ސުޕްރީމް ކޯޓު އިންސާފުވެރިކަމަށް ޤަބޫލެއް ނުކުރަން - ހާމިދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ރާއްޖޭގައި އަދުލުއިންސާފު އޮތްކަން ސާބިތުކޮށްދެއްވައިފި ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވި ވިދާޅުވުމަކަށް ރައްދު ދެއްވަމުން، އެ ކޯޓު އިންސާފުވެރި ކަމަށް ޤަބޫލު ނުކުރައްވާ ކަން ދޭހަވާފަދަ މޭރުމަކުން އިދިކޮޅު އިއްތިހާދުގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން، ހާމިދު އަބްދުލް ޣަފޫރު ވާހަކަ ދައްކަވައިފިއެވެ.
ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެކޯޓުން ކުރި ޙުކުމާއި ގުޅިގެން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަތުލުއިންސާފު ދެމިއޮތްކަން ކަމަށެވެ.
މި ވާހަކައަށް ރައްދު ދެއްމުން ހާމިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އެއްވެސް މީހަކު ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ގާސިމް ދައްކަވަނީ "ބޯގޯސް ވާހަކަ" ކަމަށެވެ. އަދި އެކަން މުޅި ދުނިޔެވެސް ޤަބޫލު ނުކުރާ ކަމަށާއި، ޖުޑީޝަރީ އިސްލާހު ކުރުމަކީ މިފަދަ (ގާސިމް ފަދަ) ބޯދާ މީހުންގެ މަސްލަހަތަށް ފުށުއަރާ ކަމެއް ކަމަށް ހާމިދު ވިދާޅުވިއެވެ.
"ކިހާ ދެރަ ކަމެއް! ކާކު ޤަބޫލުކުރާނީ؟" ޤާސިމް ދެއްކެވި ވާހަކައާއި ގުޅޭ ޚަބަރެއް ޢާންމުކުރައްވަމުން ހާމިދު ސުވާލު އުފައްދަމުން ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުން މިދިޔަ އާދީއްތަ ދުވަހު، އިންތިޚާބު ބާތިލު ނުކުރުމަށް ޙުކުމް ކުރުމާއި ގުޅިގެން ގާސިމް ވިދާޅުވެފައި ވަނީ އަނިޔާވެރިކަން އެއީ ހައްޤު ނޫން ކަމާއި، މަކަރާއި ހީލަތަކީ އިންސާފު ނޫންކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދެއްވާފައި ވާކަމަށެވެ. އަދި ނަސްރު ލިބޭނީ ހައްޤު ގޮތުގައި ތިބި ބަޔަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ދެއްކެވި މި ވާހަކަފުޅާއި މެދު ނުރުހުން ފާޅުކޮށް ހާމިދު ޓްވީޓު ކުރައްވާފައި ވާއިރު، މީގެ ކުރިންވެސް ހާމިދު ވަނީ އެކި ފަހަރުމަތިން ފާޅުގައި ގާސިމާއި ޖޭޕީއަށް ފާޑުކިއުން އަމާޒުކޮށްފައެވެ. މީގެ އިތުރުން ކުރިން ގާސިމް ކުރެއްވި ރީޓްވީޓަކާއި ގުޅިގެން ހާމިދު ވަނީ ގާސިމަށް އިންޒާރުދީ، ޖޭޕީގެ "ސައިޒު" ކޯލިޝަންގައި މާ ކުޑަ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ