ތިނަދޫގައި ހިންގި މާރާމާރީއާއި ގުޅިގެން ޒަޙަމްވި ޒުވާނާ ހަވީރު މާލެ ގެންނަނީ

ގދ. ތިނަދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ހަމަލާދީ ޒަހަމުކޮށްލާފައިވާ އެރަށު އަލްބޭނިއާގޭ އުމުރުން 18 އަހަރުގެ އަހުމަދު ޝާކިރު މިއަދު ހަވީރުގެ ވަގުތެއްގައި މާލެ ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ތިނަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޝާކިރުއަށް ތޫނު އެއްޗެހި ތަކަކުން ހަމަލާ ދިނުމުގެ ސަބަބުން ފުއްޕާމެއަށާއި ބޮލަށް ސީރިއަސް ޒަޚަމްތަކެއް އަދިވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޒުވާނާއަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބައެއް ތަންތަން ވަރަށް ބޮޑަށް ފަޅައިގެން ދިއުމުގެ އިތުރުން ވައަތް ފަރާތު ކޮނޑާ ދިމާލުން ތޫނު އެއްޗެއް ހަރާލުމުގެ ސަބަބުން ފުއްޕާމޭގައި ވައިހެދިފައި ހުރުމުގެ ސަބަބުން އޮޕަރޭޝަން ކުރުމަށްފަހު މިހާރު ވަނީ ހޮޅިއެއް ލައްވާފައެވެ.
ފުލުހުން ބުނީ ރޭ 9:15 ހާއިރު ހިނގި މާރާމާރީ އާއި ގުޅިގެން 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކު ތިނަދޫން ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ޝާކިރުގެ ވައަތް ފަރާތުން ފުއްޕާމެއާ ދިމާލަށް ވަޅިއަކުން ހަމަލާ ދީފައިވާ އިރު، އޭނާގެ ބޮލަށް ހަމަލާދީފައިވަނީ މޮހޮރު ޖަހާފައި ހުރި ފަތި ގަނޑަކުންނެވެ.
އަދި މި ހަމަލާ އޭނާއަށް ދީފައިވަނީ އެ ރަށުގެ ފަޅުގެއެއްގެ ތެރެއަށް ގެންދިއުމަށްފަހު ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ