ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވާދަކުރައްވާނީ މައްޗަންގޮޅީ އުތުރު ދާއިރާއަށް ކަމަށް އޭނާ އިއުލާންކުރައްވައިފިއެވެ.
ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲގެ ހަޒްރަތުން ވާގިއެދިހުރެ އެންމެންނަށް އިންސާފާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފި ކަމުގައެވެ. މައްޗަންގޮޅީ އުތުރު ދާއިރާއަކީ ފާރިސް ނިސްބަތްވެވަޑައިގެންނަވާ ދާއިރާއެވެ.
ފާރިސް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 2015 ވަނަ އަހަރު ދިއްގަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި އޭރު ހުންނެވި އަހުމަދު ނާޒިމަށް އިއްވި ޖަލުހުކުމާއި ގުޅިގެން ގޮނޑި ގެއްލުމާއެކު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. ކުރިއަށް އޮތް އިންތިޚާބުގައި އަހުމަދު ނާޒިމް ދިއްގަރު ދާއިރާއަށް ނިކުންނަވާނެ ކަމަށް އިއުލާން ކުރައްވާފައިވާއިރު ފާރިސްގެ ބައްޕާފުޅު ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއީދު ނާޒިމަށް އޮތްކަން ހާމަކުރައްވާފައެވެ.
ރައީސް މައުމޫންގެ ތާޢީދާއެކު ފާރިސް މައްޗަންގޮޅި އުތުރު ދާއިރާއަށް ނިކުންނަވާއިރު އެދާއިރާއަށް ދެން ނިކުންނަވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދެވެ. މުހައްމަދު ރަޝީދަކީ ސިޓީ ކައުންސިލްގެ މެމްބަރެކެވެ.
ފާރިސް މައުމޫނަކީ ކޯލިޝަން ސަރުކާރު ވެރިކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ވަކިން ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އޭރު ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ފާރިސްއެވެ.
އިސްލާހަށް ކުރެއްވި މަސައްކަތުގެ ތެރެއިން ފާރިސް ވަނީ އެކި ފަހަރު މަތިން ހައްޔަރުކޮށްފައެވެ. އަދި ދެ ދައުވާއެއް ފާރިސްގެ މައްޗަށް އުފުލިއިރު ޖަލު ހުކުމެއްވެސް ވަނީ ފާރިސްގެ މައްޗަށް އިއްވާފައެވެ. ކުރީ ސަރުކާރުގެ ފަހު ދުވަސްތައް ފާރިސް ހޭދަކުރައްވާފައިވަނީ ޖަލުގައެވެ. އެގޮތުން އެއް އަހަރަށްވުރެ ގިނަ ދުވަހު ފާރިސް ވަނީ ޖަލުގައި ހުންނަވާފައެވެ.
ކޯލިޝަން ސަރުކާރު ގެނައުމަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވުމަށްފަހު ސަރުކާރު އައުމާއެކުހެން ފާރިސް ވަނީ ފެޔަށް ޖެހިވަޑައިގެންފައެވެ. އެކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވެފައިވަނީ ފާރިސް ހުންނެވީ ސާބިތުކަންމަތީ ކަމުގައެވެ. ފާރިސްއަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރައްވާ މެމްބަރުވެސް މެއެވެ.
ފާރިސް މައުމޫން ވާދަކުރައްވަނީ މައްޗަންގޮޅީ އުތުރު ދާއިރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ