އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހުޅުވާލައިފި އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 7 އިން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިގެންނެވެ.
މީގެ ތެރެއިން 12 އަހަރުން ދަށުގެ ބައިގައި ކުރިއަށްދާނީ ހަމައެކަނި އަމިއްލަ އިވެންޓެވެ. އަނެއް ތިން އުމުރުފުރާގައި އަމިއްލަ އިވެންޓުގެ އިތުރުން ޓީމު އިވެންޓުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުބާރާތުގެ ޓީމު އިވެންޓުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައެޅުމަށްފަހު، އެ މީހެއްގެ ނަން، މަގާމު އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތަށް އަންނަ ފެބްރުއަރީ މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެއެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިއަހަރުގެ މުބާރާތް މާޗު މަހު ބާއްވާއިރު، މިދިޔަ އަހަރު މިމުބާރާތުގައި 26 ސްކޫލެއް ވަނީ ވާދަކޮށްފަ އެވެ. އެގޮތުން ޓީމު އިވެންޓުގައި 19 ސްކޫލެއް ވާދަކުރިއިރު، އަންހެން ބައިގައި 18 ޓީމާއި ފިރިހެން ބައިގައި 24 ޓީމު ވަނީ ވާދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ