ގަޒީރާގެ އެއްބަސްވުން ބާތިލްކަމަށް ސިވިލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފްކޮށްފި

ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ޓޫރިސްޓް ރިސޯޓެއް ހެދުމަށް ދޫކޮށްފައިވާ ގދ. ގަޒީރާގެ އެއްބަސްވުން ބާތިލުކޮށް ޓޫރިޒަމް މިނިސްޓްރީން އެންގި އެންގުން ސިވިލް ކޯޓުން ބާތިލްކުރި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ހައިކޯޓަށް މި މައްސަލަ ބަލައިގަނެ މިމަހުގެ ތިންވަނަ ދުވަހު ވަނީ ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީކޮށްފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ގަޒީރާގެ އެއްބަސްވުން ބާތިލް ކުރިކަން އަންގައި ޓޫރިޒަމް މިނިސްޓްރީން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ފޮނުވި ސިޓީ އަކީ އެރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް އަންގާފައިވާ އެންގުމެއް ކަމަށެވެ.
އެގޮތުން އެ އެންގުމަކީ އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރިމެންޓާ ހިލާފު ބާތިލް އެންގުމެއް ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމެންޑެޑް އެންޑް ރީސްޓޭޓެޑް ލީސް އެގްރިމެންޓާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށް އަންގައި އަމުރުކުރާ ކަމަަށްވެސް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވެ އެވެ.
ގަޒީރާ ޕްރައިވެޓް ލިމިޓެޑުން ގަޒީރާގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ގަޒީރާގެ އެއްބަސްވުން ބާތިލްކުރިކަން ގަޒީރާއަށް އެންގީ 5 ފެބްރުއަރީ 2015 ގައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ