ރައީސް ނަޝީދަށް އަދުރޭ: ރިޔާސީ ކެންޑިޑޭޓަކީ އަދި އިދިކޮޅު ލީޑަރަކީ ވެސް ރައީސް ޔާމީން

ވާދަވެރި ސިޔާސީ ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް ރައްޔިތުންނަށް އެނގުން މުހިންމު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ޕީއެންސީގެ ރައީސް، އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ރައްދުދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވާދަވެރިންނަކީ ކޮން ބައެއްކަން، ވާދަވެރިންނަށް އެނގެންޖެހޭ ކަމަށާއި އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވުން ބޭނުންތެރި ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވީ ޖަލުގަ އެވެ. އަދި އެމަނިކުފާނުގެ ޕާޓީ، ޕީޕީއެމުން ގެންދަނީ ތަކުރާރުކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
އެކަމަށް ރައްދު ދެއްވައި އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލްގެ އިއްތިފާގުން 2023 ވަނަ ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައަޅައި ނިންމާފައިވާ ކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށާއި އަދި އިދިކޮޅު ލީޑަރަކީ ވެސް އެމަނިކުފާނު ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ