ސްރީލަންކާގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑިއްޖެ

(ކޮލޮމްބޯ، ސްރީލަންކަ): ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންދާ އަދި ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ސްރީލަންކާގެ ހުރިހާ ހިސާބަކުން ކަރަންޓު ކެނޑިއްޖެއެވެ.
މިރޭ ސްރީލަންކާ ގަޑިން 23:50 ހާއިރު ސްރީލަންކާގެ ހުރިހާ ކަންކޮޅުތަކުން ކަރަންޓު ވަނީ ކެނޑިފައެވެ. އޭގެތެރޭގައި ދިވެހީން އެންމެ ގިނައިން ދިރިއުޅޭ ކޮލޮމްބޯ އަދި ދެހިވަލަ ވެސް ހިމެނެއެވެ.
މައުލޫމާތު ލިބޭ ގޮތުން، ސްރީލަންކާގެ ގިނަ އަވަށްތަކަކުން އެއްކޮށް ވަނީ ކަރަންޓު ކެނޑިފައެވެ. އެގޮތުން ހުޅަނގު ޕްރޮވިންސްގެ ކޮލޮމްބޯ އަދި ގަމްޕަހަ އަވަށާއި ސެންޓަރަލް ޕްރޮވިންސްގެ ކެންޑީ އަދި އިރުމަތީ ޕްރޮވިންސްގެ ބަޓިކަލޯ އިން ވެސް ވަނީ ކަރަންޓު މުޅިން ކެނޑިފައެވެ.
ސްރީލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން ބައެއް ސަރަހައްދުތަކަށް ކަރަންޓު ހިދުމަތް ދިނުން އަލުން ފެށުނު ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ އަނެއްލާވެސް ކަރަންޓު ގޮސްފައެވެ.
މިކަމާ ގުޅޭގޮތުން ސިލޯންގެ އިލެކްޓްރިސިޓީ ބޯޑުން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު ސީއީބީގެ ފޯން ލައިން ވެސް ކެނޑި، ވެބްސައިޓް ވެސް ވަނީ ޑައުންވެފައެވެ. އަދި ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކަރަންޓު ކެނޑިފައިވާތީ، އެއާޕޯޓް މިހާރު އޮޕަރޭޓްކުރަމުން ދަނީ އެމަޖެންސީ ޕަވާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ