހުގީގު އޮތީ މަޑުޖެހިފައެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ، އޮޑިޓް ރިޕޯޓްތަކުގައި ފާހަގަވެފައިވާ ރައީސް މައުމޫންގެ ސަރުކާރުގައި ހިންގަވާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި މައުމޫން އާ ސުވާލު ކުރަން ޖެހޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
އަދި މި އީދު ބަންދަށް ފަހު މައުމޫން އޭސީސީ އަށް ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
މައުމޫނު އޭސީސީއަށް ހާޒިރުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ