ސިޔާސީ މަޝްރަޙު މިހާރު މިދަނީ ހޫނުވެ، ހައްދުފަހަޅަ އަޅައިގެން - ގާސިމް

ރާއްޖޭގެ ސިޔާސީ މަޝްރަޙު މިހާރު މިދަނީ ހޫނުވެ، ހައްދުފަހަޅަ އަޅައިގެން ކަމަށާއި ސިޔާސީ މަޝްރަޙު ހޫނުވަމުންދާ ދިއުމުގައި، ފެންނަމުންދަނީ ރާއްޖޭގައި ނަންކިޔާ ދެޕާޓީއެއް އޮންނަ އޮތުންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ލ.މާބައިދޫ އާއި ލ. ދަނބިދޫ އަދި ލ.ގަމުން ޖުމްހޫރީޕާޓީ އާއި އަލަށް ގުޅިވަޑައިިގަންނަވާ 60 ބޭފުޅުން ޕާޓީއަށް ސޮއިކުރުމަށްޓަކައި ރޭ ޖުމްހޫރީޕާޓީގެ ހެޑްއޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ކަންކަމުގައި ތަބާވާންވީ މެދުމިނުގެ އުޞޫލުތަކަށް ކަމަށާއި އެހެންނޫނީ މިޤައުމަށް އަމާން މުސްތަޤްބަލެއް ލިބިގެންނުދާނެ ކަމަށެވެ. އަދި މިކަމާއި ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖުމްހޫރީޕާޓީ އަކީ ވަކިބަޔަކާ، ނުވަތަ ވަކިޕާޓީއަކާއި ދިމާކުރުމުގެ ވިސްނުން ގެންގުޅޭނެ ޕާޓީއެއް ނޫންކަމަށާއި ޖުމްހޫރީޕާޓީގެ ވިސްނުމަކީ މީހުންނާ ދިމާކުރުމުގެ ބަދަލުގައި ޤައުމަށް ހަމަޖެހުމާއި އަމާންކަން ގެނެސްދީ، އިޖުތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިއެރުން ގެނެސްދެއްވުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީޕާޓީ އާއި ލ.އަތޮޅުން ރޭ ގުޅިވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް، އެބޭފުޅުންނަކީ ރެއިން ފެށިގެން ޕާޓީގެ މެމްބަރުންކަން ދެނެތިއްބަވައިގެން މަސައްކަތް ކުރެއްވުމަށާއި، ރެއިން ފެށިގެން މިޕާޓީއަށް ލިބޭ ކޮންމެ މޮޅަކާއި ދެރައެއްގައި ޙިއްސާވެލެއްވުމަށް ލީޑަރު ގޮވާލެއްވިއެވެ. އަދި ކޮންމެ ބޭފުޅަކުވެސް ޕާޓީ ކުރިއެރުވުމަށް ބާރުސްޕީޑްގައި މަސައްކަތްކޮށްދެއްވާ، ޤައުމު އަމާންކަމާއި ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދިނުމުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ޖޭޕީ އާއި އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުން ޖުމްހޫރީޕާޓީ ޚިޔާރުކުރަން ނިންމީ ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް ބަލާއިރު، ޤާސިމް އިބްރާހީމް އަށްވުރެ ރައްޔިތުންގެ އިޙްސާސްތައް ފުރިހަމައަށް ދެނެވަޑައިގަންނަވާ ބޭފުޅަކު ނެތުމުން ކަމަށާއި، އަދި ސިޔާސީ މައިދާނުގައި އިސްލާޙަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ އެންމެ އިސްސަފުގައި ހުންނެވި ބޭފުޅަކީ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށްވުމީ ޖޭޕީ ޚިޔާރުކުރެއްވި މައިގަޑު ސަބަބުކަމުގައި ވިދާޅުވިއެވެ. އަދި މިރޭން ފެށިގެން ޖުމްހޫރީޕާޓީ ޕްރޮމޯޓްކޮށް، ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލީޑަރަށް ދެއްވިއެވެ.
ރޭގެ މިރަސްމިއްޔާތުގައި ޖުމްހޫރީޕާޓީގެ ނައިބުރައީސް އަމީން އިބްރާހީމްވެސް ވާހަކަފުޅު ދެއްކެވިއެވެ. އަމީންގެ ވާހަކަފުޅުގައި، ޖޭޕީ އާއި ގިނަޢަދަދެއްގެ ޒުވާނުން ގުޅެމުންދާ މަންޒަރު ފެނުމީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށާއި، ޕާޓީއަށް ގިނަ ޒުވާނުން ގުޅި، ޕާޓީ އިތުރަށް ޅަވެގެން ދިއުމުން ޕާޓީގައި އިތުރަށް ހިތްވަރާއި ޖޯޝް އުފެދި ، ޕާޓީގެ ދުވެލި ހަލުވި ވެގެން ދާނެކަމަށް ވިދާޅުވިއެވެ.
އަދި 2013 ގެ އިންތިޚާބުގައި ﷲގެ ވާގިފުޅާއެކު ޖުމްހޫރީޕާޓީއަށް ކަމިޔާބު ލިބި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށް ވެއްޖެނަމަ އެކި ދާއިރާތަކުން ޒުވާނުންނަށް ލިބިގެންދާނެ ތަފާތު ފުރުޞަތު ތަކުގެ މައްޗަށް ބައްލާވާ ލެއްވިއެވެ. އެގޮތުން ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުޞަތުތަކާއި، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ޤާސިމް އިބްރާހީމް، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ޒުވާނުންނަށް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަމުގެ މައްޗަށްވެސް އަމީން ބައްލަވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ