ކޮނޑޭ ކައުންސިލުގެ ތިޖޫރި ފަޅައިލި މައްސަލައިގައި ހައްޔަރުކުރި ދެމީހުން ކޯޓުން ދޫކޮށްލައިފި

ގއ.ކޮނޑޭ ކައުންސިލުގެ ތިޖޫރި ފަޅައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުން ގއ.ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ.
ކޮނޑޭ ކައުންސިލުގެ ތިޖޫރި ފަޅާލާފައިވަނީ، އެރަށުގައި ރައްޔިތުން ތައްޔާރުކޮށްފައިވާ މަރިޔާދުގެއެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ރަށު ކައުންސިލުގެ މުވައްޒަފުން ދިޔަ ވަގުތެވެ.
"ވަގުތަށް" މަޢުލޫމާތު ދެއްވަމުން ކޮނޑޭ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ، އާމިރު ސަޢީދު ވިދާޅުވީ މަރިޔާދު ގޭގައި ރޭކޮށްލާފައިވަނީ ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށައެޅުމަށްފަހު، އިތުރަށް ތަޙްޤީޤް ކުރުމަށް ކައުންސިލްގެ އިދާރާއަށް ދިޔައިރު، އެއިދާރާގައި ހުރި ތިޖޫރީ ފަޅާލާފައިވާކަމަށެވެ.
"މަރިޔާދު ގޭގައި ރޯކޮށްލި މައްސަލަ ތަހްޤީޤް ކުރުމަށް ފުލުހުންނާއި އެކު އަޅުގަނޑުމެން ކައުންސިލް އޮފީހަށް ވަތްއިރު ތިޖޫރީ ފަޅާލާފަ ހުއްޓާ ފެނުނީ. އޭގެ ކުރިން އަޅުގަނޑުމެންނަކަށްވެސް ނޭނގޭ ތިޖޫރީ ފަޅާލާފައި ވާކަމެއް. ސީދާ ކިހާ ފައިސާ އެއް ހުންނާނެތޯ ދަންނަވަން އަދި ދަތި. ސާޅީސް އަށްހާހަށް ވުރެ ގިނަ ރުފިޔާ ހުންނާނެކަމަށް ލަފާކުރެވެނީ" އާމިރު ވިދާޅުވިއެެވެ
ކޮނޑޭ ކައުންސިލުގެ ތިޖޫރި ފަޅައިލި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 26 އަހަރުގެ މީހެކެވެ. މިދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓު ކޯޓަށް ގެންދިއުމުން، ކޯޓުން ވަނީ އެދެމީހުން ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ