ކުރެންދޫ ދާއިރާގެ މެމްބަރު އަހުމަދު މޫސާ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަހުމަދު މޫސާ އެޕާޓީއިން ވަކިވެވަޑައިގެންފި އެވެ.
އަހުމަދު މޫސާ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންނެވިއިރު އެޕާޓީގެ ލީޑަރުގެ ވިސްނުމާއި ދެކޮޅަށް މިއަދު ރައްޔިތުންގެ މަޖިލިސްގައި އިތުބާރު ނެތްކަމުގެ ވޯޓު ސިއްރުކުރަން ނުފެންނަ ކަމަށް ވޯޓުދެއްވާފައިވެ އެވެ.
މިއަދުގެ ވޯޓާއި ގުޅިގެން ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީގެ އާންމު މެމްބަރުންގެ މެދުގައި ވެސް ބޮޑެތި ޙިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ،
އަހުމަދު މޫސާ ޖުމްހޫރީ ޕާޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އިއްޔެ ޕާޓީން ވޯޓު ދިން ގޮތުން، އަހުމަދު މޫސާގެ ދާއިރާގައި ހިމެނޭ ކުރެންދޫ އާއި އޮޅުވެލިފުށީގެ ގިނަ ރައްޔިތުންތަކެއް ފޯނުން ގުޅައި ބައްދަލުކޮށް ޝަކުވާތައް ހުށަހަޅާފައިވާ ކަމަށާއި ވީ އެންމެ އަވަސް ފުރުސަތެއްގައި ޕާޓީން ވަކިކޮށްދީ ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީ އަށް ނިސްބަތްވާ ބައެއް އެހެން ބޭފުޅުން ވެސް އިސްލާހު ފާސްކުރަން ވޯޓު ދެއްވި ނަމަވެސް އަހުމަދު މޫސާ ވޯޓު ދެއްވީ ފާސްކުރަން ނުފެންނަ ކަމަށެވެ.
ޖުމްހޫރީ ޕާޓީއިން އެންމެ ފަހުން ވަކިވެވަޑައިގެންފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން ވަކިކުރެއްވީ ގަވައިދާއި ހިލާފަށް ކަމަށް ބުނެ ޖާބިރު އެޕާޓީއިން ވަކިވެވަޑައިގަތުމަށްފަހު ދެން ގުޅިވަޑައިގަތީ އޭނާ މީގެކުރިން ވެސް ހުންނެވި އެމްޑީޕީ އާއި އެވެ.
އޭގެކުރިން ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބް ވެސް އެޕާޓީއިން ވަކިވެވަޑައިގެންނެވި އެވެ. އެދެބޭފުޅުން އެޕާޓީއިން ވަކިވެވަޑައިގެންނެވީ ޙިޔާލު ތަފާތުވުންތަކެއް އުފެދިގެންނެވެ. އަލްހާން ފަހުމީ އަދި ޕާޓީ އަކާއި ގުޅިވަޑައިގެންފައިނުވާއިރު މުއްތޮލިމް މިހާރު ހުންނެވީ އަދާލަތު ޕާޓީގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ