ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމުގެ ބިލަށް ޚިޔާލު ހޯދަން މަޖިލީހުން ބޭއްވި ފޯރަމްގައި އެ ދާއިރާގައި މަސައްކަތް ކުރެއްވި އަދި މިހާރުވެސް ކުރައްވާ އިސް ބައެއް ބޭފުޅުންގެ ގިނަ ޚިޔާލުތަކެއް ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ތައުލީމުގެ ބިލަށް ޚިޔާލު ހޯދަން މިރޭ ބޭއްވި ފޯރަމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުންނާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅުންނާއި އާންމުން ވެސް ބައިވެރިވި އެވެ.
ރައީސް އަނބިކަނބަލުން ފަޒްނާ އަހުމަދު ހުށަހެޅުއްވި ޚިޔާލަކީ އެއް ކްލާހެއްގައި ތިބޭނެ ދަރިވަރުންގެ އަދަދު ކަނޑައަޅާ ރޭޝިއޯއެއް ހެދުމެވެ. އެ ޚިޔާލަށް އެ ފޯރަމްގައި ބައިވެރިވި ގިނަ ބޭފުޅުން ތާއީދު ކުރެއްވި އެވެ.
"ކޮންމެވެސް ކަނޑައެޅޭ ރޭޝިއޯއެއް އެބަޖެހޭ އޮންނަން. ސްޓޫޑެންޓް، ޓީޗާ ރޭޝިއޯއެއް،" ކުރިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ފަޒްނާ ވިދާޅުވި އެވެ.
މި ޚިޔާލަށް އެ ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ބޭފުޅުން ތާއީދު ކުރެއްވި އެވެ.
މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ ޓީޗަރުންގެ އިތުރުން ސްކޫލްތަކުގައި ގިނަވެގެން ކިޔެވޭނެ ދަރިވަރުން ވެސް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. ސްކޫލްތަކުގައި ދަރިވަރުން މާ ބޮޑަށް އިތުރުވުމުން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓީޗަރަކަށް ފަހަރު ގިނަވެގެން ކިޔަވައިދެވޭނެ އަދަދެއް އޮންނަ ފަދައިން ޕްރިންސިޕަލަކަށް ވެސް އޮންނާނެ އެންމެ ގިނަ އަދަދެއް،" އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ ޓީޗަރު ކަމުގެ ލައިސަންސް ދިނުމުގެ ވާހަކަ ބިލުގައި ބަޔާން ކުރާއިރު، އެކަށީގެންވާ މިންވަރަށް ޓީޗަރުން ތަމްރީން ކުރެވޭނެ ނިޒާމެއް އަންނަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ދަރިވަރުންގެ ފެންވަރު ދަށްވާނެ ކަމަށާއި ފެންވަރު ހިފަހައްޓަން ގިިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ އަނބިކަނބަލުން ފަޒްނާ (މ) ފޯރަމްގައި ބައިވެރިވެ ވަޑަައިގަންނަވަނީ -- ފޮޓޯ/މަޖިލިސް
"ސްކޫލްތަކުން ނެރެވޭ ކުދިންގެ ފެންވަރު ދަށްވީމަ ނެރެވެނީ ދަށް ފެންވަރުގެ ޓީޗަރުން. އެހެންވީމަ ދެން އުފެދެނީ އެއަށް ވުރެ ދަށް ފެންވަރުގެ ދަރިވަރުން. ކޮންމެވެސް އެއް ހިސާބުން ހިތްވަރެއް ކޮށްލާފައި ނޫނީ ކުރިއަށް ދިއުން ނޫން ގޮތެއް ނެތް މިހާރު،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަޖެޓުގެ ވަކި ޕަސެންޓެއް ތައުލީމަށް ޚަރަދު ކުރަންޖެހޭ ގޮތަށް އެ ބިލުގައި ހިމަނަން ޖެހޭނެ އެވެ. އަދި ހުރިހާ ކަމެއް ތައުލީމީ ނިޒާމާ ގުޅިފައިވާކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ މިހާރު ބަޖެޓުން ތައުލީމީ ދާއިރާ ކުރިއަރުވަން ޚަރަދު ކުރަނީ ވަރަށް ކުޑަ ޕަސެންޓެއް ކަމަށާއި އެކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއަށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށެވެ.
"ތައުުލީމަށް އިންވެސްޓް ކުރާ 10 ރުފިޔާ އަކީ ފަހުން އަޅުގަނޑުމެންނަށް ސަލާމަތް ކުރެވޭ 1،000 ރުފިޔާ. އަޅުގަނޑު ދެކޭ ގޮތުގައި މި ބިލުގައި އޮތުން ވަރަށް މުހިންމު ދައުލަތުގެ ބަޖެޓުގެ މަދުވެގެން މިވެނި މިންވަރެއް ތައުލީމަށް ޚާއްސަ ކުރަން ޖެހޭނެއޭ. ދެން އެއީ ކެޕިޓަލް ކޮސްޓެއް ނޫން. އިމާރާތް ހަދާ ވާހަކައެއް ނޫން މި ދައްކަނީ،" އިބްރާ ވިދާޅުވި އެވެ.
މީގެ އިތުރުން ތައުލީމީ މުގައްރިރު ފުރިހަމައަށް ތަންފީޒުކުރަން ލާޒިމްކުރުމަށާއި އާންމު ތައުލީމު ގެއްލިގެންދާ ގޮތަށް ވޮކޭޝަނަލް އެޑިއުކޭޝަން ނުދިނުމަށް އިސްކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ތައުލީމުގެ ތެރެއިން ކުޅިވަރުގެ އުސޫލުތަކެއް ވެސް ހިމަނަން އޭނާ ހުށަހެޅުއްވި އެވެ. އަދި ހައްދު ފަހަނައަޅައި ދިއުމާ ދެކޮޅަށް ވެސް މުގައްރަރުގެ ތެރެއިންނާއި ގާނޫނުގެ ތެރެއިން އުސޫލުތަކެއް ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ބޮޑަށް އިސްލާމީ އުސޫލުތަކަށް ކުދިން އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށާއި ވާޖިިބުތައް އަދާކުރުމަށް އަމާޒުކޮށްގެން މަދަރުސީ ބައިި ގެންދަން ޖެހޭނީ،" އިބްރާ ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޖިންސީ ގޯނާ އާއި މަސްތުވާތަކެތީގެ ވަބާ ފަދަ މުޖްތަމައުގައި ދިމާވަމުންދާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ގެންނަން އެންމެ މުހިންމު އެއް ބިލަކީ ތައުލީމުގެ ބިލް ކަމަށެވެ. އަދި މައްސަލަަތައް ދިމާވާން ފެށުމުން އެކަމަށް ހައްލެއް ހޯދަން އުޅުމުގެ ބަދަލުގައި ތައުލީމީ ނިޒާމުގެ ތެރެއިން އެފަދަ ކަންކަމަށް ހޭލުންތެރި ކުރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މައްސަލައެއް އެބަ އުޅެއެއް ނޫންތޯ އަޅުގަނޑުމެން އެޑްރެސް ކުރަންޖެހޭ. މައްސަލަ އެޑްރެސް ކުރަން އެންމެ މުހިންމު ބިލް މި ބިލަކީ،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވެސް ވިދާޅުވި ގޮތުގައި ދިވެހި ޓީޗަރުން އެކަށީގެންވާ މިންވަރަށް ނުލިބުމަކީ މިހާރު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ދާއިރާ އަށް އިތުރަށް ދިވެހިން ގެނައުމަށްޓަކައި ގާނޫނުގައި މުހިންމު ކަންތައްތަކެއް ހިމަނަން އޭނާ ގޮވާލެއްވި އެވެ.
ބޮޑަށް އިސްލާމީ އުސޫލުތަކަށް ކުދިން އުޅުމަށާއި އަގީދާ ވަރުގަދަ ކުރުމަށާއި ވާޖިިބުތައް އަދާކުރުމަށް އަމާޒުކޮށްގެން މަދަރުސީ ބައިި ގެންދަން ޖެހޭނީ: އިބްރާ
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ރަނގަޅު ފެންވަރުގެ ޓީޗަރުން ސްކޫލްތަކުގައި ތިބުމަށް އެ ބިލުގެ ތެރެއިން ބާރު އެޅޭނެ ގޮތްތަކެއް ހޯދަން ޖެހޭނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ތައުލީމުގެ ބިލް އޮތްގޮތުން ޓީޗަރުންނަށް އިތުރު ހައްގުތަކެއް ކަށަވަރު ކުރެވިގެންދާނެ ކަމަށާއި ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ލިބޭ ހައްގުތަކުގެ އިތުރަށް ވެސް ހައްގުތަކެއް ޓީޗަރުންނަށް އެ ބިލްގެ ދަށުން ލިބޭނެ ކަމަށެވެ. އަދި ޓީޗަރުންނަށް ލައިސަންސް ދޭން އެ ބިލުގެ ދަށުން ފެށުމުން ޓީޗަރުންގެ ފެންވަރު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަތީ ދަރަޖައިގެ ލައިސަންސް ހޯއްދަވާ ބޭފުޅުންނަށް އިނާޔަތް ރަނގަޅުވެގެން ދިއުމަކީ ތައުލީމީ ނިޒާމަށް ގެނެވޭނެ ހެޔޮ ބަދަލެއް."
އަބްދުﷲ ވިދާޅުވި ގޮތުގައި އެ ބިލް އޮތްގޮތުން އުމުރުން 18 އަހަރު ވަންދެން ތައުލީމީ ނިޒާމުގައި ކުދިން ގެންގުޅެންޖެހޭ ގޮތަށް އެ ބިލުގައި ހިމެނުމަކީ މުހިންމު ބޮޑު ބަދަލެކެވެ. އެ ބިލް އޮތްގޮތުން އޯ ލެވެލް ނިންމުމަށް ފަހު އޭލެވެލް އަށް ޝަރުތު ހަމަނުވާ ކުދިންނަށް ކިޔަވައިދޭނެ އެހެން ނިޒާމެއް ސަރުކާރުން ގާއިމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލްގައި ކިޔަވާ ކިޔެވުމުގެ އިތުރަށް ޓިއުޝަން ދިނުން ފަދަ ކަންކަން އެ ބިލުގައި ހިމެނުމަށް އާންމުންގެ ބައެއް މީހުން ޚިޔާލު ހުށަހެޅި އެވެ. އަދި ސްކޫލަށް ނުފޮނުވާ ކުދިންގެ މައުލޫމާތު ސަރުކާރު ބެލެހެއްޓުމަށާއި ކިޔަވައިދޭ ތަންތަން ސަރުކާރުން ބަލަހައްޓާނެ ނިޒާމެއް އޮންނަން ޖެހޭ ގޮތަށް ހިމަނަން ވެސް އެ ބިލުގައި ހިމަނަން ބައެއް މީހުން ޚިޔާލު ހުށަހެޅި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލަށް ނުފޮނުވާ ކުދިންގެ މައްސަލަތަކުގައި މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވެސް އަޅާ ކަމަށާއި ކިޔަވައިދޭ ތަންތަން މޮނީޓާ ވެސް ކުރާ ކަމަށެވެ.
ތައުލީމުގެ ބިލް މިހާރު އަންނަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާ ކުރަމުންނެވެ. ތައުލީމުގެ ބިލުގެ އިތުރުން މަތީ ތައުލީމުގެ ބިލެއް ވެސް މަޖިލީހުގައި އެބައޮތެވެ.
ތައުލީމުގެ ބިލަށް ދާއިރާގެ ތަޖުރިބާކާރުންގެ ގިނަ ޚިޔާލުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ