މީހަކަށް ދޮޅު ލައްކަ ޑޮލަރު ދިނުމަށް މެމްބަރު ނަޝީދަށް ހުކުމް ކޮށްފި
މީހަކަށް ދޮޅުލައްކަ ޑޮލަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ޑރ. އަލަކާ ސިންގްގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރި އެ ދައުވާ ޝަރީއަތުން ބެލިއިރު، ދައުވާގައި ބަޔާންކޮށްފައިވާ 150،000 ޑޮލަރު ދިނުމަށް އެއްބަސްވެ ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދިފައިވާ ކަމަށެވެ. އެ ފައިސާ އަކީ މެމްބަރު ނަޝީދު، ޑރ. އަލަކާ ސިންގް އަށް ދައްކަންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ. އެހެންކަމުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ދަރަނި ޚަލާސްކުރުމަށް ސިވިލް ކޯޓުން އެ ހުކުމްގައި ވަނީ ނަޝީދަށް އަންގާފައެވެ. ސިވިލް ކޯޓުގެ ހުކުމްގައިވާގޮތުން މެމްބަރު ނަޝީދަކީ ޑރ. އަލަކާ ސިންގް އިންވެސްޓުކުރި ސަފާރީއެއް ވިއްކާލުމުގެ މުއާމަލާތެއް ހިންގައިދިން ބޭފުޅެކެވެ. އެ މައްސަލާގައި މެމްބަރު ނަޝީދުގެ މައްޗަށް ޑރ. އަލަކާ ސިންގް ދައުވާ ކުރީ ނަޝީދު ބޭނުންވި މީހަކަށް އެ ސަފާރީ ކުޑަ އަގެއްގައި ވިއްކާލާފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ