އެމްސީ ހަމީދުގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ގޮތެއް ނިންމާނެ

ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކް ކުރި މައްސަލައިގައި، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ މިއަދު ސްޕްރީމް ކޯޓުން ނިންމާނެއެވެ.
އައު ސަރުކާރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށް އަޑު ފެތުރިފައިވާ މުހައްމަދު ހަމީދު (އެމްސީ) ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްބުނެ އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވޭތުވެދިޔަ ހަފްތާގައި ނިމިފައިވާއިރު، މައްސަލައިގައި ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:00 ގައެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުންވެސް ވިދާޅުވެފައިވަނީ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާގެ މަޤާމުން މުހައްމަދު ހަމީދު ވަކިކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. ދައުލަތުން ސްޕްރީމް ކޯޓުގައި ވިދާޅުވީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާވެސް ޚިލާފަށް ކަމަށާއި، އޭރު ފުލުހުން އަމަލުކޮށްފައިވާ ގޮތުން ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) އިން ލިބިދޭ މަސައްކަތް ކުރުމުގެ ހައްޤަށް އުނިކަން އަންނަ ކަމަށެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަހުބަސް ވިދާޅުވުމަށް ދެއްވި ފުރުޞަތުގައި ހަމީދުގެ ވަކީލު ސިރާޖު ވަނީ އިތުރު ކަންތައްތަކަކަށް ސްޕްރީމް ކޯޓުގައި އެދިފައެވެ. ހަމީދު އެދިލެއްވީ ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ދެއްވާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހަމީދަށް ދިނުމަށް އަމުރު ކޮށްދިނުމަށާއި، އޭރު ހުންނެވި ވަޒީފާ ނުވަތަ އެއާ އެއްފެންވަރެއްގެ ވަޒީފާއެއް ހަމަޖައްސަވައިދެއްވުމަށެވެ.
މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. މި މައްސަލައިގައި މިއަދު ހުކުމް އިއްވަން ތާވަލުކުރިއިރު ސްޕްރީމް ކޯޓު މިވަގުތު އޮތީ ރިސެސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ