ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮތްތޯ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމެޓީއަށް އެހީތެރިކަން ދެއްވާނެ ކަމަށް ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު ވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އެ ތުހުމަތާ ގުޅިގެން ޖޭއެސްސީން ވަނީ އެކަމުގެ ހަގީގަތް ބެލުމަށް ޚާއްސަ ކޮމެޓީއެއް ކުރިން އެކުލަވާލައިފަ އެވެ.
ސުއޫދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭންގްތަކާއި ކޯޓުތަކާއި ގުޅުން އޮތްތޯ ބެލުމަށްޓަކައި ހުޅުވާލާފައިވާ ތަޙްޤީޤެއް ހިންގުމަށް ޖޭއެސްސީ އިން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ. "ޖުޑިސަރީ އިސްލާކު ކުރެވޭނީ ތިފަދަ ފިޔަވަޅުތައް އަޅައިގެން. އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ." ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ސުޕްރީމް ކޯޓުން ވެސް ރިޔާސީ ކޮމިޝަންގައި އެދުނެވެ. ނަމަވެސް އެ މައުލޫމާތުތައް ސުޕްރީމް ކޯޓަށް ދޭން ސުއޫދު ދެކޮޅު ހައްދަވާފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރަން ރިޔާސީ ކޮމިޝަނަށް މުއްދަތެއް ސުޕްރީމް ކޯޓުން ދިން ކަމަށާއި އެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި، އެ މައުލޫމާތު ސުޕްރީމް ކޯޓަށް ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ދޭން އިންކާރުކުރާ ވަކި ސަބަބުތަކެއް ވެސް އެ ސިޓީގައި ބުނެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސުއޫދު ދެއްކި ވާހަކަތަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނެ ކަމަށް ވެސް ޑީޖޭއޭ އިން ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓަށް މައުލޫމާތު ނުދެއްވި ނަމަވެސް ސުއޫދުގެ އެހީ ޖޭއެސްސީއަށް ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ